ރަސްގެފާނުގެ ޗާލްސްގެ އިސްތަށިފުޅުގައި، 360 އަހަރު ވެފައިވާ ސެއިންޓް އެޑްވާޑްސް ތާޖު އަޅުވަނީ. (ފޮޓޯ/ރޮއިޓާސް)

ތާރީހީ ރަސްމިއްޔާތެއްގައި ރަސްގެފާނު ޗާލްސް ރަސްކަމަށް ކޮލިލައިފި

މިއަދުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ 1،000 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައި އޮތް އުސޫލުތަކެއްގެ މަތިން
6 މޭ 2023

އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ، ޖީލަކުން އެއް ފަހަރު ފެންނަ ޝާހީ ހަރަކާތެއްގައި ރަސްކަމަށް މިއަދު ކޮލިލައިފި އެވެ.

ވެސްޓްމިންސްޓަ އެބީގައި ބޭއްވި ކޮލިލުމުގެ ރަސްމިއްޔާތުގައި، އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން، ހެޔޮއެދޭ އެތައް ހާސް ބަޔަކު ވެސް ވަނީ ވެހެމުން ދިޔަ ބޯ ވާރޭތެރޭގައި މެދުތެރޭ ލަންޑަނަށް ޖަމާވެފަ އެވެ.

ކޮލިލުމުގެ ރަސްމިއްޔާތުގެ އެންމެ ހާއްސަ ވަގުތުކޮޅަކީ ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި، 360 އަހަރު ވެފައިވާ ސެއިންޓް އެޑްވާޑްސް ތާޖު އެޅުވުމެވެ. އެއާ އެކު، ޗާލްސް ވަނީ އިނގިރޭސިވިލާތާއި އިތުރު 14 ގައުމެއްގެ ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް ރަސްމީކޮށް ވެވަޑައިގެންފަ އެވެ.

ޗާލްސް މިދިޔަ ސެޕްޓެމްބަރު މަހު ރަސްގެފާނަކަށް ވެވަޑައިގެންނެވީ އެ މަނިކުފާނުގެ މަންމާފުޅު، ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުންނެވެ.

މިއަދުގެ ރަސްމިއްޔާތު ދެ ގަޑިއިރަށް ދެމިގެންދިޔަ އެވެ. އެލިޒަބަތު ދެވަނަ 1953 ވަނަ އަހަރު ރަނިކަމަށް ކޮލިލުމުގެ ރަސްމިއްޔާތަށް ތިން ގަޑިއިރު ހޭދަވި އެވެ. ވަގުތު ކުރުކޮށްފައި ވިޔަސް، މިއަދުގެ ރަސްމިއްޔާތު ވެސް ކުރިއަށް ގެންދިޔައީ 1،000 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގާތްގަނޑަކަށް އެއް ހަމައެއްގައި ދެމިއޮތް އުސޫލުތަކެއްގެ މަތިންނެވެ.

ޗާލްސް ރަސްކަމުގެ ހުވާކުރެއްވުމަށް ފަހު ވަނީ "ހުރިހާ އަގީދާއެއްގެ މީހުންނަށް" ވެސް އެ މަނިކުފާނަކީ "ނިއުމަތަކަށް ވުމަށް" އެދިވަޑައިގެން ދުއާކުރައްވައިފަ އެވެ.

ރަސްގެފާނު ޗާލްސް ރަސްކަމަށް ކޮލިލުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގަންނަވަނީ. (ފޮޓޯ/ރޮއިޓާސް)

ޗާލްސް ރަސްކަމުގެ ހުވާކުރެއްވުމާ އެކު، އިނގިރޭސި ރަސްކަމަށް ކޮލިލުމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އާޗްބިޝަޕް ވަނީ، އިނގިރޭސި ރައްޔިތުންނާއި 'އެހެނިހެން ސަރަހައްދުތަކު'ގެ މީހުންނަށް ރަސްގެފާނު ޗާލްސް ތިންވަނަ އަށާއި އެ މަނިކުފާނުގެ 'ވާރިސުންނަށް' ބައިއަތު ހިފުމަށް ދައުވަތު ދެއްވާފަ އެވެ.

ރަސްގެފާނު ޗާލްސް ރަސްކަމުގެ ހުވާކުރެއްވުމަށް ފަހު، އެ މަނިކުފާނުގެ އަނބިކަނބަލުން، ރާނީ ކެމީލާ ވަނީ އެ ކަމަނާއަށް ހާއްސަ، ކުރު ރަސްމިއްޔާތެއްގައި، ރާނީ މޭރީގެ ތާޖުން ރަނިކަމަށް ކޮލިލައިފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި މި މުނާސަބަތަށް ހާއްސަކޮށް އާ ތާޖެއް ތައްޔާރުނުކުރި ފުރަތަމަ ފަހަރެވެ.

ރަސްގެފާނު ޗާލްސް ރަސްކަމަށް ކޮލިލުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގަންނަވަނީ. (ފޮޓޯ/ރޮއިޓާސް)

ރަސްގެފާނު ޗާލްސް އާއި ރާނީ ކެމީލާ ވެސްޓްމިންސްޓަ އެބީއަށް ވަޑައިގެންނެވީ ހަ އަހެއްގެ އެހީގައި ދުއްވި، ރަނާއި އަގުބޮޑު މައުދަންތަކުން ޖަރީކޮށްފައިވާ ޗާލު އަސްގާޑިއަލެއްގަ އެވެ.

ކޮލިލުމުގެ ރަސްމިއްޔާތަށް ފަހު ރަސްގެފާނާއި ރާނީ އެނބުރި ބަކިންހަމް ޕެލަސްއަށް ވަޑައިގެންނެވީ އެއަށް ވުރެ ބޮޑު، ސިފައިންގެ 4،000 މީހުންނާއި 250 އަސް އަދި 19 އަސްކަރީ ބޭންޑެއް ހިމެނޭ ޕެރޭޑަކާ އެކު އެވެ.

މި ހިތްގައިމު ރަސްމިއްޔާތު ނިންމާލާނީ ޝާހީ ސަލާމާއި ރަސްގެފާނާއި ޝާހީ އާއިލާގެ އިސް ބޭފުޅުން ބަކިންހަމް ޕެލެސްގެ ބެލްކަނިން ފެނިލާ ފެނިލުމަކުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް