ބަންދުކުރެވޭ އެއް މަގަކީ ސަމްސްކާސް

ލިތުއޭނިއާ

ބެލަރޫސް ހުރަސްކޮށް އެތެރެވެވެން އޮތް ދެ މަގެއް ލިތުއޭނިއާއިން ބަންދުކުރަނީ

އިރުމަތީ ޔޫރަޕުގައި ބެލަރޫސް އިން އަންނަނީ ސަރަހައްދީ ނުތަނަވަސްކަމެއް އުފައްދަމުން

ބެލަރޫސްއާ އެކު ހިއްސާކުރަމުން އަންނަ ބޯޑަރުގައި ހުރި ޖުމުލަ ހަ މަގުން ދެ މަގެއް ބަންދުކުރުމަށް ލިތުއޭނިއާއިން ނިންމައިފި އެވެ.

ވިޔަފާރި ވެހިކަލްތަކަށް ވެސް ބޭނުން ނުކުރާ މި ދެ މަގު ބަންދުކުރުމަށް ނިންމާފައި ވަނީ ހުކުރު ދުވަހުން ފެށިގެން ނެވެ. އަދި މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކެއްގެ ސަބަބުންނާއި ސަރަހައްދީ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އަޅާ ފިޔަވަޅެއް ކަމަށް ލިތުއޭނިއާ ސަރުކާރުން ވަނީ ބުނެފަ އެވެ. 

ރަޝިޔާގެ ވެގްނާ ހަނގުރާމަވެރިން ބެލަރޫސް އަށް ވަދެ އެގައުމުގައި އޮޕަރޭޓު ކުރަން ފެށުމާ އެކު  ލިތުއޭނިއާ އިން އަންނަނީ ސެކިއުރިޓީ ވަރުގަދަ ކުރަމުން ނެވެ. މިންސް އިން ވެގްނާ ހަނގުރާމަވެރިން ބެލަރޫސް އަށް ވަންނަން ހުއްދަދީފައި ވަނީ ވެގްނާއިން ރަޝިޔާގައި ހިންގަން އުޅުނު ބަގާވާތާ ގުޅިގެން ނެވެ.

ލިތުއޭނިއާ ސަރުކާރުން ބުނިގޮތުގައި، ތްވެރޭސިއަސް އާއި ސަމްސްކާސް މަގުތައް ބަންދުކުރުމަށް ފަހު އެ ދެ މަގުގެ ޓްރެފިކް ބަދަލުކުރުމަށް ނިންމާފައި ވަނީ އެންމެ ބޮޑު މަގު ކަމުގައިވާ މެދިނިންކާއި އަށެވެ. އަދި މިއީ ވަގުތީ ފިޔަވަޅެއް ކަމަށް ވެސް ލިތުއޭނިއާގެ ޓްރާންސްޕޯޓާ ބެހޭ ވަޒީރުގެ ނާއިބު ވަނީ އެސޯސިއޭޓެޑް ޕްރެސް އެޖެންސީއަށް މައުލޫމާތު ދެއްވާފަ އެވެ.

ލިތުއޭނިއާގެ އިތުރުން ޕޯލެންޑުން ވެސް އަންނަނީ ބެލަރޫސްއާ އެކު ހިއްސާ ކުރަމުން އަންނަ ބޯޑަރުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުން ނެވެ. އަދި އަވަށްޓެރި ލެޓިވާގެ ބޮޑުވަޒީރު ކްރިސްޖަނިސް ކަރިންސް ވިދާޅުވީ ލެޓްވިއާގެ ބޯޑަރާއި ރައްޔިތުންނާއި ޔޫރަޕު ހިމާޔަތް ކުރުމަށް ވެސް އެގައުމުގެ ސަރުކާރުން ސީރިއަސްކަން ބެލަރޫސް އަށް އެނގެން ޖެހޭ ކަމަށެވެ.

"މި ހޫނު މޫސުމުގައި އަހަރުމެންނަށް ފެންނަމުން މިދަނީ ބެލަރޫސް އިން ލިބެމުން އަންނަ ޕްރެޝަރުތައް މަދެއް ނުވޭ، ދަނީ މަޑުމަޑުން އިތުރުވަމުން،" ކަރިންސް ވިދާޅުވި އެވެ. "އަހަރުމެން މިދަނީ އަހަރުމެންގެ ފަރާތްތައް [ބޯޑަރުގައި] އިތުރުކުރަމުން އަދި އަހަރުމެންގެ މުޖުތަމައުއަށާއި ބެލަރޫސްގެ އިދާރާތަކަށް މިއީ ޖޯކެއް ނޫންކަމުގެ ސިގްނަލެއް ދެމުން."

ލިތުއޭނިއާއިން ބެލަރޫސްއާ އެކު ހިއްސާކުރާ ބޯޑަރުގައިވާ 2 މަގެއް ބަންދުކުރުމާ ގުޅޭ (ވީޑިއޯ/ކަނާލް13)

ބެލަރޫސްގެ ހެލިކޮޕްޓަރުތަކެއް ހުއްދަ ނެތި ޕޯލެންޑުގެ ސަރަހައްދުގެ ތެރެއަށް ވަނުމާ ގުޅިގެން ޕޯލެންޑުން ވަނީ މިދިޔަ ހަފްތާގައި އިތުރު 10،000 ސިފައިން ބޯޑަރަށް ފޮނުވާނެކަން އިއުލާނުކޮށްފަ އެވެ. އަދި ބެލަރޫސްގައި މިހާރު ތިބި ވެގްނާ ހަނގުރާމަވެރިން ހިޖުރަކުރާ ބަޔަކަށް ހެދިގެން އީޔޫއަށް ވަންނަން އުޅެފާނެ ކަމަށް ޕޯލެންޑުގެ ބޮޑުވަޒީރު ވަނީ އިންޒާރު ދެއްވާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް