ހޮނިހިރު ދުވަހު އައި ބިންހެލުމުގައި 1،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި.

އަފްގާނިސްތާން

އަފްގާނިސްތާނަށް ހަފްތާއެއް ތެރޭ ދެވަނަ ބިންހެލުން އަތުވެއްޖެ

މިއަދުގެ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތައް އަދި ސާފެއް ނުވޭ
11 އޮކްޓޯބަރު 2023

އަފްގާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް 1،000އަށް ވުރެ ގިނަ މީހުން މަރުވިތާ މަދު ދުވަސްކޮޅެއް ވީ ތަނާ އަނެއްކާވެސް އެ ގައުމަށް ބިންހެލުމެއް އަތުވެއްޖެ އެވެ.

ރޭ ފަތިހު 5 ހާއިރު އަފްގާނުގެ ހެރާތު ސިޓީގެ 28 ކިލޯމީޓަރު އުތުރުން އައި ބިންހެލުމުގެ ބާރުމިން ހުރީ 6.3 މެގްނިޓިއުޑްގަ އެވެ. 

ބިންހެލުމާ އެކު، 100އަށް ވުރެ ގިނަ މީހުން އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ބުނެފަ އެވެ. މިއަދުގެ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތައް އަދި އެނގިފައި ނުވި ނަމަވެސް، ހޮނިހިރު ދުވަހުގެ ބިންހެލުމަށް ފަހު ގިނަ ބަޔަކު ނިދަމުން އައިސްފައި ވަނީ ގެދޮރުން ބޭރުގަ އެވެ.

މި ބިންހެލުންތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ މިންވަރަށް ރަޖަ އާއި ކާބޯތަކެއްޗާއި އަދި އެހެނިހެން ސާމާނު ނެތް ކަމަށް، އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.

ހެރާތުން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި، އޭނާއަށް މިއަދު ފަތިހު ހޭލެވުނީ ހަޅޭކުގެ އަޑަށެވެ. އެއާ އެކު، އޭނާ ވަނީ ގެއިން ބޭރަށް ދުއްވައިގެންފަ އެވެ.

"އަހަރެން އޮތީ ވަރަށް ފުން ނިންޖަކުން ނިދިފަ. ދުވަސްތަކެއް ވެއްޖެ ނުނިދާ އުޅޭތާ،" އޭނާ ބީބީސީއަށް ބުންޏެވެ. 

"މަރާ މިހާ ކައިރިވިހެން ދުވަހަކު ވެސް އަހަރެންނަށް އިހްސާސް ކުރެވިފައެއް ނެތް."

ބިންހެލުންތަކާ ގުޅިގެން އަފްގާނުގައި އަސަރުކޮށްފައިވާ ސަރަހައްދުތައް.

ހޮނިހިރު ދުވަހު ބިންހެލުން އައިސްފައި ވަނީ ހެރާތާއި 40 ކިލޯމީޓަރު ދުރުގައި އޮންނަ ރަށްފުށު ޑިސްޓްރިކްޓެއް ކަމުގައިވާ ޒިންދަޖާން އަށެވެ. އެ އަވަަށަށް ލިބުނު ގެއްލުންތަކުގައި އާންމުންގެ ގިނަ އަދަދެއްގެ ގެތަކެއް ވެއްޓިފައިވާ މަންޒަރު، ދައުރުވަމުން އަންނަ ފޮޓޮތަކުން ވަނީ ފެނިފަ އެވެ.

އަފްގާނިސްތާނަށް އާންމުކޮށް ބިންހެލުންތަކާ ކުރިމަތިވެ އެވެ. މި ބިންހެލުންތައް ވަކިން ހާއްސަކޮށް ކުރިމަތިވަމުންދާ ހިންދޫ ކުޝް ފަރުބަދަތައް އޮންނަނީ ޔޫރޭޝިއަން އާއި އިންޑިއަން ޓެކްޓޮނިކް ޕްލެޓުތައް ގުޅޭ ސަރަހައްދުގެ މަތީގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް