ރައްކާތެރިކަން ހޯދަން އަލް-ޝިފާ ހޮސްޕިޓަލްގެ ބޭރުގައި އާންމުން: މި ހޮސްޕިޓަލްގެ ވަށައިގެން މިހާރު ވަނީ އިޒްރޭލް ސިފައިން އެތުރިފައި

ގާޒާ

އައިސީޔޫގައި 39 ކުދިން މަރާ ހަނގުރާމަކުރަނީ

އިޒްރޭލްގެ ހަމަލާތަކުގައި އަލް-ޝިފާ ހޮސްޕިޓަލްގެ ހިދުމަތްތައް ވަނީ ހުއްޓިފައި. ހޮސްޕިޓަލްގެ ވަށައިގެން އިޒްރޭލް ސިފައިން ތިބެ، ހަމަލާތައް އެބަ ދޭ
11 ނޮވެމްބަރު 2023

ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާއަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އައިސީޔޫން ކަރަންޓް ކެނޑި، 39 ކުދިން މަރާ ހަނގުރާމަކުރަމުން ދާ ކަމަށް، ގާޒާގެ ސިއްހީ އިދާރާއިން ބުނެފި އެވެ.

އަލް-ޝިފާ ހޮސްޕިޓަލްގެ ޑައިރެކްޓަރު، އަލް-ޖަޒީރާާއާ ވާހަކަ ދައްކަވަމުން ވިދާޅުވީ މުޅި ހޮސްޕިޓަލް ހުއްޓިއްޖެ ކަމަށާއި ހަރަކާތްތެރިވާ ކޮންމެ މީހަކާ ދިމާއަށް އިޒްރޭލް ސިފައިން ހަމަލާ ދޭ ކަަމަށެވެ.

"އަހަރެމެން މި ތިބީ މަރާ މިނިޓެއްހާ ދުރުގައި،" މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލްގެ ހަމަލާތަކުގެ އަމާޒަކަށް އަލް-ޝިފާ ހޮސްޕިޓަލް ވެއްޖެ އެވެ.

"އެތެރޭގައި ވިހޭ ތުއްތު ކުދިންތަކަކަށް އެހީތެރިވާން އިންކިޔުބޭޓާ ކައިރިއަށް ދާން އުޅުނު އަހަރެމެންގެ މެޑިކަލް ޓީމުގެ މެމްބަރަކު ވަނީ މަރުވެފައި،" އަބޫ ސަލްމިޔާ ވިދާޅުވި އެވެ.

މިވަގުތު އަލް-ޝިފާ ހޮސްޕިޓަލްގެ އެތެރޭގައި ހުންނެވި ގާޒާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ޑރ. ޔޫސުފް އަބޫ އަލް-ރީޝް ވިދާޅުވީ ހުރިހާ ޖަނެރޭޓަރުތަކެއް ހުއްޓިފައިވާ ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލަށް ކަރަންޓް ލިބޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލަށް އުފަންވި 39 ތުއްތު ކުދިން އެ ތިބީ އިންކިޔުބޭޓާތަކުގައި. އެ ކުދިން އެދަނީ މަރާ ހަނގުރާމަކުރަމުން،" ޑރ. ޔޫސުފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލްގެ ސްނައިޕަރުން (އަމާޒަށް ބަޑިޖެހުމުގެ ހުނަރުވެރި ސިފައިން) ހޮސްޕިޓަލްގެ ވަށައިގެން ވަނީ އެތުރިފަ އެވެ. އެހެންކަމުން ހޮސްޕިޓަލް ތެރޭގައި މީހަކު ހަރަކާތްތެރިވާތަން ފެނުނަސް ބަޑި ޖަހާ ކަމަށް ވިދާޅުވި އެވެ.

"ހޮސްޕިޓަލް ސަރަހައްދުގައި ވަރުގަދައަށް އެބަ ހަމަލާތައް ދޭ. ކުޑަ އިރުކޮޅެއް ކުރިން އައިސީޔޫއަށް ވަނީ ބޮމެއް ވެއްޓިފައި. މުޅި ހިސާބުގައި ލޭތައް، އެ ސާފުކުރެވޭނެ ގޮތެއް ވެސް ނެތް،" ޑރ. ޔޫސުފް ވިދާޅުވި އެވެ.

ހޮސްޕިޓަލްގައި އެޑްމިޑްކޮށްފައި ތިބި ބަލިމީހުންގެ އިތުރުން އިޒްރޭލްގެ ހަމަލާތަކުން ސަލާމަތްވާން އެތައް ހާސް ބަޔަކު ވެސް ވަނީ ހޮސްޕިޓަލްގެ އެކި ސަރަހައްދުތަކަށް ޖަމާވެފަ އެވެ. އެ އެންމެން ވެސް މިހާރު ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް