ރަޝިޔާގެ ޖާސޫސީ ބިރު އިތުރުވަމުންދާ ކަމަށް ނޯވޭގެ ހާރިޖީ ވަޒީރު އަންނިކެން ހޫޓްފެލްޑް ވަނީ ވިދާޅުވެފައި.

ނޯވޭ

ޖާސޫސުކުރި ކަމަށް ޝައްކު ކުރެވޭ ރަޝިޔާގެ 15 މީހަކު ނޯވޭއިން ފޮނުވާލައިފި

މޮސްކޯއަށް ޖާސޫސުކޮށްދިން ކަމަށް ތުހުމަތު ކުރެވޭ ގިނަ ބަޔަކު ނޯވޭއިން ވަނީ ފޮނުވާލާފައި

ޖާސޫސު ކުރިކަމުގެ ތުހުމަތުގައި ރަޝިޔާގެ 15 ޑިޕްލޮމެޓަކު ނޯވޭއިން ނުކުތުމަށް އަންގާފައިވާކަން ނޯވޭ ސަރުކާރުން ހާމަކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނޯވޭގެ ހާރިޖީ ވަޒީރު އަންނިކެން ހޫޓްފެލްޑް ވިދާޅުވީ ރަޝިޔާގެ އެމްބަސީ ބޭނުންކޮށްގެން ނޯވޭގައި "ސިއްރު ޖާސޫސީ ހަރަކާތްތަކެއް ކުރިއަށް ގެންދަން" ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ހުޅަނގުގެ ގިނަ ގައުމުތަކަކުން ގެންދަނީ އެ ގައުމުތަކުގައި ތިބި ރަޝިޔާގެ އޮފިޝަލުން މަދުކުރަމުންނެވެ.

ނޯވޭއިން އެޅި މި ފިޔަވަޅަށް ދޭނެ ރައްދެއް ކްރެމްލިން އިން ވިސްނަމުންދާ ކަމަށް ރަޝިޔާގެ ޓަސް ނޫސް އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓުގައި އުޅެމުން އައި ރަޝިޔާގެ މި 15 މީހުން އަނބުރާ ފޮނުވާލުމަށް ނިންމީ ނޯވޭގެ ވުޒާރާތަކުން "ދުވަސްތަކެއް" ވަންދެން މި މީހުންގެ ހަރަކާތްތައް ބެލުމަށް ފަހު ކަމަށް ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

މި މީހުން ލަސްނުވެ ނޯވޭއިން ނުކުތުމަށް އަންގާފައިވީ ނަމަވެސް މި މީހުން ހިންގާފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތުތަކެއް ނޯވޭ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ނޯވޭއަށް ކުރިމަތިވެފައިވާ "އެންމެ ބޮޑު ޖާސޫސީ ގޮންޖެހުމަކީ" ރަޝިޔާ ކަމަށާއި ޔޫރަޕުގެ ސަލާމަތީ ހާލަތު ދަށްވަމުންދާ ދަނޑިވަޅެއްގައި މި ބިރުވެރިކަން އިތުރުވަމުންދާ ކަމަށް ވެސް ނޯވޭ ސަރުކާރުން ވަނީ ބުނެފަ އެވެ.

އާކްޓިކް ސަރަހައްދުގައި ރަޝިޔާއާ އެކު ނޯވޭއިން 197 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާ ކުރެ އެވެ. އަދި ޔޫކްރެއިނު ހަނގުރާމަ ފެށުނު ފަހުން މި ދެ ގައުމުގެ ގުޅުން ދަނީ ހީނަރުވަމުންނެވެ. ނޯވޭއަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރެއް ކަމުގައި ނުވި ނަމަވެސް އީޔޫއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނޯވޭއިން ވެސް ވަނީ ނަކަލުކޮށްފަ އެވެ. 

ނޯވޭއިން މިދިޔަ އަހަރުގެ އޭޕްރިލް މަހު ވެސް ވަނީ ރަޝިޔާގެ ތިން މީހަކު ޖާސޫސީ އޮފިސަރުން ކަމަށް ތުހުމަތުކޮށް ފޮނުވާލާފަ އެވެ. ރައްދުގައި ރަޝިޔާއިން ވެސް ވަނީ ނޯވޭގެ ތިން ޑިޕްލޮމެޓެއް ރަޝިޔާއިން ބޭރުކޮށްފަ އެވެ.

އަދި މޮސްކޯއަށް ޖާސޫސުކޮށްދިން ކަމުގެ ތުހުމަތުގައި، ޔުނިވާސިޓީއެއްގައި ކިޔަވައިދެމުން އައި ލެކްޗަރާއެއް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނޯވޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ބްރެޒިލްގެ ރައްޔިތެއް ކަމަށް ހެދިގެން އުޅުނު މި މީހާ އަކީ ރަޝިޔާގެ މިހައިލް ވެލެރީވިޗް މިކޫޝިން ކިޔާ މީހެއް ކަމަށް ނޯވޭ ސަރުކާރުން ތުހުމަތު ކުރެ އެވެ. ނަމަވެސް މި ތުހުމަތުތައް މި މީހާ ދޮގު ކުރެ އެވެ.

ރަަޝިޔާގެ އޮފިޝަލުންތަކެއް ފޮނުވާލާކަން ހާމަ ކުރައްވައި ވާހަކަދައްކަވަމުން ނޯވޭގެ ހާރިޖީ ވަޒީރު ހޫޓްފެލްޑް ވިދާޅުވީ މޮސްކޯއާ އެކު އާދައިގެ ރަސްމީ ގުޅުން ބާއްވަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެމްބަސީތަކުގައި ޖާސޫސީ ހަރަކާތްތައް ހިންގަން ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް