ބިންހެލުމާ އެކު ގިނަ އަވަށްތަކެއް ވަނީ ބިމާ ހަމަކޮށްލާފައި.

އަފްގާނިސްތާން

ބިންހެލުމަކާ އެކު އަފްގާނިސްތާނުން އެތައް ސަތޭކަ ބަޔަކު މަރުވިކަމުގެ ބިރު ހީވެއްޖެ

އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައި

އީރާނުގެ ބޯޑަރު ކައިރީގައި އޮންނަ އަފްގާނިސްތާނުގެ ހުޅަނގުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް އެތައް ބަޔަކު މަރުވި ކަމުގެ ބިރު ހީވެއްޖެ އެވެ.

ހޮނިހިރު ދުވަހު ހެރާތު ސިޓީ ކައިރިއަށް ކުރިމަތިވި 6.3 މެގްނިޓިއުޑްގެ ބާރުގަދަ މި ބިންހެލުމާ އެކު މަދުވެގެން 12 އަވަށަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަރަށް ގިނަ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ރިޕޯޓު ކުރަމުން ނެވެ.

އަފްގާނުގެ ދިފާއީ ވުޒާރާއިން އެކްސްގައި ޕޯސްޓުކޮށްފައިވާ ގޮތުގައި ބިންހެލުމާއި އެފަހުން ކުރިމަތިވި ވަރުގަދަ ލޮޅުންތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. 

މި ކާރިސާގައި 320 އާ ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓު ކުރަމުން އަންނަކަމަށް އދ.ގެ އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާސް (އޯސީއެޗްއޭ) އިން ނެރުނު ހާލަތު ވަޒަންކުރާ ރިޕޯޓެއްގައިވެ އެވެ.

"ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައި ތިބި ކަމުގެ ރިޕޯޓުތައް އަންނަމުން ދާއިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކާ އެކު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ޕާޓްނަރުންނާއި ސަރަހައްދީ އިދާރާތަކުން ލަފާކުރޭ،"  އޯސީއެޗްއޭ އިން ބުނެފައި ވެއެވެ.

ސިއްހީ ހިދުމަތްތައް އިންތިހާ މަދު އަފްގާނިސްތާނުގައި މި ކާރިސާއާ ގުޅިގެން އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. މިއާ އެކު އދ. އާއި އެހީދޭ ޖަމިއްޔާތަކުން ވަނީ އަފްގާނަށް އިމަޖެންސީ އެހީތައް ފޯރުކޮށްދިނުމަށް އަވަސްވެގަނެފަ އެވެ.

އިއްޔެގެ ބިންހެލުން އައިސްފައި ވަނީ ހެނދުނު 11 ޖަހާކަން ހާއިރު ހެރާތު ސިޓިގެ ހުޅަނގު އުތުރުން 40 ކިލޯމީޓަރު ދުރަށެވެ. 

"އަހަރުމެން ތިބީ އޮފީހުގައި، ދެން ކުއްލިއަކަށް އިމާރާތް ގުޑަން ފެށި. ފާރުގައި ހުރި ޕްލާސްޓަރުތައް ވެއްޓެއް ފެށީ. ފާރުގައި ރެނދުލައި އިމާރާތުގެ އެއްބައި ވެއްޓުނީ،" ހެރާތުގައި ދިރިއުޅޭ ބާޝިރް އަހްމަދު އޭއެފްޕީ ނޫހަށް މައުލޫމާތު ދިނެވެ.

"އަހަރެންގެ އާއިލާއަކަށް ގުޅޭ ގޮތެއް ނުވޭ. ވަރަށް ހާސްވެ ބިރުގަނެފައި މިހުރީ. ވަރަށް ބިރުވެރި،" އޭނާ ހިއްސާ ކުރި އެވެ.

ބިންހެލުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބައްލަވާލުމަށް އަފްގާނުގެ އާންމު ސިއްހަތާ ބެހޭ ވަޒީރު ހެރާތަށް ވަނީ ވަޑައިގެންފަ އެވެ.

ހެރާތުގައި ހުންނަ މައި ހޮސްޕިޓަލު ދައްކުވައިދޭ ވީޑިއޯތަކުން ފެންނަ ގޮތުގައި އަނިޔާވެފައިވާ މީހުންނަށް ހޮސްޕިޓަލުގެ ބޭރުގައި ވެސް ފަރުވާ އަންނަނީ ދެވެމުން ނެވެ. އަދި އިތުރު އެހެން ފޮޓޯތަކުން، ހެރާތުގެ އިންޖީލު ޑިސްޓްރިކްޓުގެ މަގުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ހުރަސްތައް ފެނިގެން ދެ އެވެ.

އަފްގާނަށް ކުރިމަތިވި ބިންހެލުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ހެރާތު އޮންނަނީ އީރާނުގެ އިރުމަތީ ފަރާތު ބޯޑަރާއި 120 ކިލޯމީޓަރު ދުރުގަ އެވެ. އަދި މި ސިޓީ މަޝްހޫރު ވެފައި ވަނީ އަފްގާނިސްތާނުގެ ސަގާފީ މައި މަރުކަޒުގެ ގޮތުގަ އެވެ. މި ޕްރޮވިންސުގައި 1.9 މިލިއަން މީހުން ދިރިއުޅެމުން އަންނަ ކަމަށް ލަފާ ކުރެވެ އެވެ.

އަފްގާނިސްތާނަށް އާންމުކޮށް ބިންހެލުންތަކާ ކުރިމަތިވެ އެވެ. މި ބިންހެލުންތައް ވަކިން ހާއްސަކޮށް ކުރިމަތިވަމުން އަންނަ ހިންދޫ ކުޝް ފަރުބަދަތައް އޮންނަނީ ޔޫރޭޝިއަން އާއި އިންޑިއަން ޓެކްޓޮނިކް ޕްލެޓުތައް ގުޅޭ ސަރަހައްދުގެ މަތީގަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އަފްގާނުގެ ޕަކްތިކާ ޕްރޮވިންސަށް އައި 5.9 މެގްނިޓިއުޑްގެ ބިންހެލުމަކާ އެކު 1،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔެއްގެ ގެދޮރު ގެއްލިގެން ގޮސްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް