ހާދިސާ ހިނގި ސްކޫލުގައި ފުލުހުން ހަރަކާތްތެރި ވަނީ

ސާބިއާ

ސާބިއާގެ ސްކޫލެއްގައި ބަޑިޖަހައި، 9 މީހަކު މަރާލައިފި

މި ހާދިސާއާ ގުޅިގެން 14 އަހަރުގެ ދަރިވަރަކު ވަނީ ހައްޔަރުކޮށްފައި

ސާބިއާގެ ވެރިރަށް ބެލްގްރޭޑުގައި ހުންނަ ސްކޫލެއްގައި ބަޑިޖަހައި އަށް ދަރިވަރަކާއި އެއް ސެކިއުރިޓީ ގާޑަކު މަރާލައިފި އެވެ.

ސާބިއާގެ ދާހިލީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އިތުރަށް އަނިޔާ ހަ ދަރިވަރަކާއި މުދައްރަސިކު މިހާރު ވަނީ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފަ އެވެ.

މިއަދު ހެނދުނު ވްލަޑިސްލާވް ރިބްނިކާ ސްކޫލުގައި ހިނގި މި ހާދިސާއާ ގުޅިގެން 14 އަހަރުގެ ދަރިވަރަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި ދަރިވަރު މި ހަމަލާދިނުމަށް ބޭނުންކޮށްފައި ވަނީ އޭނާގެ ބައްޕަގެ ހަތިޔާރެއް ކަމަށް އޮފިޝަލުން މައުލޫމާތުދެ އެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ މިހާރު ތަހްގީގު ކުރަމުން ނެވެ.

"ފުލުހުން ވަނީ ފޮނުވެން ހުރި ހުރިހާ ޔުނިޓުތަކެއް އެތަނަށް ފޮނުވާ ޝައްކު ކުރެވޭ ކުއްޖަކު ހައްޔަރު ކޮށްފައި. ގްރޭޑު ހަތެއްގަައި ކިޔަވަމުން އަންނަ މި ދަރިވަރު ވަނީ އެހެން ދަރިވަރުންނަށާއި ސްކޫލުގެ ސެކިއުރިޓީއާ ދިމާލަށް އޭނާގެ ބައްޕަގެ ބަޑިން ހަމަލާދީފައި،" ސާބިއާގެ ދާހިލީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ވެއެވެ. 

މިކުއްޖާ ހައްޔަރުކޮށްގެން ފުލުހުން ގެންދާ މަންޒަރު ލޯކަލް މީޑިއާތަކުގައި މިހާރު އަންނަނީ ދައުރުވަމުން ނެވެ.

"އަހަންނަށް ފެނުނީ ކުދިން ހަޅޭއްލަވަމުން ސްކޫލުން ބޭރަށް ދުވާތަން. ބެލެނިވެރިން ވެސް އައި، އެމީހުން ތިބީ ހާސްވެފައި. ދެން ފަހުން އަހަންނަށް އިވުނީ ތިން ފަހަރަށް ބަޑިޖެހި އަޑު،" އެއް ދަރިވަރަކު ސާބިއާ ސަރުކާރުގެ ބްރޯޑްކާސްޓަރު އާރްޓީއެސް އަށް މައުލޫމާތު ދިނެވެ.

ހާދިސާ ހިނގި ކްލާހުގެ ދަރިވަރެއްގެ ބައްޕަ މައުލޫމާތު ދިން ގޮތުގައި ހަމަލާދިން ކުއްޖާ ފުރަތަމަ ޓީޗަރު ގަޔަށް ބަޑިޖެހުމަށް ފަހު ދެން ހަމާލާދޭން ފެށީ އެހެން ދަރުވަރުންނަށެވެ. 

"އަހަންނަށް ފެނުނު ސެކިއުރިޓީ ގާޑު މޭޒުދަށުގައި އޮތްތަން. އަހަންނަށް ފެނުނު ގަމީހުގައި ލޭ ހުރި ދެ އަންހެން ކުއްޖަކު. އެމީހުން ބުނަނީ [ހަމަލާ ދިން ކުއްޖާ އަކީ] މަޑުމައިތިރި އަދި ރަނގަޅު ދަރިވަރެއް ކަމަށް. އޭނާ އެކުލާހާ ގުޅުނީ ވަރަށް ފަހުން." މައުލޫމާތު ދިން ދަރިވަރުގެ ބައްޕަ ހިއްސާ ކުރި އެވެ.

މި ހާދިސާ ހިނގި ސްކޫލު ހުންނަ ވްރަކާ ޑިސްޓްރިކްޓުގެ މޭޔަރު މިލަން ނެޑެލްކޮވިޗް ވިދާޅުވި ގޮތުގައި ފުރަތަމަ ހަމަލާ އެރި މުދައްރިސުގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން މިހާރު އަންނަނީ މަސައްކަތް ކުރަމުން ނެވެ.

ގިނަ ބަޔެއްގެ ގަޔަށް ބަޑިޖަހާ މިގޮތަށް ދެވޭ ހަމަލާތަކަކީ ސާބިއާގައި ވަރަށް ނުހިނގާ ކަމެކެވެ. ސާބިއާގައި ހަތިޔާރާ ބެހޭ ވަރަށް ހަރުކަށި ގަވާއިދުތަކެއް ހެދިފައި ހުރި ނަމަވެސް ޔޫރަޕުގައި އެންމެ ގިނަ އަދަދަކަށް އާންމުން ބަޑި ގެންގުޅޭ ގައުމުތަކުގެ ތެރޭގައި ސާބިއާ ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް