ޗައިނާގެ ފުލުހުންނާ އެކު މަސައްކަތް ކުރުމަށް ސޮލޮމޮން އައިލެންޑްސް އިން ނިންމި ނިންމުމަށް އެތެރެއިންނާއި ބޭރުން ކަންބޮޑުވުން ފާޅުކޮށްފައިވޭ

ޗައިނާއިން ސޮލޮމޮން އައިލެންޑްސްގެ ފުލުހުންނަށާއި ސައިބާ ސެކިއުރިޓީއަށް އެހީތެރިވަނީ

ޗައިނާއާ އެކު ހެދި އެއްބަސްވުމާ ގުޅިގެން އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ސޮލޮމޮން އައިލެންޑްސްގެ ފުލުހުން ތަމްރީނު ކުރުމަށް ޗައިނާއާ އެކު ހެދި އެއްބަސްވުމެއްގެ ސަބަބުން "ޕެސިފިކް ސަރަހައްދުގެ ސަލާމަތަށް ގޮންޖެހުންތަކެއް" ކުރިމަތިވާނޭ ކަމަށް އޮސްޓްރޭލިއާ އިން ބުނުމުން ސޮލޮމޮން އައިލެންޑްސް އިން އެ ވާހަކައާ ދެކޮޅުހަދައިފި އެވެ.

ސޮލޮމޮން އައިލެންޑްސް އިން ބުނެފައި ވަނީ ޗައިނާގެ އެހީތެރިކަމުގެ ސަބަބުން އެ ގައުމުގެ 1،500 ފުލުހުންނަށް އަމަން ބެލެހެއްޓުމަށާއި ސައިބާ ސެކިއުރިޓީގެ ރޮނގުން ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްގައި މިދިޔަ ހޯމަދުވަހު ސޮއިކުރި އެއްބަސްވުމުގެ ތަފްސީލު "ވަގުތުން" ހާމަ ކުރުމަށް އެމެރިކާ، އޮސްޓްރޭލިއާ، ނިއު ޒީލެންޑު އަދި ސޮލޮމޮން އައިލެންޑްސްގެ އިދިކޮޅު ޕާޓީއިން ވަނީ ބޮޑުވަޒީރު މަނައްސޭ ސޮގަވާރޭއަށް ގޮވާލާފަ އެވެ.

ސޮގަވާރޭގެ އޮފީހުން މިއަދު ނެެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑުން މިހާރު ވެސް ސޮލޮމޮން އައިލެންޑްސްގެ ފުލުހުންނަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ޗައިނާއިން ވެސް ފޯރުކޮށްދީ ސޮލޮމޮން އައިލެންޑްސްގެ ސަލާމަތީ ޕާޓްނާޝިޕުތައް އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމަށެވެ.

"އެއްވެސް ބަޔަކަށް ހުރިހާ މައުލޫމާތެއް ނޭނގޭނެެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ "ޕެސިފިކް ސަރަހައްދުގެ ސަލާމަތީ ކަންކަމާ ބެހޭގޮތުން އޮސްޓްރޭލިއާ އިން ދެކޭގޮތް" ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީއަށް، ޖަކާޓާގައި ހުންނަވައި، ބުރާސްފަތި ދުވަހުގެ ރޭ އަންގަވާފައިވާ ކަމަށެވެ. 

ސޮލޮމޮން އައިލެންޑްސްގެ ބޮޑުވަޒީރު ސޮގަވާރޭގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނިގޮތުގައި އެ ގައުމުގެ ފުލުހުންނަށް އެހީތެރިކަން ބޭނުންވެފައިވާ މިންވަރު 2021 ވަނަ އަހަރު ހިނގި މުޒާހަރާތަކުން ފެނިގެން ދިޔަ އެވެ. އެ ހަމަނުޖެހުންތައް މައިތިރިކޮށް ގައުމު ހަމައަކަށް އެޅުވުމަށް އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑުން އޭރު ފުލުހުން ފޮނުވި އެވެ.

ޗައިނާއާ އެކު އެއްބަސްވުން ހެދުމުގެ ހަފްތާއެއް ކުރިން ސޮގަވާރޭ ވަނީ އޮސްޓްރޭލިއާއާ އެކު މިހާރު އޮތް އެއްބަސްވުން މުރާޖައާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ސޮގަވާރޭގެ ވިސްނުމަށް ރައްދު ދެއްވާ އެ ގައުމުގެ އިދިކޮޅު ލީޑަރު މެތިއު ވޭލް ވިދާޅުވީ "ޑިމޮކްރަސީތަކުގަ އާއި ކޮމިއުނިސްޓު ގައުމުތަކުގައި ފުލުހުން ހަރަކާތްތެރިވާ ގޮތް ތަފާތު" ކަމަށާއި "ޑިމޮކްރަސީތަކުގައި އިންސާނީ ހައްގުތަކަށާއި ހެދިފައިވާ ގާނޫނުތަކަށް ތަބާވާން ޖެހޭ" ކަމަށެވެ.

ޗައިނާ އާއި ސޮލޮމޮން އައިލޭންޑްސް އިން ހެދި އެއްބަސްވުމާ ގުޅޭ (ވީޑިއޯ/ސްކައިނިއުސް އޮސްޓްރޭލިއާ)

އިރުމަތީ އޭޝިއާ ސަރަހައްދާއި ޕެސިފިކް ސަރަހައްދުގައި ޗައިނާއިން ދައްކަމުން އަންނަ ހަރުކަށިކަމުގެ ސަބަބުން ގިނަ ގައުމުތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި ސަބަބާ ހުރެ އޮސްޓްރޭލިއާ އިން އަންނަނީ ޗައިނާ ހިފަހައްޓާލުމަށްޓަކައި ހުޅަނގާ އެކު އަސްކަރީ ގުޅުން ވަރުގަދަކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް