ފެނު އަޑިއަށް ގޮސްފައިވާ ޓަނަލް ކައިރީގައި އެމެޖެންސީ ފަރާތްތަކުން ހަރަކާތްތެރި ވަނީ.

ސައުތު ކޮރެއާ

ދެކުނު ކޮރެއާގައި ފެންބޮޑުވެ ޓަނަލެއްގައި ގިނަ ބަޔަކު ތާށިވެއްޖެ

ކޮރެއާގެ އިތުރުން އޭޝިއާގެ އެހެން ބައެއް ގައުމުތަކަށް ވެސް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އަންނަނީ ހިނގަމުން

ގިނަ ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ޓަނަލެއްގައި ތާށިވި ކާރުތަކެއްގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދެކުނު ކޮރެއާގެ އެމެޖެންސީ ހިދުމަތްތަކުން ކުރަމުން އެބަދެ އެވެ.

އުތުރު ޗުންގްޗިއޯން ޕްރޮވިންސުގެ ޗުންގްޗިއޯންގައި ހުންނަ މި ޓަނަލުގައި ތާށިވެފައި ތިބީ ކިތައް މީހުން ކަމެއް އަދި އެނގިފައި ނުވި ނަމަވެސް ގާތް ގަނޑަކަށް 19 އުޅަނދު ތާށިވެފައި ތިބި ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ކޮރެއާ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެކި ސަރަހައްދުތަކުން މަދުވެގެން 26 މީހަކު މަރުވެ، 10 މީހަކު ވަނީ ގެއްލިފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ފަރުބަދަމަތީ އޮންނަ އުތުރު ޖައިއޮންގްސަންގް ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެތައް ވެއްޓުމުގެ ސަބަބުން އެވެ. 

އިއްޔެ އެކަނި ވެސް ކޮރެއާ އަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި އެގައުމަށް އަހަރު ވެހެނީ 1،000 އާއި 1،800 މިލިމީޓަރުގެ ވާރޭ އެވެ. ނަމަވެސް މީގެން ގިނަ އަދަދެއް ވެހެނީ އަހަރު މެދުތެރޭ މި އަންނަ ހޫނު މޫސުމުގަ އެވެ.

ފެން ބޮޑުވެފައިވާ ސަރަހައްދުތައް ފެންނަ ގޮތަށް ވައިގެ ތެރެއިން ނަގާފައިވާ ފޮޓޯޯތަކުން ދައްކާ ގޮތުގައި މި ސަރަހައްދުތަކުން ފެންނަން ހުރީ ގެތަކުގެ ފުރާޅު އެކަންޏެވެ.  އަސަރު ކޮށްފައިވާ މިފަދަ ގިނަ ސަރަހައްދުތަކުން މިހާތަނަށް އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ އިރު، ބޮޑު ވަޒީރު ހަން ޑަކް-ސޫ ވަނީ އަސްކަރިއްޔާގެ އެހީތެރިކަމަށް އެދިވަޑައިންފަ އެވެ.

ޗުންގްޗިއޯންގައި ހުންނަ ޓަނަލާ ބެހޭ ގޮތުން މައުލޫމާތު ދެމުން ކޮރެއާ މީހުން ސަލާމަތް ކުރުމާ ބެހޭ ވުޒާރާއިން ބުނީ އެ ޓަނަލަށް ފެންގަނޑު ވަދެ ފުރާލާފައި ވަނީ މީހަކަށް ސަލާމަތް ނުވެވޭނެހާ އަވަހަށް، ކުއްލިއަކަށް ކަމަށެވެ. 

މިހާތަނަށް އެކަކު މަރުވެފައި ވާއިރު، އިތުރު ނުވަ މީހަކު ވަނީ ސަލާމަތް ކުރެވިފަ އެވެ.

މީގެ އިތުރުން ވެސް ޑޭމެއް ފުރިގެން ބަންޑުން ވާން ފެށުމުން 6،400 މީހުން އިއްޔެ ހެނދުނު ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކުރެވިފަ އެވެ. އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ހުކުރު ދުވަހުގެ ރޭ ރޭލެއް ވެސް މަގުން ފުރޮޅާލާފައިވެ އެވެ. ނަސީބަކުން އެ ދަތުރުގައި ފަސިންޖަރުންނެއް ނެތެވެ. ކޮރެއާގެ ގައުމީ ރޭލު އޮޕަރޭޓަރު ކޮރެއިލުން ވަނީ ބައެއް ރޭލު ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

ދެކުނު ކޮރެއާ އަށް ކުރަމުން އަންނަ ވިއްސާރައާ ގުޅޭ (ވީޑިއޯ/އެންބީސީ ނިއުސް)

ކޮރެއާ އަށް ކުރަމުން އަންނަ ވިއްސާރަ ބުދަ ދުވަހާ ހަމައަށް ކުރާނޭ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިންޒާރު ދީފަ އެވެ.

ކޮރެއާގެ އިތުރުން ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާ، ޗައިނާ އަދި ޖަޕާނުގެ އެކި ސަރަހައްދުތަކުގައި ވެސް ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އަންނަނީ ހިނގަމުން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް