ބެލަރޫސްގެ ލީޑަރު އެލެގްޒެންޑާ ލުކަޝެންކޯ

ބެލަރޫސް

ރައްކާތެރިވުމަށް ވެގްނާގެ ވެރިން ކައިރީ ބުނިން: ލުކަޝެންކޯ

ވެގްނާގެ ލީޑަރުންގެ މަރުގައި ޕޫޓިން ބައިވެރިވާ ކަމަށް ގަބޫލު ނުކުރާކަމަށް ބެލަރޫސްގެ ލީޑަރު ވިދާޅުވި

ޖެޓެއް ވެއްޓި މިހަފްތާގައި މަރުވި ރަޝިޔާގެ ވެގްނާގެ ގްރޫޕުގެ ދެ ލީޑަރުން ކައިރީ ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރިކަމަށް ބެލަރޫސްގެ ލީޑަރު އެލެގްޒެންޑާ ލުކަޝެންކޯ ވިދާޅުވެއްޖެ އެވެ.

ވެގްނާ ގްރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިން އާއި އެ ގްރޫޕުގެ އަނެއް ބާނީ ޑިމީޓްރީ އުތުކިން މަރުވެފައި ވަނީ މޮސްކޯއިން ސެއިންޓް ޕީޓާސްބާގް އަށް ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ޖެޓު ވެއްޓުމާ އެކު އެވެ.

ރަޝިޔާ އަސްކަރިއްޔާގެ ލީޑަރުން ބަދަލުކުރުމަށް މިދިޔަ ޖޫން މަހު ވެގްނާ ގްރޫޕުން ހިންގަން އުޅުނު ބަގާވާތް ނިމުމަކަށް ގެންނަން މަޝްވަރާ ކުރެއްވީ ބެލަރޫސްގެ ލީޑަރު ލުކަޝެންކޯ އެވެ. އަދި ވެގްނާގެ ލީޑަރުންނާއި ސިފައިން "ނައްތާ ނުލުމަށް" ޕޫޓިން އަށް ބާރު އެޅުއްވިކަމަށް އޭރު ލުކަޝެންކޯ ވިދާޅުވެފައިވެ އެވެ.

ވެގްނާ ލީޑަރުންގެ މަރާ ގުޅޭ ގޮތުން ހުކުރު ދުވަހު ވާހަކަދައްކަވަމުން ލުކަޝެންކޯ ވިދާޅުވީ ރައްކާތެރިވެ ހުރުމަށް ޕްރިގޯޝިން އަށް ދެފަހަރަކު އިލްތިމާސް ކުރުމުން ވެސް އެކަމަށް އޭނާ ސަމާލުކަން ދެއްވާފައި ނުވާ ކަމަށެވެ.

ވެގްނާގެ ފައުޖުތައް ބަގާވާތް ކުރަން މޮސްކޯއަށް ގޮސްފި ނަމަ "މަރުވާނެ" ކަމަށް އިންޒާރު ދިނުމުން "މަށަށް ހެވޭ، އަހަރެން މަރުވާނެ" ކަމަށް ޕްރިގޯޝިން ވިދާޅުވިކަމަށް ލުކަޝެންކޯ ހިއްސާ ކުރެއްވި އެވެ. އަދި އެފަހުން ޕްރިގޯޝިން އާއި އުތުކިން އާ ބައްދަލުވުމުން "ބަލައިގެން އުޅެން" އިލްތިމާސް ކުރި ކަމަށް ވެސް ލުކަޝެންކޯ ވިދާޅުވި އެވެ.

ވެގްނާގެ ވެރިންނަށް ލުކަޝެންކޯ މި އިލްތިމާސްތައް ކުރައްވާފައި ވަނީ ކަނޑައެޅިގެން ކޮން އިރަކު ކަމެއް މި މައުލޫމާތުތައް ރިޕޯޓުކޮށްފައިވާ ބެލަރޫސްގެ ބެލްޓާ ނޫސް އެޖެންސީއިން  ހާމަކޮށްފައެއް ނުވެ އެވެ.

ވެގްނާ ގްރޫޕުގެ ލީޑަރުންގެ މަރާ ގުޅޭ (ވީޑިއޯ/ސީބީއެސް ނިއުސް)

ޒަމާންތަކެއް ވަންދެން ޕްރިގޯޝިންއާ ގާތް ގުޅުމެއް ބާއްވަމުން އައިސްފައިވާ ލުކަޝެންކޯ އިތުރަށް ވިދާޅުވީ ޕްރިގޯޝިން ދަތުރުކުރި ބޯޓު ވެއްޓުމާއި ރައީސް ލަޑަމިއާ ޕޫޓިންއާ ގުޅުމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަހަންނަށް އެނގޭ ޕޫޓިން. އޭނަ ހުޝިޔާރު، މަޑުމައިތިރި އަދި ބައެއް ފަހަރު ފަރުވާ ވެސް ކުޑަ. އަހަރެންނަށް ގަބޫލެއް ނުކުރެވޭ ޕޫޓިން އެކަން ކުރައްވަފާނެ ކަމަކަށް، ޕޫޓިންގެ ބޮލުގައި ޒިންމާ އެޅޭ ކަމަކަށް. އެއަށް ވުރެ މާ ހަރުކަށި އަދި އަންޕްރޮފެޝަނަލް މަސައްކަތެއް އެއީ،" ލުކަޝެންކޯ ވިދާޅުވި އެވެ. 

ޕްރިގޯޝިން މަރާލެވިފައި ވަނީ ކްރެމްލިންގެ އަމުރަށް ކަމަށް ބުނެ ހުޅަނގުން ކޮށްފައިވާ ތުހުމަތުތައް ކްރެމްލިން އިން ވަނީ ހުކުރު ދުވަހު ދޮގުކޮށްފަ އެވެ. 

ވެގްނާގެ ލީޑަރުން މަރުވިކަމުގައިވީ ނަމަވެސް އެ ގްރޫޕުގެ ހަނގުރާމަވެރިން ބެލަރޫސްގައި ދެމިތިބޭނެ ކަމަށް ލުކަޝެންކޯ ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް