މޮރޮކޯއަށް ކުރިމަތި ބިންހެލުމާ ގުޅޭ.

މޮރޮކޯ

މޮރޮކޯ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އިން މައްޗަށް

ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދާއި ލިބުނު ގެއްލުން ރަނގަޅަށް އެނގެން ދުވަސްތަކެއް ނަގާނެ ކަމަށް މޮރޮކޯގެ އިދާރާތަކުން ބުނޭ
10 ސެޕްޓެމްބަރު 2023

ހުކުރު ދުވަހުގެ ރޭ މޮރޯކޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އިން މައްޗަށް އަރައިފި އެވެ.

އަދި މި ބިންހެލުމާ ގުޅިގެން 1،400 އަށް ވުރެ ގިނަ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ މައްރަކޭޝްގެ ދެކުނުގައިވާ ޕްރޮވިންސުތަކުން ކަމަށް މޮރޮކޯގެ ދާހިލީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.

މި ކާރިސާއާ ގުޅިގެން މޮރޮކޯގެ ރަސްގެފާނު މުހައްމަދު 6 ވަނަ ވަނީ ގައުމީ ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް އިއުލާނު ކުރައްވައިފަ އެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަމާއި ކާބޯތަކެއްޗާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އޭނާ އަމުރު ކުރައްވާފައިވެ އެވެ.

މައްރަކޭޝް އާއި ގިނަ އަވަށްތަކަކަށް ހުކުރު ދުވަހު ރޭ އައި ރިކްޓާ މިންގަނޑުން 6.8ގެ ބާރުމިނުގެ ބިންހެލުމާ އެކު ފަރުބަދަ މަތީ ގިނަ އަވަށްތަކެއް ވަނީ ފުނޑުފުނޑުވެފަ އެވެ. އަދި އިމަޖެންސީ ހިދުމަތްތަކުން މިހާރު ވެސް އަންނަނީ ދިރިހުރި މީހަކު ފެނޭތޯ ވެއްޓިފައިވާ އިމާރާތްތަކާއި ގެތަކުގެ ދަށުން ހޯދަން މަސައްކަތް ކުރަމުން ނެވެ.  ބިންހެލުމުގެ ލޮޅުން 350 ކިލޯމީޓަރު ދުރުގައިވާ މޮރޮކޯގެ ވެރިރަށް ރަބާތު އަށާއި ކަސަބްލަންކާ، އަގާދިރް އަދި އެއްސައޫރިއާ ގައި ވެސް އިހްސާސް ކުރެވިފައިވެ އެވެ.

މޮރޮކޯގެ ދާހިލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ އަލް ހާއޫޒް އަދި ތަރޫދަންތު ޕްރޮވިންސުން ނެވެ. ނަމަވެސް ފަރުބަދަ މަތީގައިވާ އަވަށްތަކުން މީހުން މަރުވެފައިވާ އަދަދާއި އެ ސަރަހައްދަށް ލިބިފައިވާ ޖުމްލަ ގެއްލުން ރަނގަޅަށް އެނގެން ވަގުތުތަކެއް ނަގާނޭ ކަމަށް ގަބޫލު ކުރެވެ އެވެ.

ހުކުރު ދުވަހުގޭ ރޭ ކުރިމަތިވި ބިންހެލުމާ ގުޅިގެން އެ ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކު  ހޮނިހިރު ދުވަހުގެ ރޭ ހޭދަކޮށްފައި ވަނީ އިމާރާތްތަކާއި ގެތަކުން ބޭރުގަައި މަގުތައް މަތީގަ އެވެ.

މޮރޮކޯއަށް ކުރިމަތިވި ބިންހެލުމާ ގުޅޭ (ވީޑިއޯ/ވޯލް ސްޓްރީޓް ޖާނަލް)

މި ބިންހެލުމަކީ 1960 ވަނަ އަހަރު މޮރޮކޯގެ އަގާދިރް އަށް ކުރިމަތިވި 12،000 މީހުން މަރުވި ބިންހެލުމަށް ފަހު އެގައުމަށް ކުރިމަތިވި އެންމެ ގިނަ ބަޔަކު މަރުވި ބިންހެލުމެވެ. އަދި މިއީ ފާއިތުވެ ދިޔަ ގަރުނު ތެރޭ ވެސް އެގައުމަށް ކުރިމަތިވި އެންމެ ބާރުގަދަ ބިންހެލުމެވެ.

މޮރޮކޯއަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އަދި ފަރަންސޭސިވިލާތް، ސްޕެއިން އަދި އިޒްރޭލުގެ ފަދަ އެހެން ގައުމުތަކުން ވެސް ވަނީ މޮރޮކޯއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް