ރޭ އިޒްރޭލުގައި ކުރިއަށް ދިޔަ މުޒާހަރާތަކުގެ ތެރެއިން.

އިޒްރޭލް

އިޒްރޭލުގެ ދިފާއީ ވަޒީރު މަގާމުން ވަކިކުރުމުން މުޒާހަރާތައް އިތުރަށް ވަރުގަދަކޮށްފި

ނަތަންޔާހޫ އަށް ފައިދާވާނޭ ކަމަށް ބެލެވޭ އިސްލާހުތައް މިހަފްތާގައި ފާސްވެގެން ދާނޭ ކަމަށް ވަނީ ބެލެވިފައި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާ ސަރުކާރުގެ ދިފާއީ ވަޒީރު މަގާމުން ވަކިކުރުމާ ގުޅިގެން އެތައް ހާސް ބަޔަކު މަތުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ނަތަންޔާހޫ މިފިޔަވަޅު އަޅުއްވާފައި ވަނީ ޝަރުއީ ދާއިރާއަށް އޭނާ ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ އިސްލާހުތަކާ ދެކޮޅަށް ދިފާއީ ވަޒީރު ޔޮއޭވް ގަލާންޓް ވާހަކަ ދައްކަވާފައި ވަނިކޮށެވެ. 

އިއްޔެގެ މުޒާހަރާތަކުގައި ނަތަންޔާހޫ ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ ތިބި އާންމުން ދުރުކުރުމަށް ފުލުހުންނާއި ސިފައިން ވަނީ ފެން ޖަހައިފަ އެވެ.

އިޒްރޭލުގައި ކުރިއަށްދާ މި ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ކޮންމެވެސް ވަރަކަށް ދެފަރާތުން ވެސް ދޫދިނުމަށް އެމެރިކާއިން ވަނީ ގޮވާލާފަ އެވެ. 

ނަތަންޔާހޫ ފާސްކުރައްވަން މަސައްކަތް ކުރާ ގާނޫނާ ގުޅިގެން ހަފްތާއެއްގެ މުއްދަތަށް އިތުރު ހަރަކާތްތައް މުޒާހަރާތައް އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ ރާވައިފަ އެވެ.

ނަތަންޔާހޫގެ އިސްލާހުތަކާ އެކު ގާޒީން އައްޔަން ކުރާ ކޮމިޓީއަށް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލު ލިބިގެން ދާނެ އެވެ. އަދި މަސްއޫލިއްޔަތު އަދާ ނުކުރެވޭ ބޮޑުވަޒީރަކު މަގާމުން ވަކިކުރުމަށް ކޯޓުތަކަށް އޮތް ބާރު ވެސް ހަނިވެގެން ދާނެ އެވެ.

ނަތަންޔާހޫގެ މިފިޔަވަޅުތަކަކީ އޭނާއާ ދެކޮޅަށް ކޯޓުގައި ހިނގަމުން އަންނަ މައްސަލަތަކާ ގުޅިގެން އޭނާ މަގާމުން ވަކި ނުކުރެވޭނެ ގޮތް ހެދުން ކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުން ނެވެ.

ނަމަވެސް މި އިސްލާހުތަކަށް އިޒްރޭލުގެ އާންމުން މިދިޔަ އިންތިހާބުގައި ވޯޓުދީފައިވާ ކަމަށާއި އިސްލާހުތަކުގެ ބޭނުމަކީ ކޯޓުތަކުން ނުހައްގު ގޮތުގައި ލިބިފައިވާ ބާރުތައް ބޭނުން ކުރުން ހުއްޓުވުން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. 

ރޭގެ މުޒާހަރާތަކުގައި ބައިވެރިވި ސަރުކާރުގެ މުވައްޒަފަކު ބީބީސީއާ ހިއްސާ ކުރިގޮތުގައި "ނަތަންޔާހޫ ވަނީ ޑިމޮކްރެޓިކް ގައުމެއްގެ ހައިސިއްޔަތުން ހުރިހާ ރޮނގެއް ހުރަސްކޮށްފަ" އެވެ. 

"އަހަރުމެން ދިފާއު ކުރަމުން މިދަނީ އަހަރުމެންގެ ޑިމޮކްރަސީގައި ހުރި އެންމެ ފަހު އެތިކޮޅު. އަހަންނަކަށް ނިދާކަށް ނުދެވޭނެ މިގޮތަށް. އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެ މި މޮޔަކަން ނުހުއްޓުވައެއް،" އޭނާ ހިއްސާ ކުރި އެވެ.

އިޒްރޭލުގައި ރޭ ކުރިއަށް ދިޔަ މުޒާހަރާތަކާ ގުޅޭ (ވީޑިއޯ/ސްކައި ނިއުސް އޮސްޓްރޭލިއާ)

ނަތަންޔާހޫގެ އިސްލާހުތަކާ ގުޅިގެން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ގައުމުގެ ސަލާމަތީ ކަންބޮޑުވުންތަކެއް އުފެދިދާނެ ކަމަށާއި މިކަމާ އިޒްރޭލުގެ ސިފައިން ރުޅި އައިސް މާޔޫސްވެފައިވާ ކަމަށް ދިފާއީ ވަޒީރު ގަލާންޓް ވިދާޅުވީ ހޮނިހިރު ދުވަހު އެވެ.

އަދި ގަލާންޓު މަގާމުން ވަކިކުރަމުން ދިފާއީ ވަޒީރުކަމުގައި އޭނާ ބެހެއްޓުމަށް އިތުބާރު ކުރެވެން ނެތް ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލުގެ ޝަރުއީ ދާއިރާއަށް ހުށައަޅާފައިވާ އިސްލާހުތައް މިހަފްތާގައި ގާނޫނު ހަދާ މަޖިލީހުން ފާސްކުރާނޭ ކަމަށް ވަނީ ބެލެވިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް