ޕްރޮފެސާ ޑްރޫ ވެއިސްމަން (ވ) އަދި ކަޓަލިން ކަރީކޯ.

ސިއްހަތު

ކޮވިޑް ވެކްސިނަށް މަގުފަހިވި އެމްއާރްއެންއޭ އީޖާދުކުރެއްވި ދެ ސައިންސްވެރިންނަށް ނޯބެލް އިނާމް ލިބިއްޖެ

މި ދެ ބޭފުޅުންގެ ދިރާސާގެ ސަބަބުން، އެތައް މިލިއަން ބަޔަކަށް ބޭނުންވާ ވެކްސިން ހަލުވިމިނުގައި އުފެއްދުމަށް މަގުފަހިވެގެން ގޮސްފައިވޭ

އެމްއާރްއެންއޭ ކޮވިޑު ވެކްސިންތައް އުފެއްދުމަށް މަގުފަހި ކުރުވި ޓެކްނޮލޮޖީ އީޖާދުކުރެއްވި ދެ ސައިންސްވެރިންނަށް ނޯބެލް އިނާމް ލިބިވަޑައިގެންފި އެވެ. 

ފިޒިއޮލޮޖީ ނުވަތަ މެޑިސިންގެ ރޮނގުން ނޯބެެލް އިނާމް މިފަހަރު ހާސިލް ކުރެއްވި ދެ ސައިންސްވެރިންނަކީ ޕްރޮފެސަރު ކަޓަލިން ކަރީކޯ އާއި ޑްރޫ ވެއިސްމަން އެވެ. 

މި ދެ ސައިންސްވެރިން އީޖާދު ކުރެއްވި ޓެކްނޮލޮޖީ ކޮވިޑުގެ ކުރިން ބޭނުން ކުރެވެމުން ދިޔައީ އެކްސްޕެރިމެންޓަލް މަރުހަލާއެއްގަ އެވެ. ނަމަވެސް މިހާރު މި ޓެކްނޮލޮޖީ ބޭނުންކޮށް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ވަނީ ކޮވިޑް-19 ވެކްސިން ދީފަ އެވެ.

އަދި މީގެ އިތުރުން ކެންސަރު ފަދަ އެހެނިހެން ބަލިތަކަށް ވެސް މި ޓެކްނޮލޮޖީގެ ބޭނުން ހިފޭތޯ މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ.

ނޯބެލް އިނާމު ދޭ ކޮމިޓީ އިން ބުނި ގޮތުގައި، ހަންގޭރީއަށް އުފަން ކަރީކޯ އާއި އެމެރިކާގެ ވެއިސްމަންގެ އީޖާދުގެ ސަބަބުން، ފަހުގެ ތާރީހެއްގައި އިންސާނިއްޔަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމާ ކުރިމަތިލުމަށް ވެކްސިންތައް ރާސްލާފައި އުފެއްދުމަށް ވަނީ މަގުފަހިކޮށްދީފަ އެވެ.

ކަރީކޯ އަކީ ހަންގޭރީގެ ސާގަން ޔުނިވާސިޓީ އާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ޕްރޮފެސަރެކެވެ. ވެއިސްމަންއާ އެކު ކަރީކޯ އެމްއާރްއެންއޭގެ ދިރާސާތައް ހިންގަވާފައި ވަނީ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގަ އެވެ. 

ވެކްސިންގެ ސަބަބުން، ވައިރަސް އާއި ބެކްޓީރިއާ ފަދަ ގޮންޖެހުންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިންސާނާގެ ދިފާއީ ނިޒާމަށް ދަސްވެގެން ދެ އެވެ.

ކަރީކޯ އާއި ވެއިސްމަން އީޖާދު ކުރެއްވި އެމްއާރްއެންއޭ ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް ވެކްސިން އުފައްދާ މޮޑާނާ އާއި ފައިޒާ ކުންފުނިން ވަނީ ކޮވިޑު ވެކްސިންތައް ނެރެފަ އެވެ.

މި ދެ ސައިންސްވެރިންނަށް ސްވީޑެންގެ ރަސްގެފާނުގެ އަތްޕުޅުން ނޯބެލް އިނާމް އެރުވުމަށް ބާއްވާ ހަފްލާ އޮންނާނީ އަންނަ 10 ޑިސެމްބަރުގައި ސްޓޮކްހޯމްގަ އެވެ. 

އެމްއާރްއެންއޭ ޓެކްނޮލޮޖީ އީޖާދުކުރެއްވި ދެ ސައިންސްވެރިންނަށް ނޯބެލް އިނާމު ލިބުމާ ގުޅޭ (ވީޑިއޯ/ދަ އިންޑިޕެންޑެންޑަންޓް)

ކަރީކޯ އާއި ވެއިސްމަންގެ އިތުރުން މި އަހަރު މެޑިސިން އިން ނޯބެލް އިނާމަށް ވާދަކުރެއްވި ސައިންސްވެރިންގެ ތެރޭގައި ކެވަން ޝޯކަތު ހިމެނިވަޑައިގަންނަވަ އެވެ. އެމެރިކާގެ ބައޮލޮޖިސްޓެއް ކަމުގައިވާ ޝޯކަތު ވަނީ ގިނަ ވައްތަރުތަކެއްގެ ކެންސަރުގައި ހިމެނޭ ކޭއާރްއޭއެސް ޖީން ބްލޮކު ކުރާނެ ގޮތެއް އީޖާދުކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް