މަލާވީގެ ނާއިބު ރައީސް ސައުލޯސް (ފޮޓޯ/އޭއެފްޕީ)

މަލާވީ

ކޮރަޕްޝަންގެ ތުހުމަތުގައި މަލާވީގެ ނާއިބު ރައީސް ހައްޔަރުކޮށްފި

ނާއިބު ރައީސްގެ އިތުރުން މަލާވީ ސަރުކާރުގެ 83 އޮފިޝަލަކަށް ދައުވާ އުފުލާފައިވޭ
26 ނޮވެމްބަރު 2022

ސަރުކާރުގެ ކޮންޓްރެކްޓުތައް ވަކި ފަރާތްތަކަކަށް ހޯދައިދިނުމަށް ކޮރަޕްޝަނުގެ ދަށުން ފައިސާ ހޯދާފައިވާ ކަމުގެ ތުހުމަތުތަކުގައި މަލާވީގެ ނާއިބު ރައީސް ސައުލޯސް ޗިލީމާ ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ އެންޓި ކޮރަޕްޝަން ބިއުރޯއިން ބުނެފި އެވެ. 

އިނގިރޭސިވިލާތުގެ ވިޔަފާރިވެރިއެއް އަތުން 280،000 ޑޮލަރާއި "އެހެނިހެން ސާމާނު" ޗިލީމާ ހޯދާފައިވާ ކަމަށް މަލާވީގެ އެންޓި ކޮރަޕްޝަން ބިއުރޯއިން ވަނީ ތުހުމަތު ކޮށްފަ އެވެ. 

ޗިލީމާ ކޯޓަށް ގެންދިޔަ ނަމަވެސް މި މައްސަލައާ ގުޅިގެން އޭނާ އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. 

އޭނާގެ މައްޗަށް އެންޓި ކޮރަޕްޝަން ބިއުރޯއިން ފުރަތަމަ ދައުވާ އުފުލާފައި ވަނީ މި އަހަރުގެ ޖޫން މަހު އެވެ. އަދި އެ ދައުވާއާ ގުޅިގެން، ނާއިބު ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތަކުން ޗިލީމާ ވަނީ ވަކި ކޮށްފަ އެވެ. އޭނާގެ މައްޗަށް ކޮރަޕްޝަނާ ގުޅޭ ހަ ދައުވާއެއް ކުރެ އެވެ. 

އެންޓި ކޮރަޕްޝަން ބިއުރޯއިން ކޮށްފައިވާ ތުހުމަތުތަކުގައި ބުނާގޮތުގައި ޗިލީމާގެ އިތުރުން މަލާވީގެ 83 އޮފިޝަލަކު ވަނީ ކޮރަޕްޝަންގެ މުއާމަލާތުތަކެއް އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔާ ޒުނޭތު ސައްތާރުއާ އެކު ހިންގާފަ އެވެ.

ވެރިރަށް ލިލޮންގްވޭގައި ހުންނަ ކޯޓަކަށް ޗިލީމާ ގެންދިޔަ އިރު އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި މުޒާހަރާތައް ބާއްވައި ފުލުހުންނާ ކުރިމަތިލައިފަ އެވެ. 

މި މައްސަލައިގައި ހިމެނޭ އިނގިރޭސިވިލާތަށް ނިސްބަތްވާ ސައްތާރު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފަ އެވެ. މަލާވީގެ އޮފިޝަލުންނަށް ރިޝްވަތު ދީގެން، މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކޮންޓްރެކްޓުތައް ހޯދުމަށް އޭނާ މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުތައް ސައްތާރު ވަނީ ދޮގުކޮށްފަ އެވެ. 

މަލާވީގެ ރައީސް ލަޒަރަސް ޗަކްވޭރާގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިހާބަށް ކުރިމަތިލައްވައި ޗިލީމާ ނާއިބު ރައީސްކަމަށް ހޮވިވަޑައިގެންފައި ވަނީ 2020 ވަނަ އަހަރެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންތަކުގައި އޭނާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް