ޑާކާގެ ހޮސްޕިޓަލެއްގެ ބޭރުގައި މަދިރި ބޭސް ޖަހަނީ.

ބަންގްލަދޭޝް

ބަންގްލަދޭޝްގައި ޑެންގީ ޖެހިގެން މި އަހަރު ހާހަކަށް ވުރެ ގިނަ މަރު

އެ ގައުމުގައި މިދިޔަ މަހު އެކަނި ވެސް 79،600 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ

ބަންގްލަދޭޝްގައި ޑެންގީ ހުން ޖެހިގެން މި އަހަރު 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މޫސުމީ ބަދަލުތަކާ އެކު ހޫނުމިން މައްޗަށް ދިޔުމުގެ ސަބަބުން، ބަންގްލަދޭޝްގެ ރަށްފުށު ހިސާބުތަކުން ރިޕޯޓު ކުރަމުންދާ ޑެންގީ ހުމުގެ ކޭސްތައް ވަނީ އިތުރުވެފަ އެވެ.

ބަންގްލަދޭޝްގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ހެލްތު އިން ހޯމަ ދުވަހު ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑެންގީ ހުން ޖެހިގެން 1،017 މީހަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި 100 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި މި އަހަރު މި ބަލި ޖެހުނު މީހުންގެ އަދަދު ހުރީ 208،000 އިން މަތީގަ އެވެ.

ބަންގްލަދޭޝްގައި ކޮންމެ އަހަރެއްގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދޭތެރޭ ޑެންގީ ހުން ފެތުރެ އެވެ. ނަމަވެސް މި އަހަރު އެ ގައުމުގައި ޑެންގީ ހުން ފެތުރެން ފަށާފައި ވަނީ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ.

މީގެ ސަަބަބެއް ކަމަށް ސައިންސްވެރިން ލަފާކުރައްވާފައި ވަނީ މި އަހަރު ވިއްސާރަ މޫސުން އަވަހަށް ފެށި، އާދަޔާހިލާފަށް ހޫނުގަދަވުމާ އެކު ބޯކޮށް ވާރޭވެހި، އީޑީސް މަދިރި އާލާވުމަށް ފައްކާވާ ފަދަ މާހައުލެއް ގާއިމުވުމެވެ. 

ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ބަންގްލަދޭޝްގެ ސިއްހީ ނިޒާމަށް ބާރު ބޮޑުވެ، ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، ބަލިމީހުންނަށް އެހީތެރިވެދޭނެ މުވައްޒަފުން މަދުވެފައިވާ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިދިޔަ އަހަރު ޑެންގީ ހުން ޖެހިގެން މަރުވި 281 މީހުންނާ އަޅާބަލާއިރު މި އަހަރު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރު ގުނަ އިތުރުވެފަ އެވެ.

ބަންގްލަދޭޝްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މިދިޔަ މަހު އެކަނި ވެސް 79،600 މީހުންނަށް މި ބަލި ޖެހި، 396 މީހަކު ވަނީ މަރުވެފަ އެވެ.

މިއާ އެކު، މި އަހަރުގެ ފަހުކޮޅު ބަންގްލަދޭޝްއަށް ކުރިމަތިވާ ހޫނުމިން ދަށް މަސްތަކަށް ދަންދެން ޑެންގީގެ އަސަރު ހުންނާނެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. އެ ގައުމުގައި މިދިޔަ އަހަރު ޑެންގީގެ ކޭސްތައް އެންމެ ގިނަވެފައި ވަނީ އޮކްޓޯބަރު މަހު އެވެ. އަދި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ނޮވެމްބަރު މަހު އެވެ.

މި ބައްޔާ ކުރިމަތިލުމަށް ބަންގްލަދޭޝްގެ ސަރުކާރާއި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މިދިޔަ މަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގިބްރީސިޔަސް ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް