ދަތްތަކުގައި ރިއްސާލެއް ބޮޑުކަމުން ސޫކީއަށް ކެއުމަށް ދަތިވެފައިވާ ކަމަށް ޖަލުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައި

މިޔަންމާ

އަންގް ސަން ސޫކީ އަށް 'ކުއްލި ފަރުވާ' ދިނުމަށް ވަނީ ދެކޮޅު ހަދާފައި: ދަރިފުޅު

މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ހުސްވި ޖުލައި މަހު ސޫކީ ޖަލުން ގޭބަންދަށް ބަދަލުކޮށްފައި
6 ސެޕްޓެމްބަރު 2023

ހައްޔަރުކޮށްފައިވާ މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަންގް ސޫކީއަށް ސިއްހީ ކުއްލި ފަރުވާ ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް އޭނާގެ ހަގު ފިރިހެން ދަރިފުޅު ވިދާޅުވެއްޖެ އެވެ.

ސޫކީގެ ދަރި ކްރިސް އާރިސް ވިދާޅުވި ގޮތުގައި، "ކުއްލި ފަރުވާ" ހޯދުމަށް އެދުމުން މިޔަންމާގެ އަސްކަރީ ޖުންޓާއިން ހިންގަމުން އަންނަ ޖަލާ ބެހޭ އިދާރާތަކުން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ.

މިޔަންމާގެ ޖަލުތައް ބަލަހައްޓަމުން އަންނަ ބައެއް ފަރާތްތަކުން ބީބީސީއާ ހިއްސާކުރި ގޮތުގައި، ދަތްތަކުގައި ރިއްސުމުގެ ސަބަބުން 78 އަހަރުގެ ސޫކީއަށް ކެއުމަށް ވެސް ވަނީ ނުކުޅެދިފަ އެވެ.

ނަމަވެސް ސޫކީ ހުންނެވީ ހެޔޮހާލެއްގައި ކަމަށާއި ގަވާއިދުން އަސްކަރީ އަދި އާންމު ޑޮކްޓަރުންގެ ހިދުމަތް ސޫކީއަށް ލިބެމުންދާކަމަށް އަސްކަރިއްޔާގެ ތަރުޖަމާނެއް ވަނީ ވިދާޅުވެފަ އެވެ.

ސޫކީ ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު މިޔަންމާގައި ހިންގި އަސްކަރީ ބަގާވާތުގަ އެވެ. މި ބަގާވާތާ އެކު މިޔަންމާގައި ދާހިލީ ހަނގުރާމައެއް ފެށި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ.

ހުސްވި ޖުލައި މަހު މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ސޫކީ ޖަލުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ސޫކީ ގޭ ބަންދުގައި ބެހެއްޓިފައި ހުރީ ވެރިރަށް ނޭ ޕީ ޓޯގެ ކޮންތާކު ކަމެއް ސާފުވެފައެއް ނުވެ އެވެ.

ޒަމާންތަކެއް ވަންދެން ސޫކީއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ފަރާތެއް ބީބީސީއަށް މައުލޫމާތު ދިންގޮތުގައި، ލޭގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން ސޫކީގެ ހިރުގަނޑުތަކުގައި މައްސަލައެއް ހުންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ. އަދި މި މައްސަލަ "އިތުރަށް ގޯސްވެފައިވާ" ކަމަށް ޖަލުތަކާ ގާތް ގުޅުމެއް ބާއްވާ އެހެން ފަރާތަކުން ވަނީ ހިއްސާކޮށްފަ އެވެ.

އަދި ދަތްތަކުގައި ރިއްސުމުގެ ސަބަބުން ސޫކީއަށް ލުޔެއް ދިނުމަށް އޭނާއަށް ހަރުނޫން ކާ އެއްެޗެހި ދެމުން އަންނަކަމަށް ވެސް އެފަރާތުން ބުނެފައިވެ އެވެ.

ސޫކީގެ ސިއްހީ ހާލަތާ މެދު އިނގިރޭސިވިލާތުގައި ހުންނަވާ އޭނާ ދަރިފުޅު އާރިސް ވިދާޅުވީ އޭނާގެ މަންމަ ބޭރަށް ހިންގާ "ބޮލަށް އެނބުރުން" އަރަމުންއަންނަ ކަމަށެވެ.

"ހައްޔަރުކޮށްފައިވާ ބަލިމީހަކަށް ދޭން ޖެހޭ ބޭސްފަރުވާއަށް ހުރަސް އެޅުމަކީ ފަރުވާކުޑަ އަދި އަނިޔާވެރި އަމަލެއް،" އާރިސް ބީބީސީއަށް ވިދާޅުވި އެވެ.

ސޫކީގެ ސިއްހީ ހާލުކޮޅާ ބެހޭ (ވީޑިއޯ/ރޮއިޓާސް)

ސިޔާސީ ހައްޔަރުގައި ތިބި މީހުންނަށް ލިބެން ޖެހޭ ބޭސްފަރުވާ ދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އިން "ޖުންޓާއިންނަށް ޕްރެޝަރު ކުރުމަށް" މިޔަންމާގެ ދުރުކޮށްފައިވާ ނެޝަނަލް ޔުނިޓީ ސަރުކާރުން ވަނީ ގޮވާލާފަ އެވެ. 

ސޫކީ އާއި ސިޔާސީ ހައްޔަރުގައި ތިބި އެތައް ހާސް އިދިކޮޅު ބަޔަކު ދޫކޮށްލުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް