ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު. (ފޮޓޯ/ރޮއިޓާސް)

ސީރިއާ

ސީރިއާއިން ބީބީސީގެ މީޑިއާ ހުއްދަ ބާތިލުކޮށްފި

މި ފިޔަވަޅު އެޅީ ރައީސް އަސަދުގެ އާއިލާއާ ޑްރަގު ވިޔަފާރިއަކާ ގުޅުން އޮތް ކަމަށް ބުނާ ރިޕޯޓެއް ބީބީސީން ޝާއިއުކޮށްފައި ވަނިކޮށް

ހަގީގަތާ ހިލާފު އަދި ވަކި ކޮޅަކަށް ބުރަވާ ގޮތަށް ރިޕޯޓުތައް ގެނެސްދޭ ކަމަށް ބުނެ، ބީބީސީގެ މީޑިއާ ހުއްދަ ސީރިއާ ސަރުކާރުން ބާތިލުކޮށްފި އެވެ.

ސީރިއާގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ ބީބީސީން "ޕްރޮފެޝަނަލް މިންގަނޑުތައް" ހިފަހައްޓަން ފޭލުވެފައިވާ ކަމަށް ބުނެފަ އެވެ. 

ނަމަވެސް، އެ ކަމަށް ރައްދު ދީ ބީބީސީން ބުނީ ނޫސްވެރިކަން ކޮށްފައި ވާނީ އިންސާފުވެރިކޮށް އަދި މިނިވަންކޮށް ކަމަށެވެ.

"މައުލޫމާތުތައް ކަށަވަރު ކުރުމަށް ސިޔާސީ މައިދާނުގެ އެކި ފަރާތްތަކާ އަހަރެމެން ވާހަކަ ދައްކަން،" ބީބީސީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ބީބީސީ ނިއުސް އަރަބިކް އިން މިދިޔަ މަހު ވަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ކަޕްޓަގޮން'ގެ ވަގު ވިޔަފާރި އާއި ސީރިއާގެ އަސްކަރިއްޔާ އާއި އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ އާއިލާއާ ގުޅުންތަކެއް އޮތް ކަމަށް ތަހްގީގުތަކުން ހޯދިފައިވާ ކަމަށް ބުނާ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ.

ކަޕްޓަގަން އަކީ ދެވިހިފާ ޒާތުގެ، އެމްފެޓަމިން ކަހަލަ ޑްރަގެކެވެ. މި ޑްރަގާ ބެހޭ ވިޔަފާރިއާ ގުޅުމެއް އޮންނަ ކަމަށް ކުރިން ކުރެވުނު ތުހުމަތުތައް ވެސް ސީރިއާ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

ނަމަވެސް، އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ވަނީ ސީރިއާ ސަރުކާރުން މި ޑްރަގު ތައްޔާރުކޮށް އެކްސްޕޯޓު ކުރަމުންދާ ކަމަށާއި މިކަމުގައި އަސަދުގެ ގާތްތިމާގެ މީހުން އިސް ދައުރެއް އަދާކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ބީބީސީގެ މީޑިއާ ހުއްދަ ބާތިލުކުރީ ވަކި މި ޑްރަގާ ގުޅޭ ރިޕޯޓާ ގުޅިގެން ކަމަކަށް ސީރިއާ ސަރުކާރަކުން ނުބުނެ އެވެ. ނަމަވެސް، ސީރިއާގެ ދާހިލީ ހަނގުރާމަ 2011 ވަނަ އަހަރު ފެށުނު ފަހުން ބީބީސީން ދޭތެރެ ދޭތެރެއިން ސައްހަ ނޫން، ވަކި ކޮޅަކަށް ބުރަވެފައިވާ ހަބަރު ގެނެސްދެމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އަސަދުގެ ސަރުކާރުން ބުނީ ބީބީސީއަށް ތަކުރާރުކޮށް އިންޒާރު ދިނުމުން ވެސް ޓެރަރިސްޓު ޖަމިއްޔާތަކާއި ސީރިއާއަށް ނަފުރަތު ކުރާ ފަރާތްތަކުން މައުލޫމާތުތަަކާއި ބަޔާންތައް ހޯދައި ނެރެމުން ގޮސްފައިވާ ކަމަށެވެ.

ރައްދުގައި ބީބީސީން ބުނީ "އަރަބި ދުނިޔޭގެ ފަރާތްތަކަށް ސައްހަ އަދި ވަކި ކޮޅަކަށް ނުޖެހޭ ހަބަރާއި މައުލޫމާތުތައް ފޯރުކޮށްދިނުން ކުރިއަށް ގެންދާނެ" ކަމަށެވެ. 

ބައިނަލްއަގްވާމީ ހަބަރުފަތުރާ ފަރާތެއް މަނާކުރުމަކީ، ހަނގުރާމައާ ގުޅިގެން ސުންނާފަތިވެފައި އޮތް ސީރިއާގައި މަދުން ނޫނީ ނުވާ ކަމެކެވެ. ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ސީރިއާ އުޅެނީ 175 ވަނައިގައި ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ވަނީ ބުނެފަ އެވެ. މިއީ މި ލިސްޓުގެ ފުލުން ހަ ވަނަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް