ފިންލެންޑުން ނޭޓޯއާ ގުޅުމުގެ ރަސްމިއްޔާތު.

ނޭޓޯ

ނޭޓޯގެ 31 ވަނަ މެމްބަރު ގައުމަކަށް ފިންލެންޑު ވެއްޖެ

ފިންލެންޑު ވެގެން ގޮސްފައި ވަނީ އެޕްލިކޭޝަން ހުށައެމަށް ފަހު އެންމެ އަވަހަށް ނޭޓޯއާ ގުޅުނު ގައުމަށް

ނޭޓޯ ސަލާމަތީ އިއްތިހާދުގެ 31 ވަނަ މެމްބަރު ގައުމަކަށް ފިންލެންޑު ވެއްޖެ އެވެ.

ފިންލެންޑުގެ ހާރިޖީ ވަޒީރު ވަނީ ނޭޓޯއާ ގުޅުމުގެ ލިޔެކިޔުންތައް މިއަދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އަށް އަރުވާފަ އެވެ.

ޔޫކްރެއިނު ހަނގުރާމަ ފެށުމުގެ ކުރިން، ނޭޓޯ ފުޅާކުރަމުން ގެންދިޔުމާ މެދު ތަކުރާރުކޮށް ޝަކުވާކުރެއްވި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް، ފިންލެންޑު ނޭޓޯއާ ގުޅުން ވެގެންދާނީ ބޮޑު ގޮންޖެހުމަކަށެވެ. 

ފިންލެންޑު ނޭޓޯއާ ގުޅުމުން ނޭޓޯގެ ގައުމުތަކާ އެކު ރަޝިޔާއިން ހިއްސާކުރާ ބޯޑަރުގެ ދިގުމިން ވަނީ ދެގުނަ އިތުރުވެފަ އެވެ.

ޒަމާންތަކެއް ވަންދެން ވަކި ކޮޅަކަށް ނުޖެހި އޮތް ފިންލެންޑާއި ސްވީޑެން އިން ނޭޓޯއާ ގުޅުމަށް ނިންމައި މިދިޔަ އަހަރުގެ މޭ މަހު އެޕްލިކޭޝަން ހުށައެޅީ ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް އުދުވާން ފެށުމާ ގުޅިގެނެވެ. ނޭޓޯއާ ގުޅުމަށް ފެނޭތޯ އާންމުންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓެއްގައި ފިންލެންޑުގެ %80 ރައްޔިތުން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.

ނޭޓޯ އިއްތިހާދަށް ފިންލެންޑު ވެއްދުމަކީ "އަހަރެމެންގެ ގައުމީ މަސްލަހަތާއި ސަލާމަތާ ހިލާފުވާ" ކަމެއް ކަމަށް ވިދާޅުވެ، ފިންލެންޑުގައި ހިނގަމުންދާ ކަންތައްތައް "ވަރަށް ގާތުން ބަލާނެ" ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމީޓްރީ ޕެސްކޯވް ވަނީ ވިދާޅުވެފަ އެވެ.

ފިންލެންޑުން މިއަދު ނޭޓޯއާ ގުޅުމަށް ބޭއްވި ހަފްލާއަށް ފަހު ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ "މިއާ އެކު ފިންލެންޑު ރައްކާތެރިވެ، ނޭޓޯ ވަރުގަދަ ވެގެންދާނެ" ކަމަށެވެ.

އަދި "ޔޫކްރެއިނަށް އަރައިގަތުމުގެ އެއް މަގުސަދެއް ކަމަށް ޕޫޓިން ދެއްކެވީ [ރަޝިޔާގެ] ބޯޑަރުގައި ނޭޓޯ މަދުކުރުން އަދި ޔޫރަޕުން މެމްބަރުން ނުލިބޭނެ ގޮތް ހެދުން" ކަމަށާއި ނަމަވެސް "އޭނާއަށް ލިބެމުން މިދަނީ ދިމާ އިދިކޮޅު" ކަމަށް ވެސް ސްޓޮލްޓެންބާގް ވިދާޅުވި އެވެ.

ބްލިންކެން ވިދާޅުވި މިއީ "ޕޫޓިން އަށް ޝުކުރު އަދާކުރަން ބޭނުންވާ ހަމައެކަނި ކަންތައް" ކަމަށެވެ. "ސަބަބަކީ އަނެއްކާވެސް ރަޝިޔާއިން ގަދަބާރު ދެއްކުމުގެ ސަބަބުން އޭނާ ބޭނުންނުވި ކަމެއް މި އޮތީ ވެފައި" ކަމަށް ބްލިންކެން ވިދާޅުވި އެވެ. 

ފިންލެންޑުން ނޭޓޯއާ ގުޅުމާ ގުޅޭ (ވީޑިއޯ/ޔޫރޯނިއުސް)

ފިންލެންޑާ އެކު ސްވީޑެން އިން ވެސް ނޭޓޯއާ ގުޅުމަށް ހުށައަޅާފައިވީ ނަމަވެސް ސްވީޑެންގެ އެޕްލިކޭޝަނަށް ތުރުކީއިން އަދިވެސް އާނބަސް ބުނެފައެއް ނުވެ އެވެ. ނޭޓޯއާ ގުޅުމަށް ހުރިހާ މެމްބަރުންގެ ރުހުން ބޭނުންވެ އެވެ. 

ސްވީޑެން އިން ކުރުދީ ހަނގުރާމަވެރިން ބައިތިއްބައި އެމީހުން ސްޓޮކްހޯމްގެ މަގުތައްމަތީ މުޒާހަރާކުރުމުގެ ފުރުސަތު ދެމުންދާ ކަަމަށް ތުހުމަތުކޮށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އަދިވެސް ގެންދަވަނީ ސްވީޑެންގެ އެޕްލިކޭޝަނަށް ހުރަސްއަޅުއްވަމުންނެވެ.

1949 އުފެދުނު ނޭޓޯ ޔޫރަޕުގައި ފުޅާވެެފައިވާ ގޮތް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް