އޮގަސްޓް 6، 2023ގައި އުތުރު ކޮރެއާގެ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީން އާންމުކުރި މި ފޮޓޯގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ހަތިޔާރުގެ މުހިންމު ފެކްޓްރީއެއްގައި 'ފީލްޑް ގައިޑެންސް' ދެއްވަނީ. (ފައިލް ފޮޓޯ/ކޭސީއެންއޭ/ރޮއިޓާސް)

އުތުރު ކޮރެއާ

ކިން ޖޮން އުން އަސްކަރީ އެންމެ އިސް ޖެނެރަލް ވަކިކޮށްފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އޭނާގެ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލް ބަދަލުކުރުމަށް ފަހު ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ގޮވާލައްވައިފި އެވެ.

އެއާ އެކު، އަސްކަރީ ތަމްރީނުތައް ފުޅާކުރުމަށާއި ހަނގުރާމައިގެ ފުރުސަތު އޮތަތީ ވާން ޖެހޭ ތައްޔާރީތައް ވަމުން ދާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ ކޭސީއެންއޭ އިން ވަނީ ބުނެފަ އެވެ.

ކިމް މިހެން ވިދާޅުވީ އުތުރު ކޮރެއާގެ ދުޝްމަނުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކަމަށް ކޭސީއެންއޭ އިން މިއަދު ވަނީ ބުނެފަ އެވެ.

ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން މިއަދު ބުނީ އުތުރު ކޮރެއާއިން މަސައްކަތް ކުރަމުން ދަނީ އަސްކަރީ ބާރު އޮތްކަން ދައްކާލުމަށް ކަމަށެވެ.

އެ ގައުމުގެ އެންމެ އިސް ޖެނެރަލް، ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ޕާކް ސު އިލް "މަގާމުން ވަކިކޮށްފައި"ވާ ކަމަށް ކޭސީއެންއޭ އިން ވަނީ ބުނެފަ އެވެ. އޭނާ ވަނީ ގާތްގަނޑަކަށް ހަތް މަސްދުވަހު އެ މަގާމު އަދާކޮށްފަ އެވެ.

ޕާކްގެ ބަދަލުގައި އެ މަގާމަށް އިސްކުރީ، އާމީ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ޖެނެރަލް ރީ ޔޮންގް ގިލް އެވެ. އޭނާ އަކީ މީގެ ކުރިން އެ ގައުމުގެ ޑިފެންސް މިނިސްޓަރުކަމާއި އެ ގައުމުގެ އާންމު ސިފައިންގެ އެންމެ އިސް ކޮމާންޑަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ރީ 2016 ވަނަ އަހަރު މަގާމުން ވަކިކުރުމަށް ފަހު، އުތުރު ކޮރެއާގެ ރަސްމީ ޖަލްސާތަކުން އޭނާ ނުފެންނާތީ، އޭނާއަށް މަރުގެ އަދަބު ދީފައިވާ ކަމަށް ބުނެ، ދެކުނު ކޮރެއާގައި ވަނީ އަޑުފަތުރައިފަ އެވެ. ނަމަވެސް، އޭގެ މަހެއްހާ ދުވަސް ފަހުން ރީ އަނެއްކާވެސް ފެނުނީ އެހެން އިސް މަގާމަކަށް ހަމަޖެއްސި ތަނެވެ.

ކޭސީއެންއޭ އިން ބުނީ ކިމް ސެންޓްރަލް މިލިޓަރީ ކޮމިޝަނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގެ އެޖެންޑާއަކީ "ހަނގުރާމައަކަށް ފުރިހަމަ އަސްކަރީ ތައްޔާރީތަކެއް" ކަށަވަރު ކުރުމަށް، "ބާރުގަދަ، ހަތިޔާރުގެ އިތުރު ވަސީލަތްތައް ހޯދުމުގެ" އިތުރުން ހަނގުރާމައިގެ ފުރިހަމަ ތައްޔާރީތައް ހެދުން ކަމަށެވެ.

އެކި ހަތިޔާރާއި އާލާތްތައް ގަނޑުކޮށް އުފެއްދުމުގެ މަސައްކަތް އެފަދަ ތަކެތި އުފައްދާ ކާރުހާނާތަކުން ކުރިއަށް ގެންދިއުމަށް ކިމް ގޮވާލެއްވި ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އަލަށް ބޭނުންކުރާ އެންމެ ފަހުގެ ހަތިޔާރާއި އާލާތްތައް ހަރުދަނާ ގޮތެއްގައި އޮޕަރޭޓްކުރުމަށް ހަނގުރާމައިގެ ޑްރިލްތައް އަމަލީ ގޮތުން ކުރިއަށް ގެންދިއުމަށް ވެސް އޭނާ އިރުޝާދު ދެއްވި އެވެ.

ކޭސީއެންއޭ އިން ބުނި ގޮތުގައި، ކިމް ވަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށް އަމާޒު ހިފައިފަ އެވެ. ނަމަވެސް، އޭގެ ތަފްސީލެއް އެ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެ އެވެ.

ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ކިމް ގޮވާލައްވާފައި މި ވަނީ ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އެމެރިކާއިން ޝައްކުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް، ރަޝިޔާ އާއި އުތުރު ކޮރެއާއިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މިދިޔަ ހަފުތާގައި ކިމް ވަނީ ހަތިޔާރު އުފައްދާ ކާރުހާނާތަކަށް ޒިޔާރަތްކުރައްވައި އިތުރު މިސައިލް އިންޖީނާއި އާޓިލަރީ އަދި އެހެނިހެން ހަތިޔާރު އުފެއްދުން އިތުރުކުރުމަށް ގޮވާލައްވާފަ އެވެ.

އުތުރު ކޮރެއާއިން މިދިޔަ މަހު ބޭއްވި ބޮޑު އަސްކަރީ ޕެރޭޑާ ދިމާކޮށް، ބޮޑު ޑިފެންސް އެކްސްޕޯއެއް ވެސް ބޭއްވި އެވެ. ކިމް ވަނީ ރަޝިއާގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގޫއަށް އެ ގައުމުގެ ބެލިސްޓިކް މިސައިލާއި ޖާސޫސީ ޑްރޯން ފަދަ އެންމެ އާ އަދި އެންމެ ޒަމާނީ ހަތިޔާރުތައް ދައްކާލައްވައިފަ އެވެ.

އުތުރު ކޮރެއާގެ ޖުމުހޫރީ ބިންގާ އެޅުމުގެ ދުވަހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 9 ސެޕްޓެމްބަރުގައި އުތުރު ކޮރެއާއިން އަސްކަރީ ޕެރޭޑެއް ބާއްވަން ނިންމާފައިވެ އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީނުތައް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އިން 24 އަށެވެ. އުތުރު ކޮރެއާއިން ބުނަނީ މިފަދަ ތަމްރީނުތަކަކީ އެ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، މިއީ މުސްތަގުބަލުގައި އުތުރު ކޮރެއާއަށް އަރައިގަންނަން ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް