އުތުރު ކޮރެއާގެ ރޮކެޓެއް.

އުތުރު ކޮރެއާ

ދެކުނާ އެކު އެކު އޮތް އަސްކަރީ އެއްބަސްވުމަށް އަމަލުކުރުން އުތުރު ކޮރެއާއިން ހުއްޓާލައިފި

އުތުރު ކޮރެއާ އިން ވަނީ މި ހަފްތާގައި ޖާސޫސީ ސެޓެލައިޓެއް ލޯންޗުކޮށް، މި އެއްބަސްވުމާ ހިލާފުވެފައި
23 ނޮވެމްބަރު 2023

އަސްކަރީ ނުތަނަވަސްކަން މައިތިރި ކުރުމަށް ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު މީގެ ފަސް އަހަރު ކުރިން ގާއިމުކޮށްފައި އޮތް އެއްބަސްވުމެއް އުތުރު ކޮރެއާއިން ސަސްޕެންޑްކޮށްފި އެވެ.

އުތުރު ކޮރެއާ އިން ކާމިޔާބުކަމާ އެކު ޖާސޫސީ ސެޓެލައިޓެއް މިދިޔަ އަންގާރަ ދުވަހު ލޯންޗު ކުރުމާ ވިދިގެން ދެކުނު ކޮރެއާ އިން ވަނީ މި އެއްބަސްވުމުގެ ބައެއް ސަސްޕެންޑުކޮށް، ބޯޑަރު ކައިރިން ސާވެއިލަންސް ފްލައިޓުތައް ދުއްވަން އަލުން ފަށާނެ ކަމަށް ބުނެފަ އެވެ.

ރައްދުގައި އުތުރު ކޮރެއާ އިން ވަނީ މި އެއްބަސްވުން އެކީ ހުއްޓުމަކަށް ގެނެސް، ބޯޑަރު ސަރަހައްދު އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އިންޒާރު ދީފަ އެވެ.

"މީގެ ފަހުން، 19 ސެޕްޓެމްބަރުގައި ހެދި ނޯތު-ސައުތު އަސްކަރީ އެއްބަސްވުމަށް އަހަރެމެންގެ އަސްކަރިއްޔާއިން އަމަލެއް ނުކުރާނެ،" އުތުރުން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.

އެއްގަމާއި ކަނޑާއި ވައިގެ މަގުން އަސްކަރީ ކުރިމަތިލުމެއް ހިނގާފާނެތީ އެފަދަ ކަންކަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާލާނެ ކަމަށް އުތުރުން ވަނީ އިންޒާރު ދީފަ އެވެ. 

އުތުރު ކޮރެއާ އިން އަންގާރަ ދުވަހު ލޯންޗުކުރި ޖާސޫސީ ސެޓެލައިޓް އޯބިޓަށް ވަދެފައިވާ ކަމަށާއި އެ ސެޓެލައިޓް މަސައްކަތް ކުރޭތޯ ބަލަން އަދި އަވަސް ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ. އުތުރުގެ މި ލޯންޗު ސޯލް އިން ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވާއިރު، ބޯޑަރު ކައިރީ ސާވެއިލެންސް އޮޕަރޭޝަންތައް ފަށަން ދެކުނު ކޮރެއާއިން ވަނީ އިއްޔެ ހެނދުނު ނިންމާފަ އެވެ.

ސޯލްގެ މި ނިންމުމަކީ ދެކުނު ކޮރެއާއިން އަސްކަރީ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން "ފެއިލުވުމުން" ދެކުނު އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަމަށް އެމެރިކާގެ އޮފިޝަލަަކު ވަނީ ވިދާޅުވެފަ އެވެ.

އުތުރު ކޮރެއާއިން ޖާސޫސީ ސެޓެލައިޓެއް ލޯންޗު ކުރުމާ ގުޅޭ (ވީޑިއޯ/ސްކައި ނިއުސް އޮސްޓްރޭލިއާ)

ޖާސޫސީ ސެޓެލައިޓެއް ލޯންޗު ކުރުމަކީ ޖެނުއަރީ 2021ގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އިއުލާނުކުރެއްވި ފަސް އަހަރުގެ އަސްކަރީ ތަސައްވުރުގެ މުހިންމު ބައެކެވެ. މި ސެޓެލައިޓާ ގުޅިގެން އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ހަރަކާތްތަކާ ބެހޭ މައުލޫމާތުތައް ޕްޔޯންގްޔޭންގަށް ކޮންމެ ވެސް ވަރަކަށް ނަގައި ގަނެވޭނެކަމަށް ބެލެވެ އެވެ.

ގުއާމްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާ ބެހޭ ފޮޓޯތައް ލީޑަރު ކިމް މިހާރު ބައްލަވަން ފައްޓަވާފައިވާ ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް