ބެއިޖިން ހޮސްޕިޓަލެއްގެ ރިސެޕްޝަނުގައި ބެލެނިވެރިންނާއި ކުޑަކުދިންތަކެއް އިއްޔެ މަޑުކޮށްލައިގެން

ޗައިނާ

ގިނަ އަދަދެއްގެ ކުޑަކުދިން ބަލިވެ ބެއިޖިންގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެއްޖެ

އާ ވައިރަސްއެއް ނުވަތަ ޕެތޮޖެންއެއް ފެތުރެމުންދާ ކަމުގެ ނިޝާނެއް ފެނިފައި ނުވާ ކަމަށް ޗައިނާގެ ސިއްހީ މާހިރުން ބުނޭ
24 ނޮވެމްބަރު 2023

ޗައިނާގެ ވެރިރަށް ބެއިޖިން އާއި އުތުރު ޗައިނާ ސަރަހައްދުގެ ކުޑަކުދިންގެ މެދުގައި ނޭވާލާ ނިޒާމުގެ ބަލިތަކެއް ފެތުރި ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެއްޖެ އެވެ.

މި ހާލަތު މެދުވެރިވެފައި މިވަނީ ކޮވިޑް-19އާ ގުޅިގެން އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތައް އުވާލި ފަހުން އަންނަ ފުރަތަމަ ފިނި މޫސުމާ ދިމާކޮށެވެ.

ޗައިނާ ސަރުކާރާއި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށްފައިވާ ގޮތުގައި، އުތުރު ބޮޑެތި ސިޓީތަކުގައި ޑޮކްޓަރަށް ދެއްކުމުގެ ކިއު ދިގުދެމި އެތައް ގަޑިއިރަކު މަޑުކުރަން އާންމުންނަށް ވަނީ މަޖުބޫރުވެފަ އެވެ.

ބެއިޖިން ޗިލްރަންސް ހޮސްޕިޓަލްގެ އޮފިޝަލަކު ސަރުކާރުގެ މީޑިއާއަށް އަންގާރަ ދުވަހު ވިދާޅުވީ މިހާރު އެ ހޮސްޕިޓަލުން ދުވާލަކަށް ބަލަމުން އަންނަ 7،000 ބަލިމީހުންގެ އަދަދަކީ އެ ހޮސްޕިޓަލުގެ ކެޕޭސިޓީއަށް ވުރެ މާ ބޮޑު އިތުރުވުމެއް ކަމަށެވެ. އަދި ބެއިޖިންއާ ޖެހިގެން އޮތް ޓިއަންޖިންގައި ހުރި އެންމެ ބޮޑު ކުޑަކުދިންގެ ހޮސްޕިޓަލުގައި އެއް ދުވަހަށް ޑޮކްޓަރަށް ކުޑަކުދިންގެ އަަދަދު މިދިޔަ ހޮނިހިރު ދުވަހު ވަނީ 13،000 އަަށް ވުރެ މައްޗަށް އަރާފަ އެވެ. މިއީ ރެކޯޑެއް ވެސް މެ އެވެ.

އަނެއް ކޮޅުން ބެއިޖިންގެ ފްރެންޑްޝިޕް ހޮސްޕިޓަލްގެ މުވައްޒަފަކު ސީއެންއެންއަށް ބުނީ ކުޑަކުދިންގެ ޑޮކްޓަރަކަށް ދައްކަން މިހާރު މުޅި ދުވަސް ނަގާ ކަމަށެވެ. 

"މި ވަގުތު މިތާ ވަރަށް ގިނަ ކުޑަކުދިން އެބަ ތިބި. އިމެޖެންސީ އެޕޮއިންޓްމަންޓް އިއްޔެ ހެދި މީހުން ވެސް މިއަދު ހެނދުނާ ހަމައަށް އައި އިރު ޑޮކްޓަރަކަށް އަދިވެސް  ނުދެއްކޭ،" އޭނާ ބުންޏެވެ.

ގިނަ އަދަދަކަށް ކުޑަކުދިން ބަލިވަމުން މި ދަނީ މޫސުމީ ބަލިތައް ކަމަށް ވާ އިންފްލުއެންޒާ، ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް (އާރްއެސްވީ) އަދި މައިކޮޕްލަސްމާ ނިއުމޯނިއާގެ ސަބަބުން ކަމަށް ބެއިޖިން އާއި ބޮޑެތި އެހެން ސިޓީތަކުގެ އޮފިޝަލުން ބުނެ އެވެ.

ޗައިނާގެ އިތުރުން އެމެރިކާ ފަދަ ދުނިޔޭގެ އުތުރުގައިވާ ގައުމުތަކުގެ ކުޑަކުދިންގެ މެދުގައި ވެސް އާރްއެސްވީ ބަލި އަންނަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ.

ނަމަވެސް ޗައިނާއަށް ކުރިމަތިވެފައިވާ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ވަކިން ހާއްސަކޮށް އައިސްފައި ވަނީ އެ ގައުމުގައި ފެތުރެމުން ދާ ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއާ ހިއްސާކުރަން ބުދަދުވަހު އެދުމާ ގުޅިގެންނެވެ.

ޗައިނާގެ ސިއްހީ އޮފިޝަލުންނާ މަޝްވަރާކޮށް އަދި ތަފާސްހިސާބުތައް ބެލުމަށް ފަހު ޑަބްލިއުއެޗްއޯ އިން އިއްޔެ ބުނީ މައިކޮޕްލަސްމާ ނިއުމޯނިއާ ޖެހިގެން ގިނަ އަދަދެއްގެ ކުޑަކުދިން މިދިއަ މޭމަހު ޑޮކްޓަރަށް ދެއްކި ކަމަށެވެ. މޫސުމީ އާރްއެސްވީ، އެޑެނޮވައިރަސް އަދި އިންފްލުއެންޒާ ޖެހިގެން އޮކްޓޯބަރުން ފެށިގެން ގިނަ ކުޑަކުދިންތަކެއް ޑޮކްޓަރަށް ދަައްކަމުން ދާ ކަމަށް ވެސް ބުންޏެވެ.

"މިއީ ކުރިން ތަޖުރިބާ ކުރެވިފައިވާ ވަރަށް ވުރެ އަވަހަށް ކުރިމަތިވި  އިތުރުވުންތަކެއް. އެކަމަކު ކޮވިޑް-19ގެ ފިޔަވަޅުތައް އުވާލުމާ ގުޅިގެން އެހެން ގައުމުތަކުން ވެސް މި ހާލަތު ވަނީ ތަޖުރިބާކޮށްފައި،" ޑަބްލިއުއެޗްއޯ އިން ބުންޏެވެ. 

މި ބަލިތައް ފެތުރުން މާ ބޮޑަށް އިތުރުވާން ދިމާވި ވަކި ހާއްސަ އާ ސަބަބެއް ނުވަތަ ޖަރާސީމެއް/ވައިރަސްއެއް ނެތް ކަމަށް ޗައިނާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ޗައިނާގެ އުތުރުގެ ކުޑަކުދިންގެ މެދުގައި ފެތުރެމުން ދާ ނޭވާލާ ނިޒާމުގެ ބަލިތަކާ ގުޅޭ (ވީޑިއޯ/ފްރާންސް 24 އިންގްލިޝް)

ޗައިނާގެ ހާލަތު ވަރަށް ގާތުން ބަަލަމުން އަންނަ ބޭރުގެ މާހިރުން ވެސް ބުނަނީ އާ ވައިރަސްއެއް ނުވަތަ ޕެތޮޖެންއެއް ފެތުރެމުން ދާކަމުގެ ހެއްކެއް ފާހަގަވެފައި ނެތް ކަމަށެވެ. އަދި ކުރިމަތިވެފައިވާ ހާލަތާ ބެހޭ މައުލޫމާތުތައް އާންމުކޮށް ހިއްސާކުރަމުން ދާން ޗައިނާ ސަރުކާރަށް އެ ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް