އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ

އިޓަލީ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ބާލުސްކޯނީ އަވަހާރަވެއްޖެ

ޮބޮޑުވަޒީރުކަން ހަތަރު ފަހަރު ކުރެއްވި. ސިޔާސީ މަގާމަށް ވުރެ އޭނާ ބޮޑަށް މަޝްހޫރުވީ ތުހުމަތުކުރެވުނު ބޮޑެތި ތަފާތު މައްސަލަތަކާ ހެދި
12 ޖޫން 2023

ޓެކްސްއަށް މަކަރުހެއްދެވުމާއި ހިނާޔާތުގެ އިތުރުން ޖިންސީ ތަފާތު މައްސަލަތަކުގެ ތުހުމަތުތަކުން ޒާތީ ހަޔާތް ފުރުނު، އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ މިއަދު އަވަހާރަވެއްޖެ އެވެ. އޭނާގެ އުމުރުފުޅަކީ 86 އަހަރެވެ.

މި ފަހުން ސިއްހީ ތަފާތު މައްސަލަތަކާ ކުރިމަތިވެވަޑައިގެންނެވި ބާލުސްކޯނީ އަވަހާރަވީ ވެސް ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށެވެ. އިޓަލީގެ މީޑިއާތަކުން ބުނާ ގޮތުގައި ބާލުސްކޯނީ ގެންދެވީ ބްލަޑް ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ.

އިޓަލީގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބިލިއަނަރު 1994 އިން ފެށިގެން އިޓަލީގެ ބޮޑުވަޒީރުކަން ހަތަރު ފަހަރެއްގެ މަތިން ކުރެއްވި އެވެ. މެދުކެނޑުންތަކަށް ފަހު އެ މަގާމުގައި ހުންނެވި ހުންނެވުން ނިމުމަކަށް އައީ 2011 ގަ އެވެ.

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ، 1994ގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި. އޭނާ ވަނީ ހަތަރު ފަހަރެއްގެ މަތިން އިޓަލީގެ ބޮޑުވަޒީރުކަން ކުރައްވާފައި

ބޮޑުވަޒީރުކަމުގައި ހުންނެވި އިރު އެކި ފަހަރުމަތިން ބާލުސްކޯނީގެ މައްޗަށް ޖިނާއީ ދައުވާތައް އުފުލި އެވެ. އޭގެ ތެރޭގައި ޓެކްސްއަށް މަކަރުހެއްދެވުމާއި ހިޔާނާތުގެ އިތުރުން ފަނޑިޔާރަކަށް ރިޝްވަތު ދެއްވުން ވެސް ހިމެނެ އެވެ.

ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން، ބައެއް ފަހަރަށް ސިޔާސީ ޕާޓީގެ ނަން ވެސް ބަދަލުކުރައްވައި، ކާމިޔާބު ހޯއްދަވަ އެވެ. 

ބާސުލްކޯނީއަކީ އިޓަލީގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކްލަބް އޭސީ މިލާންގެ ކުރީގެ ވެރިޔާ ވެސް މެ އެވެ. އެ ކްލަބު ބަނގުރޫޓްވަމުން ދަނިކޮށް 1986ގައި ހަވާލުވެ، ދުނިޔޭގެ އެންމެ ބޮޑެތި ކްލަބްތަކުގެ ލިސްޓަށް ގެންގޮސްދެއްވި އެވެ.

އަވަހާރަވި އިރު އޭނާއަކީ އިޓަލީގެ ސެނެޓްގެ މެމްބަރެކެވެ. އޭނާގެ ޕާޓީއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަންގެ މެމްބަރެއް ވެސް މެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް