ކޮލެރާ ފެތުރިފައި ވަނީ ސާފު ބޯފެން ނުލިބުމުން ކަމަށް ބައެއް ފަރާތްތަކުން ބުނޭ.

ޒިމްބާބްވޭ

ޒިމްބާބުވޭގައި ކޮލެރާ ފެތުރި އިމަޖެންސީ އިއުލާނުކޮށްފި

ކޮލެރާ ފެތުރި ޒިމްބާބްވޭގައި 2008 ވަނަ އަހަރު 4،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި
17 ނޮވެމްބަރު 2023

ޒިމްބާބުވޭގެ ވެރިރަށް ހަރާރޭގައި ހަލުވިކަމާ އެކު ކޮލެރާ ފެތުރުމާ ގުޅިގެން ސިއްހީ އިމަޖެންސީއެއް އިއުލާނު ކޮށްފި އެވެ.

މިހާތަނަށް ކޮލެރާ ޖެހިގެން ބައެއް މީހުން މަރުވެފައިވާ އިރު، 7،000އަށް ވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ.

އަދި މުޅި ހަރާރޭގައި ފެތުރެމުން އަންނަ މި ބަލިމަޑުކަމާ ގުޅިގެން 2008 ވަނަ އަހަރު ކޮލެރާ ފެތުރި އެތައް ހާސް ބަޔަކު މަރުވި ހަނދާންތައް އަނެއްކާ ވެސް އާވެގެން ގޮސްފައިވާ ކަމަށް ހަރާރޭގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

"ކޮލެރާއާ ގުޅިގެން އަހަރުމެން މިވަނީ އިމަޖެންސީ ހާލަތެއް އިއުލާނުކޮށްފައި،" ހަރާރޭގެ މޭޔަރު އިއަން މަކޯނޭ ވިދާޅުވިކަމަށް ސަރަހައްދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިބަލި ފެތުރުން ހުއްޓުވާ ސާފު ރައްކާތެރި ފެން ފޯރުކޮށްދޭން އެހީތެރިވުމަށް ވުޒާރާތަކުން ވަނީ ގޮވާލާފަ އެވެ. އަދި ބަލި ކޮންޓްރޯލު ކުރުމަށް އެކަށީގެންވާ މިންވަރަށް އެހީތެރިކަން ލިބެމުން ނުދާކަމަށް ވެސް ހަރާރޭގެ އޮފިޝަލުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ރެޑް ކްރޮސް (އައިއެފްއާރްސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހަލުވިކަމާ އެކު ކޮލެރާ ފެތުރެމުން ދިޔުމާ ގުޅިގެން ބަލިމީހުން އެޑްމިޓް ކުރުމަށް އުނދަގޫތަކެއް ވަނީ ކުރިމަތިވެެފަ އެވެ. އެގޮތުން މި ބައްޔާ ގުޅޭ ކޭސްތައް ބެލެހެއްޓުމަށް ބޭނުންވާ ވަރަށް ސިއްހީ ފަރުވާދޭ ހެލްތު ވޯކަރުންނާއި ސަޕްލައިތަކެއް ނެތް ކަމަށް އެ ޖަމާއަތުން ވަނީ ފާހަގަކޮށްފަ އެވެ. 

ސާފު ބޯފެން ނުލިބުމުގެ ސަބަބުން ޒިމްބާބްވޭގައި ކޮލެރާ ފެތުރުމުން އަންނަތާ މަސްތަކެއް ވެއްޖެ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މި ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ ވެރިރަށް ހަރާރޭގެ ކުވަޑްޒާނާ ސަރަހައްދުގަ އެވެ. ވުޒާރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ރިޕޯޓު ކުރަމުން އަންނަ ކޭސްތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި ނިސްބަތް ވަނީ ކުވަޑްޒާނާ ސަރަހައްދަށެވެ.

ކޮލެރާ ޖެހުމަށް މެދުވެރި ވަނީ ވިބްރިއޯ ކޮލެރައޭ ބެކްޓީރިއާ އިން ތަގައްޔަރުވެފައި ހުންނަ ކާބޯތަކެތި ނުވަތަ ފެން ބޭނުން ކުރުމުން ނެވެ. ބޭރަށް ހިންގާ ފާހަނާއަށް ދާން ޖެހުން ފަދަ އަލާމާތްތަކެއް ހުންނަ މި ބައްޔަށް ފަރުވާ ދެނީ ދިޔާ އެއްޗެހި ބޯންދީގެން ނެވެ.

ޒިމްބާބްވޭގައި ކޮލެރާއާ ފެތުރުމާ ގުޅޭ (ވީޑިއޯ/އަލް ޖަޒީރާ އިންގްލިޝް) 

މިހާރު ހަރާރޭގައި ފެތުރެމުން އަންނަ ކޮލެރާއާ 2008 ވަނަ އަހަރު ފެތުރުނު ކޮލެރާއާ އެއްގޮތް ސިފަތަކެއް ހުރިކަމަށް ހަރާރޭގެ މޭޔަރު ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް 100،000 މީހުން ކޮލެރާ ޖެހުނު އެފަހަރު 4،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ޒިމްބާބްވޭއިން ވަނީ 2018 ވަނަ އަހަރު ވެސް ޓައިފޮއިޑް އާއި ކޮލެރާ ފެތުރުމާ ގުޅިގެން ސިއްހީ އިމަޖެންސީއެއް އިއުލާނުކޮށްފަ އެވެ. އަދި އަވަށްޓެރި މަލާވީ، ސައުތު އެފްރިކާ އަދި މޮޒަމްބީގް ގައި ވެސް ދޭތެރެ ދޭތެރެއިން ކޮލެރާ ފެތުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް