ފްރާންސްގެ ބޯޑޯގެ ސިޓީ ހޯލުގައި ހުޅުޖަހާފައި

ފްރާންސް

ފްރާންސްގެ މުޒާހަރާތަކުގައި ބޯޑޯގެ ޓައުން ހޯލުގައި ހުޅުޖަހައިފި

މުޒާހަރާތައް ހިނގަމުން މިދަނީ ޕެންޝަން ލިބޭ އުމުރު ދެ އަހަރު މަތިކުރުމުގެ ބިލު ތަސްދީގުކޮށްފައި ވަނިކޮށް

ފްރާންސް ސަރުކާރުން ޕެންޝަން ލިބޭ އުމުރު މަތިކުރަން ފެށި މަސައްކަތްތަކާ ދެކޮޅަށް އެ ގައުމުގައި ހިންގަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި ބޯޑޯ ސިޓީގެ ޓައުން ހޯލުގައި ރޭ ހުޅުޖަހަައިފި އެވެ. 

ފްރާންސްގެ ދާހިލީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ އިއްޔެގެ މުޒާހަރާތަކުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ. މީގެ ތެރޭގައި ވެރިރަށް ޕެރިސް އިން ބައިވެރިވި 119،000 މީހުން ވެސް ހިމެނެ އެވެ.

މުޒާހަރާތައް ރޫޅާލަން ފުލުހުން ކަރުނަ ގޭސް ޖަހާފައި ވާއިރު، އެކި ސަރަހައްދުތަކުން 80 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. 

ފްރާންސްގައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ދަނީ ޕެންޝަން ލިބެން ފަށާ އުމުރު 62 އިން 64 އަހަރަށް މަތިކުރަން ސަރުކާރުން ގާނޫނު ހެދުމުންނެވެ. މި ބަދަލު ވޯޓަކަށް ނާހާ ފްރާންސްގެ މަޖިލީހުން ފާސްކޮށް، ރައީސް މެކޯން ވަނީ ތަސްދީގު ވެސް ކުރައްވައިފަ އެވެ.

މުޒާހަރާތައް އިންތިޒާމުކުރާ ޔޫނިއަންތަކުން އަންނަނީ ކުރިއަށް އޮތް އަންގާރަ ދުވަހު އިނގިރޭސި ރަސްގެފާނު ޗާލްސް، ފްރާންސަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް މުޒާހަރާތައް ބާއްވަން ވެސް ގޮވާލަމުންނެވެ.

ރަސްގެފާނު ޗާލްސްގެ ދަތުރުފުޅުގައި ބޯޑޯ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، ރޭ އެ ސިޓީގެ ޓައުން ހޯލުގައި ހުޅުޖަހާފައި ވަނީ ކޮން ބަޔަކު ކަން އަދި ހޯދިފައެއް ނުވެ އެވެ. އަލިފާން ނިއްވާ ސިފައިން ވަނީ ހުޅުގަނޑު ދާދި އަވަހަށް ނިއްވާލައިފަ އެވެ. 

އާންމުކޮށް ސުލްހަވެރި މުޒާހަރާތަކެއް ބާއްވަމުން އަންނަ ވެރިރަށް ޕެރިސްގައި އިއްޔެ ހިނގި ހަރަކާތްތަކުގައި މާސްކު އެޅި އާންމުންގެ ބަޔަކު ވަނީ ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލައި، މަގުތައް މަތީ ހުރި ފަރުނީޗަރުތަކަށް ގެއްލުންދީ، މެކްޑޮނަލްޑްސް ރެސްޓޯރަންޓަކަށް ވެސް ހަމަލާ ދީފަ އެވެ. 

މި ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން ކަރުނަ ގޭސް ބޭނުންކުރި އެވެ. އާންމުން ފުލުހުންނާ ދިމާލަށް ފަޓާހާއި ތަފާތު އެކި އެއްޗެހި އުކާ ހަދާފަައިވާ ކަމަށް އޭޕީ ނޫސް އެޖެންސީން ރިޕޯޓު ކުރެ އެވެ. 

ފްރާންސްގައި އިއްޔެ ހިނގި ހަމަނުޖެހުންތަކާ ގުޅޭ (ވީޑިއޯ/ސީބީސީ ނިއުސް)

އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ރޭލު ދަތުރުތަކަަށާއި، ތެޔޮ ސާފުކުރާ ކާރުހާނާތަކަށާއި، މުދައްރިސުންނަށާއި، ޗާލްސް ޑި ގޯލް އެއާޕޯޓުގެ މަސަައްކަތްތަކަށް ވެސް ބުރޫއެރި އެވެ.

ޖެނަވަރީ މަހުން ފެށިގެން މިހާތަނަށް ނުވަ ދުވަހަކު ފްރާންސްގައި މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޕެންޝަން ލިބެން ފަށާ އުމުރު މަތިކުރުމަކީ ކޮންމެހެން މަޖުބޫރު އިސްލާހެއް ކަމަށް މެކޯން ވަނީ ވިދާޅުވެފަ އެވެ. މިއީ މުސްތަގުބަލުގައި ބޮޑު ޑެފިސިޓެއް ހުއްޓުވަން ގެންނަން މަޖުބޫރުވި ބަދަލެއް ކަމަށް ފަރަންސޭސި ބޮޑުވަޒީރު އެލިސަބެޓު ބޯން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް