ވިއެޓްނާމުގައި ހޫނުމިން އިންތިހާ މައްޗަށް އުފުލުމުން ބައެއް ދަނޑުވެރިން ހެނދުނު 10 ޖަހާއިރު މަސައްކަތް ހުއްޓާލާ

ވިއެޓްނާމް

ވިއެޓްނާމްގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް އުފުލިއްޖެ

އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް ހޫނުމިން ވަނީ އިންތިހާ މައްޗަށް ގޮސްފައި

ވިއެޓްނާމުގައި ރެކޯޑު މިންވަރަކަށް ހޫނުމިން އުފުލިއްޖެ އެވެ. 

މި ހޫނުމިން ރެކޯޑު ކުރެވިފައި ވަނީ ވިއެޓްނާމުގެ އުތުރުގައި އޮންނަ ތަންހް ހޯ ޕްރޮވިންސުގައި 44 ޑިގްރީ ސެލްސިއަސް އަށް ވުރެއް ތަންކޮޅެއް މަތިންނެވެ. 

އޮފިޝަލުން ވަނީ ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި ހިޔާވެ ތިބުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

ވިއެޓްނާމުގެ އިތުރުން އެ ސަރަހައްދުގައި އޮތް އެހެން ގައުމުތަކުން ވެސް މި ދުވަސްވަރު ދަނީ އިންތިހާ ގަދަ ހޫނު އިހްސާސް ކުރަމުން ނެވެ. އެގޮތުން ތައިލެންޑުގެ މަކް ޕްރޮވިންސުގެ ހޫނުމިން 44.6 ޑިގްރީއަށް އަރާފައިވާ ކަމަށް މިފަހުން ވަނީ ރިޕޯޓުކޮށްފަ އެވެ. މިއީ މީގެ ކުރިން ވެސް ތައިލެންޑުގެ ހޫނުމިން އެންމެ މަތިވި ކަމަށް ރެކޯޑު ކުރެވިފައިވާ މިންވަރެވެ. 

އަދި އަވަށްޓެރި މިޔަންމާގެ އިރުމަތީ އަވަށެއްގެ ހޫނުމިން 43.8 ޑިގްރީއަށް އަރާފައިވާ ކަމަށް އެ ގައުމުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ. މިއީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭ އެ ގައުމުގައި ވެސް ހޫނުމިން އެންމެ މައްޗަށް އުފުލުނު މިންވަރެވެ. 

ވިއެޓްނާމުގެ ހަނޯއީ އިން އޭއެފްޕީއާ ވާހަކަދެއްކެވި މޫސުމީ ބަދަލުތަކާ ބެހޭ މާހިރު އެންގުޔެއް އެންގޮކް ހުއީ ވިދާޅުވި ގޮތުގައި ވިއެޓްނާމުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް އުފުލުމުން، ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ކަންބޮޑުވާން ޖެހެ އެވެ. 

"އަހަރެން ގަބޫލުކުރަނީ މި ރެކޯޑު އެތައް ފަހަރަކު ތަކުރާރުވާނެ ކަމަށް. މިކަމުން ކަށަވަރު ވެގެން މިދަނީ އެންމެ މަތީ މިންގަނޑުތަކުގެ މޫސުމީ މޮޑެލްތައް ހަގީގަތަކަށް ވަމުންދާކަން،" އޭނާ ވިދާޅުވި އެވެ.

އަށާރަވަނަ ގަރުނުގައި އިންސާނުންގެ ސިނާއީ ޒަމާން ފެށުނު ފަހުން ދުނިޔޭގެ ހޫނުމިން މިހާތަނަށް ވަނީ 1.1 ޑިގްރީ މައްޗަށް ޖެހިފަ އެވެ. ސަރުކާރުތަކުން މިކަމާ މެދު ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފި ނަމަ ދުނިޔޭގެ ހޫނުމިން ދާނީ އިތުރަށް އުފުލެމުންނެވެ.

ވިއެޓްނާމްގެ މެދުތެރޭ އޮންނަ ޑަނަންގް ސިޓީއަށް ނިސްބަތްވާ އެންގުޔެން ތި ލަން އޭއެފްޕީ އަށް ކިޔައިދިން ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ދަނޑުވެރިން މިހާރު ދުވަސް ފަށަނީ ފަތިހާ އެވެ. އަދި ހެނދުނު 10 ޖަހާއިރު ހޫނުގަދަކަމުން ދުވަހުގެ މަސައްކަތްތައް އޮންނަނީ ހުއްޓާލަން ޖެހިފަ އެވެ.

މީގެ ކުރިން ވިއެޓްނާމުގެ ހޫނުމިން އެންމަ މައްޗަށް ގޮސްފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ މެދުތެރޭ ހާ ޓިންގް ޕްރޮވިންސުގައި 43.4 ޑިގްރީ ސެލްސިއަސްގައި މީގެ ހަތަރު އަހަރު ކުރިންނެވެ.

ވިއެޓްނާމުގެ ހުޅަނގަށް އޮތް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ވެސް މި ދުވަސްވަރު ގެންދަނީ ދިލަ ހޫނެއް އިހްސާސް ކުރަމުންނެވެ. ފާއިތުވެދިޔަ ފަސްދޮޅަހަކަށް އަހަރު ތެރޭ ބަންގްލަދޭޝްގެ ހޫނުމިން ނުދާހާ މައްޗަށް މި ދުވަސްވަރު ގޮސްފައި ވާއިރު އިންޑިއާގެ ވުޒާރާތަކުން ވެސް ވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކުގެ ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ 3-4 ޑިގްރީ މައްޗަށް އަރާފައިވާ ކަމަށް ބުނެފަ އެވެ.

ތައިލެންޑުގެ ހޫނުމިން އިންތިހާ މައްޗަށް އުފުލުމާ ގުޅޭ (ވީޑިއޯ/ވިއޯން)

މީގެ އިތުރުން ހުޅަނގު ޔޫރަޕުގެ ސްޕެއިންގައި ރެކޯޑު ކުރެވުނު އެންމެ މަތީ ހޫނުމިން މިދިޔަ މަހު ކޯޑޮބާ އެއާޕޯޓުގައި ވަނީ އާވެގެން ގޮސްފަ އެވެ. އެ ސަރަހައްދުގެ ހޫނުމިން 38.8 ޑިގްރީއަށް އެރި އެވެ.

ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށް ވުރެ މައްޗަށް ނުގޮސް ހިފެހެއްޓުމަށް ގައުމުތަކުން މަސައްކަތް ކުރާނެ ކަމަށް ކުރިން އެއްބަސްވެެފައިވީ ނަމަވެސް 2030ގެ އަހަރުތަކުގައި ދުނިޔެ މި ހޫނުމިން ހުރަސްކުރާނެ ކަމަށް މާހިރުން ލަފާކުރައްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް