މި ހަފްތާގައި އައި ބިންހެލުންތަކުގައި ހެރާތު ޕްރޮވިންސަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

އަފްގާނިސްތާން

ހަފްތާއެއް ތެރޭ އަފްގާނިސްތާނަށް 3 ވަނަ ބިންހެލުމެއް އަތުވެއްޖެ

ކުރީގެ ދެ ބިންހެލުމުގައި 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި
15 އޮކްޓޯބަރު 2023

ދެ ބިންހެލުމެއް އައިސް 1،000 އަށް ވުރެ ގިނަ މީހުން މަރުވިތާ  މާގިނަ ދުވަސްތަކެއް ނުވެ އަފްގާނިސްތާނަށް އަނެއްކާ ވެސް ތިން ވަނަ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތު ދިން ގޮތުގައި މިފަހަރުގެ ބިންހެލުން އައިސްފައި ވަނީ 6.3ގެ ބާރު މިނުގައި، 6.3 ކިލޯމީޓަރު އަޑިން އަފްގާނުގެ ހެރާތު ސިޓީ ކައިރިއަށެވެ. 

ބިންހެލުމާ އެކު އެކަކު މަރުވެފައިވާ ކަމަށް ސަރަހައްދީ ސިއްހީ އިދާރާތަކުން ބުނެފައި ވާއިރު، 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ކުރިން އައި ދެ ބިންހެލުމުގައި މަރުވި މީހުންގެ ތެރެއިން %90 މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފް އިން ވަނީ ބުނެފަ އެވެ.

ޔޫއެސްޖީއެސް އިން ނެރެފައިވާ ރިޕޯޓު ބުނާ ގޮތުން އެންމެ ފަހުން އައި މި ބިންހެލުން އައިސްފައި ވަނީ ހެރާތު ސިޓީއާ 30 ކިލޯމީޓަރު ހުޅަނގު އުތުރުން އީރާނު ބޯޑަރު ކަރިއިރިން ނެވެ.

މިމަހުގެ 7 ވަނަ ދުވަހު އައި ފުރަތަމަ ބިންހެލުން އައިސްފައި ވަނީ ހެރާތާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ޒިންދަޖާން ކިޔާ ރަށްފުށު ޑިސްޓްރިކްޓް އަކަށެވެ. އެ ބިންހެލުމާ އެކު އާންމުންގެ ނާޒުކު ގިނަ ގެތަކެއް ވަނީ ވެއްޓިފަ އެވެ. އަދި އެއަށް ފަހު ގިނަ އާންމުން ރޭގަނޑު ނިދަމުން އައިސްފައި ވަނީ ގެދޮރުން ބޭރުގައި ހުސް ސަރަހައްދުތަކުގަ އެވެ.

އަފްގާނިސްތާނަށް އައި 3 ވަނަ ބިންހެލުމާ ގުޅޭ (ވީޑިއޯ/ވަންއިންޑިއާ ނިއުސް)

އަފްގާނިސްތާނަށް އާންމުކޮށް ބިންހެލުންތަކާ ކުރިމަތިވެ އެވެ. މި ބިންހެލުންތައް ވަކިން ހާއްސަކޮށް ކުރިމަތިވަމުންދާ ހިންދޫ ކުޝް ފަރުބަދަތައް އޮންނަނީ ޔޫރޭޝިއަން އާއި އިންޑިއަން ޓެކްޓޮނިކް ޕްލެޓުތައް ގުޅޭ ސަރަހައްދުގެ މަތީގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް