ބުއެނޮސް އެއިރޭސްގައި ޑެންގީ ފެތުރުން މައިތިރިކުރުމަށް ފިއުމިގޭޓުކުރަނީ. (ފޮޓޯ/ރޮއިޓާސް

އާޖެންޓީނާ

އާޖެންޓީނާގައި ރެކޯޑު ހަލުވިމިނެއްގައި ޑެންގޫ ހުން ފެތުރެނީ

60،000އަށް ވުރެ ގިނަ މީހުންނަށް މި ބަލި ވަނީ ޖެހިފައި

ދެކުނު އެމެރިކާއަށް ނިސްބަތްވާ އާޖެންޓީނާގައި ރެކޯޑު ހަލުވިމިނެއްގައި ޑެންގޫ ހުން ފެތުރެމުން އެބަދެ އެވެ.

އާޖެންޓީނާގައި މިހާތަނަށް 60،000އަށް ވުރެ ގިނަ މީހުންނަށް ޑެންގޫ ޖެހިފައި ވާއިރު، 40އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެންމެ ބޮޑަށް މި ބަލި ފެތުރެމުން ދަނީ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގަ އެވެ.

އާޖެންޓީނާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ބަލީގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ ހުޅަނގު އުތުރަށް ނިސްބަތްވާ ސަލްޓާ އަދި ޓުކުމަންގެ އިތުރުން، ޗިލީ އާއި ބޮލީވިއާގެ ބޯޑަރާ ޖެހިގެން އޮންނަ ޖޫޖުއީ ޕްރޮވިންސުންނެވެ.

ނަމަވެސް، އަލަށް ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރި އެވެ.

ޑެންގޫ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގަ ރިއްސުން، މޭ ނުބައިކުރުން އަދި ހުޅުތަކަށް ތަދުވުން ހިމެނެ އެވެ.

ޑެންގޫ ބަލި ފެތުރެނީ އީޑީސް އައެޖިޕްޓީ މަދިރިންނެވެ. އެންމެ ފަހުން މި ބަލި އާޖެންޓީނާގައި މިހާ ބޮޑަށް ފެތުރިފައި ވަނީ 2020ގަ އެވެ.

ބަލި ފެތުރުން ހުއްޓުވުމަށް އާޖެންޓީނާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މަދިރި މަދުކުރުމަށް ނެޓުޖެހުމާއި ފެން ހެދޭ ތަންތަން ނައްތާލުން ފަދަ ކަންކަން ކުރުމަށް އާންމުންނަށް ބާރުއަޅާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް