ޕީޓާ އޯބީއަށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ތާއީދުކޮށްފައި (ފޮޓޯ/ރޮއިޓާސް)

ނައިޖީރާ

އިންތިހާބު ކާމިޔާބުކުރިކަން ސާބިތުކޮށްދޭނަން: ނައިޖީރިއާގެ ތިންވަނަ ކެންޑިޑޭޓް

އިންތިހާބުން އޭނާއަށް ކާމިޔާބު ލިބިވަޑައިގެންނެވީ ކިހިނެއް ކަމެއް ނުވަތަ ވޯޓުލުމާއި ވޯޓު ގުނުމުގައި މައްސަލައެއް އޮތް ކަމުގެ ހެއްކެއް ޕީޓާ އޯބީ ނުދައްކަވާ

ކާމިޔާބީ "ފޭރިގެންފައިވާ" ކަމަށް، ނައިޖީރިއާގެ ރިޔާސީ އިންތިހާބުގައި ތިންވަނައަށް ދިޔަ ޕީޓާ އޯބީ ވިދާޅުވެއްޖެ އެވެ. 

ރަސްމީ ނަތީޖާ ދައްކާގޮތުން ވޯޓުގެ %25 ލިބިވަޑައިގެންނެވި އޯބީ މިގޮތަށް ވިދާޅުވެފައި ވަނީ ވޯޓުލުމަށް ފަހު އާންމުންނާ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު އެވެ. 

"އަހަރެމެންނަށް އިންތިހާބު ކާމިޔާބު ކުރެވުނު އަދި ނައިޖީރިއާ ރައްޔިތުންނަށް މިކަން ސާބިތުކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ. 

ރަސްމީ ނަތީޖާއިން ދައްކާގޮތުގައި ނައިޖީރިއާގެ އިންތިހާބު %37 ވޯޓާ އެކު ކާމިޔާބު ކުރައްވާފައި ވަނީ ވެރިކަން ކުރަމުން އަންނަ އޭޕީސީ ޕާޓީގެ ކެންޑިޑޭޓު ބޯލާ ޓިނޫބޫ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު މައި ޕާޓީ ޕީޑީޕީގެ ކެންޑިޑޭޓު އަޓީކޫ އަބޫބަކާ އަށް ލިބިވަޑައިގެންފައި ވަނީ %29 ވޯޓެވެ. 

އޯބީ އިތުރަށް ވިދާޅުވިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު ވެެގެންދާނީ ނައިޖީރިއާގެ ތާރީހުގައި ވެސް އެންމެ ބޮޑަށް ހިޔާލުތަފާތުވުން އުފެދުނު އިންތިހާބަށެވެ. އަދި "ނައިޖީރިއާގެ ރަނގަޅު އަދި ބުރަ މަސައްކަތް ކުރާ ރައްޔިތުންގެ އަތުން އަނެއްކާވެސް އެމީހުން އިތުބާރު ކުރި ވެރިން ވައްކަން ކޮށްފައިވާ" ކަމަށް އޯބީ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. 

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާތާ 21 ދުވަހުގެ ތެރޭގައި އެ ނަތީޖާ ބާތިލްކުރުމަށް އޯބީގެ ފަރާތުން ކޯޓަށް ހުށައެޅިދާނެ އެވެ. 

އިންތިހާބުން އޭނާއަށް ކާމިޔާބު ލިބިވަޑައިގެންނެވީ ކިހިނެއް ކަމެއް ނުވަތަ ވޯޓުލުމާއި ވޯޓު ގުނުމުގައި މައްސަލައެއް އޮތް ކަމުގެ އެއްވެސް ހެއްކެއްގެ ވާހަކައެއް އޯބީ އަދި ވިދާޅުވެފައެއް ނުވެ އެވެ. އެހެންކަމުން އޭނާ ނަންގަވާނީ ވޯޓުލާ މަރުކަޒުތަކުގައި ހުރި އިލެކްޓްރޯނިކް ނިޒާމުތަކުން ވަގުތުން ވަގުތަށް ނަތީޖާ ޝާއިއު ކުރަމުން ނުދިޔުމުގެ މައްސަލަ ކަމަށް ވަނީ ބެލެވިފަ އެވެ.  

ނައިޖީރިއާގެ ރިޔާސީ އިންތިހާބާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

ނައިޖީރިއާގެ ގައުމީ އިންތިހާބުތަކާ ބެހޭ ކޮމިޝަން (އައިނެކް) އިން ވަނީ 176،000 އަށް ވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގެ ނަތީޖާތައް ސްކޭންކޮށްފައި އައިނެކް ވެބްސައިޓަށް ލާނޭ ކަމަށް ވައުދުވެފަ އެވެ. ނަމަވެސް "ޓެކްނިކަލް މައްސަލަތަކާ" ގުޅިގެން ހޮނިހިރު ދުވަހު މިކަން ހާސިލު ކުރެވިފައި ނުވުމުން އައިނެކް އިން ވަނީ މައާފަށް އެދިފަ އެވެ. އަދި ޕޯޓަލްގައި ހުރި ނަތީޖާތަކާއި ވޯޓު ކަރުދާސްތަކުގައި ހުރި ނަތިޖާތަކުގެ ފަރަގުތައް ދެނެގަނެ ހައްލު ކުރާނޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން، ވޯޓުލާ މަރުކަޒުތަކުގައި އިންޓަނެޓު ނެތުން ފަދަ، ބާރުނުފޯރުވޭ މައްސަލަތައް ކުރިމަތިވި ކަމަށާއި މިއީ ވެސް ވޯޓުގެ ނަތީޖާތައް އަޕްލޯޑު ކުރުމަށް ހުރަސް އެޅުނު ކަމެއް ކަމަށް އައިނެކް އިން ވަނީ ބުނެފަ އެވެ.

ނަމަވެސް މިހާރު އިންތިހާބުގެ ވޯޓުލުން ނިމުނުތާ ދުވަސްތަކެއް ވެފައި ވާއިރު އެ އިދާރާއިން އަދިވެސް ހުރިހާ ނަތީޖާތަކެއް ޝާއިއުކޮށްފައެއް ނުވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް