ބިންހެލުމަށް ފަހު ހާލުގައި ޖެހުނު ބަޔަކު މަގުމަތީގައި.

މޮރޮކޯ

ބާރުގަދަ ބިންހެލުމަކާ އެކު މޮރޮކޯއިން 632 މީހަކު މަރުވެއްޖެ

މޮރޮކޯއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އަންނަނީ ތައްޔާރުވަމުން
9 ސެޕްޓެމްބަރު 2023

މޮރޮކޯގެ ފަރުބަދަމަތީ ސަރަހައްދަކަށް ބާރުގަދަ ބިންހެލުމެއް އައިސް ގިނަ އަދަދެއްގެ އިމާރާތްތަކެއް ވެއްޓި މަދުވެގެން 632 މީހަކު މަރުވެއްޖެ އެވެ.

މޮރޮކޯގެ ދާހިލީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލާދީ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ކާރިސާގައި މަދުވެގެން 329 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެފައި ވަނީ ފޯރަން ދަތި ފަރުބަދަމަތީ ސަރަހައްދުތަކުން ކަމަށް ސަރަހައްދީ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް ބައެއް އާއިލާތައް އަދި ވެސް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ރިޕޯޓު ކުރަމުން ނެވެ.

މި ބިންހެލުމުގެ އެޕިސެންޓަރު ކައިރީގައިވާ، އަދި ޔުނެސްކޯއިން ވޯލްޑް ހެރިޓޭޖް ސައިޓެއް ކަމަށް ކަނޑައަޅާފައިވާ މައްރަކޭޝް ސިޓީގެ ބައެއް އިމާރާތްތައް ވެއްޓިފައިވާ ކަމަށް އެ ސިޓީގެ ބައެއް އާންމުން ވަނީ ބުނެފަ އެވެ. އެ ސިޓީގެ ވެއްޓިފައިވާ މިސްކިތެއްގެ މުންނާރެއްގެ ފޮޓޯތައް ޓީވީއިން ވަނީ ދުރަށް ދައްކައިފަ އެވެ.

މޮރޮކޯގެ ދާހިލީ ވުޒާރާއިން ވަނީ އާންމުން ކެތްތެރިވެ ތިބުމަށް އިލްތިމާސްކޮށް، ބިންހެލުމުގައި އަސަރުކޮށްފައި ވަނީ އަލް ހާއޫޒް، މައްރަކޭޝް، އަޒީލާލް، ޗިޗައުއާ އަދި ތަރޫދަންތު ޕްރޮވިންސުތަކަށް ކަމަށް ބުނެފަ އެވެ.

ރޭ މޮރޮކޯ ގަޑިން 23:11ގައި ކުރިމަތިވި މި ބިންހެލުން އައީ މައްރަކޭޝްއާ 71 ކިލޯމީޓަރު ދުރުގައިވާ ހައި އެޓްލަސް މައުންޓަންސް ސަރަހައްދަށެވެ. އަދި މި ބިންހެލުން އައީ 18.5 ކިލޯމީޓަރު އަޑިން ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ބުނެފަ އެވެ. 

މި ބިންހެލުމުގެ އަސަރު އަވަށްޓެރި އަލްޖީރިއާއަށް ވެސް ވަނީ ކޮށްފަ އެވެ. 

ރޭ މޮރޮކޯއަށް ކުރިމަތިވި ބިންހެލުމާ ގުޅޭ (ވީޑިއޯ/ފްރާންސް24)

އިންޑިއާގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓުގައި ހުންނަވާ ވާހަކަދައްކަވަމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މޮރޮކޯއަށް ބައިނަލްއަގްވާމީ މުޖުތަމައުއިން އެހީވާނޭ ކަމަށް ވިދާޅުވެފަ އެވެ. 

އަދި ފަރަންސޭސިވިލާތާއި ސްޕެއިން އަދި އިޒްރޭލު ފަދަ ގައުމުތަކުން އަންނަނީ މޮރޮކޯއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް