އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމް (ކ) އަދި އޭނާގެ ކޮއްކޮ ޕްރިންސް ހެރީ (ފޮޓޯ/ގެޓީ އިމޭޖެސް)

ބޭބެ ޕްރިންސް ވިލިއަމް ހަމަލާދިން ކަމަށް ޕްރިންސް ހެރީ ވިދާޅުވެއްޖެ

ދެބެއިންގެ ދެމެދުގައި ހަމަނުޖެހުން ހިނގީ މޭގަން މާކަލްއާ ބެހޭގޮތުން ވިލިއަމް ދެއްކެވި ވާހަކައަކާ ގުޅިގެން ކަމަށް ހެރީގެ ފޮތުގައިވާ ކަމަށް، ގާޑިއަން ނޫހުން ވަނީ ރިޕޯޓުކޮށްފައި

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ނެރުއްވަން ތައްޔާރުވެފައިވާ އަމިއްލަ ހަޔާތާ ބެހޭ ފޮތެއްގައި، އޭނާގެ ބޭބެ ވަލީއަހުދު ޕްރިންސް ވިލިއަމް ޖިސްމާނީ ހަމަލާއެއް ދެއްވި ކަމަށް ތުހުމަތު ކުރައްވާފައިވާ ކަމަށް، އެ ފޮތުގެ ކޮޕީއެއް ލިބިފައިވާ ގާޑިއަން ނޫހުން ބުނެފި އެވެ.

ހެރީ އެ ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ވިލިއަމް އޭނާއާ މާރާމާރީ ހިންގީ ހެރީގެ އަނބިކަނބަލުން މޭގަން މާކަލްއާ ބެހޭގޮތުން ދެބެއިންގެ ދެމެދުގައި ހިނގި ޒުވާބެއްގަ އެވެ.

"އޭނާ އަހަރެންގެ ގިރުވާނުގައި ހިފައި އަހަރެންގެ ކަރުގައި އޮތް ފަށް ކަނޑާލައި އަހަރެންގެ ގައިގައި ޖަހައި ތަޅުންގަނޑު މައްޗަށް ވައްޓާލި،" ހެރީއާ ހަވާލާދީ ގާޑިއަން އިން ރިޕޯޓުކޮށްފައިވެ އެވެ.

ވިލިއަމްގެ ކެންސިންގްޓަން ޕެލަސް އާއި ރަސްގެފާނު ޗާލްސް ތަމްސީލްކުރާ ބަކިންގްހަމް ޕެލަސް އިން ބުނީ މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނާނެ ކަމަށެވެ.

'ސްޕެއާ'ގެ ނަންދީފައިވާ މިފޮތް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ. ނަމަވެސް މި ފޮތުގެ ކޮޕީއެއް ލިބިފައިވާ ކަމަށް ގާޑިއަން ނޫހުން ބުނެފައިވާ އިރު އިނގިރޭސިވިލާތަށް ވުރެ ފަސް ދުވަސް ކުރިން ސްޕެއިންގައި ފޮތް ވިއްކަން ވަނީ ފަށައިފަ އެވެ.

ހެރީ އާއި ވިލިއަމްއާ ދެމެދު މި ދެބަސްވުން ހިނގާފައި ވަނީ ލަންޑަންގައި ހެރީ އުޅެމުންދިޔަ ގޭގައި 2019 ވަނަ އަހަރު ކަމަށް، ފޮތާ ހަވާލާދީ ގާޑިއަން އިން ބުނެ އެވެ.

އެ ނޫހުން ބުނިގޮތުގައި ހެރީ މޭގަންއާ ކައިވެނި ބައްލަވައިގަތުމުން ވިލިއަމް އެކަމަށް ފާޑުވިދާޅުވެ، މޭގަން އަކީ "އުނދަގޫ"، "ރޫޑު" އަދި "ހަރުކަށި" މީހެއްގެ ގޮތުގައި ސިފަކުރެއްވި ކަމަށް ހެރީ ލިޔުއްވާފައިވެ އެވެ.

ހެރީ ވިދާޅުވެފައިވާ ގޮތުގައި މި ހަމަނުޖެހުން ކުރިއަށް ދިޔަ ވަރަކަށް ބޭބެ ގެންދެވީ ނޫސްތަކުން މޭގަންއާ ބެހޭގޮތުން ދައްކާފައި ހުރި ވާހަކަތައް ތަކުރާރު ކުރައްވަމުންނެވެ.

ވިލިއަމް ދެން އޭނާއާ މާރާމާރީ ހިންގީ ކަމަށް ހެރީ ވަނީ ލިޔުއްވާފަ އެވެ.

"އޭނާ ފެން [ތަށި] ބަހައްޓާފައި، އަހަންނަށް އެހެން ނަމެއް ގޮވާފައި އަހަންނާ ދިމާލަށް އައީ. ހުރިހާ ކަމެއް ވެގެން ދިޔައީ ވަރަށް އަވަހަށް. ވަރަށް އަވަހަށް،" ހެރީ ލިޔުއްވާފައިވާ ކަމަށް ގާޑިއަން އިން ބުންޏެވެ.

ހެރީ ވިދާޅުވިގޮތުގައި ވިލިއަމް އޭނާގެ ގައިގައި ޖަހާ ބިންމައްޗަށް ވައްޓާލުމުން އޭނާ އުއްޑުން ގޮސް ޖެހުނީ ކުއްތާ ބޭނުންކުރާ ބޯތަށީގަ އެވެ. އޭނާ ވެއްޓުނުލެއް ބާރުކަމުން އެ ތަށި ތަޅައިގެން ގޮސް، އޭގެ ބައެއް އެތިކޮޅުތައް ގަޔަށް ހެރުނު ކަމަށް ވެސް ހެރީ ލިޔުއްވާފައިވެ އެވެ.

"ހުއްޓުން އަރާފައި އިރުކޮޅެއް ވަންދެން އެ ތަނުގައި އޮވެފައި ތެދުވެ އަހަރެން އޭނާ ކައިރީ ނުކުމެގެން ދާން ބުނިން،" ހެރީ ލިޔުއްވާފައިވާ ކަމަށް ގާޑިއަން އިން ބުންޏެވެ.

ހެރީ ވިދާޅުވީ މި ހާދިސާއަށް ފަހު ވިލިއަމް އެނބުރި ވަޑައިގެން މައާފަށް އެދިވަޑައިގެންނެވި ކަމަށާއި އަދި މޭގަން އަރިހު އެ ވާހަކަ ވިދާޅުނުވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

"ތިބުނީ އަހަންނަށް ހަމަލާ ދިން ވާހަކަތަ؟" އޭނާ ވިދާޅުވި ކަމަށް ހެރީ ލިޔުއްވާފައިވެ އެވެ.

"އަހަރެން ކަލެއަށް ހަމަލާއެއް ނުދެން، ހެރޮލްޑް،" ވިލިއަމް ރައްދުދެއްވި ކަމަށް ފޮތުގައިވެ އެވެ.

ހެރޮލްޑް އަކީ ހެރީގެ އަސްލު ނަމެއް ނޫނެވެ. ހެރީގެ އަސްލު ފުރިހަމަ ނަމަކީ ހެންރީ ޗާލްސް އަލްބާޓް ޑޭވިޑް އެވެ.

ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލް (ފޮޓޯ/ގެޓީ އިމޭޖެސް)

މި ވާހަކަތަކުން އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ތެރޭގައި ނުތަނަވަސްކަން އޮތް މިންވަރު ތިލަވެގެން ދެ އެވެ. މި މައްސަލަތައް އަވަހަށް ހައްލުވާނެކަމުގެ އެއްވެސް ނިޝާނެއް ވެސް އަދި ފެންނާކަށް ނެތެވެ.

ހެރީ މިފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ އަންނަ މޭ މަހު ބައްޕާފުޅު، ރަސްގެފާނު ޗާލްސް ރަސްމީގޮތުން ރަސްކަމާ ހަވާލުވެވަޑައިގަންނަވާ ހަފްލާއަށް ވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. 

އައިޓީވީއަށް ދެއްވި އިންޓަވިއުގައި ހެރީ ވިދާޅުވީ މިހާރާއި އެ ވަގުތާ ދޭތެރޭ ވަރަށް ގިނަ ކަންކަން ހިނގުމުގެ ފުރުސަތު އޮތް އެބައޮތް ކަމަށާއި "ބޯޅަ އޮތީ [ޝާހީ އާއިލާގެ] ކޯޓުގައި" ކަމަށެވެ.

ގާޑިއަން ނޫހުން ހެރީގެ ފޮތާ ބެހޭގޮތުން ލިޔުނު ހަބަރަކީ ތެދެއްކަމެއް މެދު އެ ފޮތް ޝާއިއުކުރާ ޕެންގުއިން ރެންޑަމް ހައުސް އިން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ. ނަމަވެސް ހެރީ ވަނީ މިފަހުން އޭނާގެ ބޭބެއާ ދެމެދު އޮތް ހަލަބޮލި ގުޅުމާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް