އުތުރު ކޮރެއާއިން ޓެސްޓް ކުރި މިސައިލް އުދުއްސާލަނީ (ފޮޓޯ/ ރޮއިޓާސް

އުތުރު ކޮރެއާ

އުތުރު ކޮރެއާއިން ސަބްމެރިނުން ފޮނުވާ އާ ހަތިޔާރެއް ޓެސްޓްކޮށްފި

13 މާރިޗު 2023

އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު އަސްކަރީ ތަމްރީނުތައް ފެށުމުގެ ކުޑަ އިރުކޮޅެއް ކުރިން އުތުރު ކޮރެއާއިން ވެސް ބާރު ދެއްކުމުގެ ގޮތުން ސަބްމެރިނަކުން ދެ ސްޓްރެޓެޖިކް ކްރޫޒް މިސައިލް ފޮނުވާލައިފި އެވެ.

އެ ޓެސްޓްތަކުގެ ވީޑިއޯ ފްޓޭޖުތައް ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވަނީ މިއަދު އެވެ. އަދި އެ ޓެސްޓްކޮށްފައިވަނީ ލީޑަރު ކިމް ޖޮން އުން ހަތިޔާރުގެ ސިލްސިލާ ހަމަލާތައް ބައްލަވައި ދުޝްމަނުންނާ ދެކޮޅަށް "ހަނގުރާމައަށް ތައްޔާރުވުމުގެ ފިޔަވަޅުތައް" އިތުރަށް ހަރުދަނާ ކުރުމަށް އެ ގައުމުގެ ސިފައިންނަށް އަންގަވާފައި ވަނިކޮށެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނީ މިސައިލް ފޮނުވާލުމުން ދައްކުވައިދެނީ "އެމެރިކާގެ އިސްތިއުމާރީންނާއި ދެކުނު ކޮރެއާގެ ޕަޕެޓުން"ނާ ދެކޮޅަށް އަސްކަރީ ގޮތުން ރައްދު ދިނުމަށް ޕިޔޮންގްޔޮންގް ތައްޔާރަށް އޮތް ކަމެވެ.

ކޭސީއެންއޭ އިން ބުނީ އުތުރު ކޮރެއާގެ އަމާޒަކީ ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ޓެސްޓްކުރާ ކްރޫޒް މިސައިލްތައް އިތުރު ކުރުން ކަމަށެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ އިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތަކަކީ އުތުރު ކޮރެއާއަށް ހަމަލާ ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ޓެސްޓުތަކެއްގެ ގޮތުން ޕިޔޮންގްޔޮންގް އިން ދެކޭ އިރު، ނިއުކްލިއާ ހަތިޔާރާއި މިސައިލް ޕްރޮގްރާމްތަކަކީ އަމިއްލަ ދިފާއުގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ކަމަށް އެ ގައުމުން ދެކެ އެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން، 'ފްރީޑަމް ޝީލްޑް'ގެ ނަން ދީފައިވާ ތަމްރީނުތައް ފަށާފައި ވާއިރު، މިއީ 2018 ވަނަ އަހަރު އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ތާއީދުކޮށް އެ ތަމްރީނުތައް މެދުކަނޑާލި ފަހުން މިފަދަ ބޮޑެތި ތަމްރީނުތައް ބޭއްވި ފުރަތަމަ ފަހަރެވެ.

ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރިއްޔާއިން ބުނީ މި ތަމްރީނުތައް މަދުވެގެން 10 ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ބަލާނީ އުތުރު ކޮރެއާގެ ނިއުކްލިއާ ނުރައްކާ އިތުރުވަމުންދާ ދަނޑިވަޅެއްގައި "ސަލާމަތީ މާހައުލަށް އަންނަ ބަދަލުތަކަށް" ކަމަށެވެ.

އުތުރު ކޮރެއާއިން މިދިޔަ އަހަރު ރެކޯޑް އަދަދަކަށް މިސައިލް ޓެސްޓްކޮށްފައި ވާއިރު، އެ ގައުމުން ގެންގުޅެމުން ދިޔައީ ހަރުކަށި އުސޫލެކެވެ.

"ސަބްމެރިނަކުން ފޮނުވާލި އުތުރު ކޮރެއާގެ ކްރޫޒް މިސައިލްތަކުން ދައްކައިދެނީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ސީރިއަސްކޮށް ނަގަން ޖެހޭ ނުރައްކަލެއް އޮތްކަން،" ސޯލްގެ އެވާ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ލީފް-އެރިކް އީސްލީ ވިދާޅުވި އެވެ.

"އެކަމަކު ޕިޔޮންގްޔޮންގް އިން މިހާރު ވެސް މިފަދަ މިސައިލްތަކަކީ ނިއުކްލިއާ ހަތިޔާރު އެޅި ތަކެތި ކަމަށް ބުނާ އިރު، އެ ގައުމުން ވަރަށް ބޮޑަށް ހަރުކަށިކޮށް ވާހަކަ ދައްކަނީ. ކިމްގެ ސަރުކާރުން ބޭނުންވަނީ އެމެރިކާ އާއި ދެކުނު ކޮރެއާގެ ދިފާއީ ތަމްރީނުތަކުގައި ދައްކާލާ އަސްކަރީ ގާބިލުކަމާ އެއް ވަރުކޮށް ނުވަތަ ފަހަނައަޅައި ދެވިދާނެކަން ދެއްކުން. އެކަމަކު ހަގީގަތަކީ އުތުރު ކޮރެއާގެ ސިފައިންނަށް ކާން ނުދެވި، އެ ގައުމުގެ ކާބޯތަކެތީގެ ދަތިކަން ހައްލު ކުރުމަށް ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންނަށް އަމުރު ކުރަމުން ދާކަން."

ކޭސީއެންއޭ އިން ބުނީ މި މިސައިލްތައް ފޮނުވާލާފައިވަނީ '8.24 ޔޮންގުން'ގެ ނަން ދީފައިވާ ސަބްމެރިނަކުން ކަމަށާއި މިއީ އުތުރު ކޮރެއާއިން 2016 ވަނަ އަހަރުން ފެށިގެން ސަބްމެރިނުން ފޮނުވާލާ ބެލިސްޓިކް މިސައިލް ޓެސްޓްތައް ކުރުމަށް ބޭނުންކުރަމުން އަންނަ ސަބްމެރިންއެއް ކަމަށެވެ.

މީގެ ކުރިން ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފައި ވަނީ އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުގެ ސިންޕޯގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ސަބްމެރިންއަކުން މިސައިލު ލޯންޗުކުރިކަން އެނގުނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އުތުރު ކޮރެއާގެ އެ ސިޓީގައި ސަބްމެރިން އިމާރާތް ކުރާ ބޮޑު ޝިޕްޔާޑެއް ހުރެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކިމް މަސައްކަތް ކުރައްވަނީ އުތުރު ކޮރެއާ އަކީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމުގެ އިގްތިސާދު ހީނަރުވަމުންދާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެމެރިކާއަށް ޕްރެޝަރު ކުރުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް