ނިއު ދިއްލީގައި ހުންނަ ބީބީސީގެ އޮފީސް ބަލާފާސްކުރުމަށް އިންޑިއާ ސަރުކާރުގެ ޓެކްސް އޮފިޝަލުން މިދިޔަ ފެބްރުއަރީ މަހު އެ ތަނުގައި.

އިންޑިއާ

މޯދީ ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓަށް ހާޒިރުވާން ބީބީސީއަށް އަނެއްކާވެސް އަންގައިފި

ބީބީސީގެ އިތުރުން ވިކިމީޑީއާ ފައުންޑޭޝަނާއި އިންޓަނެޓް އާކައިވް އަށް ވެސް ކޯޓުން ވަނީ ޗިޓު ފޮނުވާފައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބެހޭގޮތުން ހަދާފައިވާ ޑޮކިއުމަންޓްރީއާ ގުޅިގެން ބީބީސީ އާއި ވިކިމީޑީއާ ފައުންޑޭޝަން އަދި އިންޓަނެޓް އާކައިވް އިން ނިއު ދިއްލީގެ ރޮހީނީ ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

މި ތިން ފަރާތް ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު ކުމާރް ސިންގް ކުރައްވާ އަބުރުގެ ދައުވާއަކާ ގުޅިގެންނެވެ. 

މި މައްސަލައިގައި މޭ މަހުގެ 3 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ އަބުރުގެ ދައުވާގެ މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިފައި ނެތް ކަމަށާއި ކޯޓަށް ހާޒިރުވުމުގެ ނޯޓިސް ފޮނުވާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެފަ އެވެ.

އެ ދުވަހު މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ، ހޭގް ކޮންވެންޝަން އާއި އިންޑިއާ ސަރުކާރުގެ ގަވާއިދުތަކުގެ ދަށުން ދައުވާ ލިބޭ ފަރާތްތައް ކޯޓަށް ހާޒިރުވުމަށް ނޯޓިސް ފޮނުވާފައި ވަނީ ގޯސްކޮށް ކަމަށް ކަނޑައަޅުއްވައިފަ އެވެ. އަދި މި މައްސަލައިގެ ނޯޓިސް މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސް މެދުވެރިކޮށް ފޮނުވުމަށް ފަނޑިޔާރު އިރުޝާދު ދެއްވި އެވެ. މިފަހަރު ޗިޓު ފޮނުވީ އެ މިނިސްޓްރީގެ ދަށުންނެވެ.

މޯދީއާ ގުޅޭގޮތުން ބީބީސީ އިން ހެދި ޑޮކިއުމަންޓްރީއާ ގުޅޭ (ވީޑިއޯ/ޓީއާރްޓީ ވޯލްޑް)

ސިންގްގެ ދައުވާގައި ބުނެފައިވަނީ ބީބީސީ ޑޮކިއުމަންޓްރީ 'ދަ މޯދީ ކުއެސްޝަން'ގެ ސަބަބުން އާރްއެސްއެސް، ވީއެޗްޕީ އަދި ބީޖޭޕީ ފަދަ ޖަމިއްޔާތަކުގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށެވެ.

ދެ އެޕިސޯޑުގެ މައްޗަށް ހަދާފައިވާ އެ ޑޮކިއުމަންޓްރީ ޝާއިއު ކުރުން ހުއްޓުވައި ދިނުމަށާއި މިފަދަ އެެހެން އެއްޗެހި ވެސް ހުއްޓުވައިދިނުމަށް ސިންގް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ދައުވާ ލިބޭ ފަރާތްތަކުން މައާފަށް އެދުމަށް އަންގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 1 މިލިއަން ރުޕީސް އެ ފަރާތްތަކުގެ އަތުން ނަގައިދިނުމަށް ވެސް ސިންގް ކޯޓުގައި އެދިވަޑައިގެންފައި ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް