ބަހްރެއިނުގެ ރަސްގެފާނު ހަމަދު ބިން އީސާ އާލް ހަލީފާ، ކ، ގަތަރުގެ އަމީރު ޝެއިހު ތަމީމް ބިން ހަމަދު އާލް ސާނީއާ ޔުނައިޓެޑް އެރަބް އެމިރޭޓްސްގައި މިދިޔަ ޖެނުއަރީ މަހު ބައްދަލު ކުރައްވަނީ.

މެދު އިރުމަތި

އަހަރުތަކަކަށް ފަހު ގަތަރާއި ބަހްރޭނުން އަލުން ގުޅުން ގާއިމްކުރަނީ

މި ދެގައުމުގެ ދެމެދުގައި އޮތް ރަސްމީ ގުޅުން ކަނޑާލީ 2017 ވަނަ އަހަރު

އަހަރުތަކެއް ވަންދެން ގަތަރާއި ބަހްރޭނާ ދެމެދު ހީނަރުވެފައި އޮތް ގުޅުން ބަދަހިކުރުމަށް ދެ ގައުމުން މަސައްކަތް ފަށައިފި އެވެ.

ބަހްރެއިނާ ގަތަރުގެ އޮފިޝަލުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަ ގަލްފް ކޯޕަރޭޝަން ކައުންސިލު (ޖީސީސީ)ގެ މައި މަރުކަޒުގައި އިއްޔެ ބައްދަލުކޮށްފައިވާ ކަމަށް ދެ ގައުމުގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

ދެ ގައުމުގެ އޮފިޝަލުން ބައްދަލުކޮށްފައި ވަނީ "ޖީސީސީގެ ޗާޓަރުގައި އޮތް ގޮތަށް ގަލްފު ސަރަހައްދުގައި އެއްބައިވަންތަކަމާއި ގުޅުންތައް ރަނގަޅު ކުރުމަށް" ކަމަށް ގަތަރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ ގަތަރުގެ ހާރިޖީ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ބިން ހަސަން އަލް-ހަމަދީ އާއި ބަހްރެއިނުގެ ހާރިޖީ ވުޒާރާގެ އަންޑަސެކްރެޓަރީ ފޮ ޕޮލިޓިކަލް އެފެއާސް އަބްދުﷲ ބިން އަހްމަދު އަލް ހަލީފާ އެވެ. 

މި ދެ ގައުމުގެ ގުޅުމަށް ބުރޫއެރީ 2017 ވަނަ އަހަރު ބަހްރެއިނުން، ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި މިސުރާ ގުޅިގެން، ގަތަރާ އެކު އޮތް ރަސްމީ ގުޅުން ކަނޑާލުމުންނެވެ. ސަބަބެއް ކަމަށް މި ގައުމުތަކުން އޭރު ބުނެފައި ވަނީ ގަތަރުން އީރާނާއި ހަރުކަށި ޖަމާއަތްތަކާ މާ ގާތް ގުޅުންތަކެއް ބާއްވަމުން ދިޔުމެވެ. ނަމަވެސް މި ތުހުމަތުތައް ދޯހާއިން އައިސްފައި ވަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.

އެ އަހަރު މި ހަތަރު ގައުމުން ވަނީ އެ ގައުމުތަކުގެ ކަނޑާއި ވައިގެ ސަރަހައްދު ގަތަރުގެ އުޅަނދުތަކުން ބޭނުން ކުރުން މަނާކޮށް ގަތަރާ އެކު އޮތް ވިޔަފާރީގެ ގުޅުން ވެސް ކަނޑާލާފަ އެވެ. ނަމަވެސް މީގެ ތެރެއިން ސައުދީ އަރަބިއްޔާ އާއި މިސުރާއި ޔޫއޭއީ އިން ވަނީ ގަތަރާ އެކު 2021 ވަނަ އަހަރު އަލުން ގުޅުން ގާއިމްކޮށްފަ އެވެ.

ބަހްރެއިނާއި ގަތަރުގެ ގުޅުން އަލުން ބަދަހިވާން ފަށާފައި ވަނީ މިދިޔަ ޖަނަވަރީ މަހު ބަހްރެއިނުގެ ވަލީ އަހުދު ގަތަރުގެ އަމީރަށް ގުޅުއްވައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާ މެދު މަޝްވަރާ ކުރެއްވުމާ ގުޅިގެނެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް