ހެއިޓީގެ ޖީ9 ގޭންގު (ފޮޓޯ/އޭޕީ)

ހެއިޓީ

ގޭންގުތަކުން ހެއިޓީ ހިފާފާނެކަމުގެ އިންޒާރު ސަފީރު ދެއްވައިފި

ހެއިޓީގައި ސުލްހަ ބަލަހައްޓަން ބޭރު ގައުމުތަކުގެ ސިފައިން ފޮނުވުމަށް އދ.ގެ ސަލާމަތީ މަޖިލީހުން އަދި ފާސްވެފައެއް ނުވޭ
31 އޮކްޓޯބަރު 2022

ކުށްކުރާ ގޭންގުތަކުން ގައުމު ހިފާފާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށާއި ސުލްހަ ގާއިމުކުރުމަށް ބޭރުގެ ހަތިޔާރު އެޅި ސިފައިން ބޭތިއްބުމަށް ކުރަމުން އަންނަ މަޝްވަރާތައް އަވަސް ކުރުމަށް، ހެއިޓީގެ ފަރާތުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަރީރު ވިދާޅުވެއްޖެ އެވެ. 

މިފަދަ ފައުޖެއް ހެއިޓީއަށް ފޮނުވަން އދ. އިން ފާސްކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ވަނީ މަޑުޖެހިފަ އެވެ. މިކަމަށް ހައްލެއް ހޯދުމަށް އެމެރިކާ އާއި ކެނެޑާއިން އަންނަނީ ކުއްލި މަޝްވަރާތަކެއް ބާއްވަމުންނެވެ.

"މި ގޭންގުތައް ގޮސް މައިތިރި ކުރެވޭނީ ކިހާ އަވަހަކަށްކަން ބެލުން މުހިންމު. އެހެން ނޫން ނަމަ އެމީހުންގެ ބާރުގެ ދަށަށް މުޅި ގައުމު ދާން މާ ގިނަ ވަގުތެއް ނުނަގާނެ،" ސަފީރު ބޮޗިތު އެޑްމޮންޑް ވިދާޅުވި އެވެ.

"މިފަދަ ކަމެއް ވުމަކީ އަހަރެމެންނާ އެންމެ ގާތުގައި އޮތް އަވަށްޓެރިންނަށް ފައިދާވާނެ ކަމެއް ނޫން."

ހަތިޔާރު އެޅި ގޭންގުތަކުން ވަނީ ހެއިޓީގެ މައި ތެޔޮ ޓާމިނަލް ބަންދުކޮށް ގައުމުގެ ބޮޑު ބައެއް ހުއްޓުމަކަށް ގެނެސްފަ އެވެ. އަދި ހެއިޓީގައި ކޮލެރާ ފެތުރެން ފަށައި ގިނަ އަދަދެއްގެ މީހުން ބަނޑަށް ޖެހިފައި ވާއިރު، އެންމެ އާދައިގެ ހިދުމަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުމާ ގުޅިގެން 96،000 މީހުން ގެދޮރުން ނުކުންނަށް މަޖުބޫރުވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

ގޭންގު ލީޑަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މި މަހު ކުރީކޮޅު އދ. ގެ ސަލާމަތީ މަޖިލީހުން އެއްބަސްވުމަކަށް އައި ނަމަވެސް އދ. އިން ހުއްދަ ނުދޭ ބޭރު ގައުމުތަކުގެ ސިފައިންތަކެއް ހެއިޓީއަށް ފޮނުވުމަށް ރުހުން ލިބިފައެއް ނުވެ އެވެ.

ނަމަވެސް އެ ކައުންސިލުން މިފަދަ ހުއްދައެއް ދީ ގަރާރެއް ފާސްކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އަދި މިކަމާ ބެހޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވަނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ މަޝްވަރާތަކެއް ކުރައްވައިފަ އެވެ.

ނަމަވެސް ބޭރުގެ ސިފައިންތަކެއް ދިގު މުއްދަތުގެ ހައްލެއް ނެތި ހެއިޓީއަށް އަރައިފި ނަމަ ހަމަނުޖެހުން އިތުރުވެގެން ހިނގައިދާނެ ކަމަށް ހެއިޓީގެ އެކްޓިވިސްޓުން ވަނީ އިންޒާރު ދީފަ އެވެ.

އަދި މީގެ ކުރިން އދ. ގެ ރުހުމާ އެކު ސުލްހަ ބަލަހައްޓަން އެކި ގައުމުތަކަށް ފޮނުވި ބޭރުގެ ސިފައިންނަށް ކުރިމަތިވި ގޮންޖެހުންތައް މިފަހަރު ވެސް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. 

ހެއިޓީގެ އަދުގެ ހާލަތާ ގުޅޭ (ވީޑިއޯ/ ސީޖީޓީއެން އެމެރިކާ)

މީގެ 12 އަހަރު ކުރިން 2010 ގައި ހެއިޓީއަށް ކުރިމަތިވި ބޮޑު ބިންހެލުމާ ގުޅިގެން ސުލްހަ ބެލެހެއްޓުމަށް ފޮނުވި ސިފައިން ހެއިޓީގެ އަންހެނުންނަށް ޖިންސީ ގޯނާކޮށް ކޮލެރާ ބަލި ފެތުރެން މަގުފަހި ކުރުވި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އެފަހަރު ކޮލެރާ ޖެހިގެން 10،000 މީހުން މަރުވި އިރު، އެކަމުން ހެއިޓީއަށް އަރައިގަނެވުނީ ނުވަ އަހަރު ފަހުންނެވެ.

"އަހަރެން ގަބޫލުކުރަން ގޯސްތަކެއް ހެދިފައިވާ ކަމަށް އަދި އަހަންނަށް ޔަގީން އެކަމުން އަހަރެމެންނަށް އެއްޗެހިތަކެއް ދަސްވެއްޖެކަން ވެސް. އަދި އަހަރެމެންނަށް ތަފާތުކޮށް ކަންކަން ކުރެވޭނީ ކޮންގޮތަކަށްތޯ ބެލިދާނެ،" އެޑްމޮންޑް ވިދާޅުވި އެވެ. "އަހަރެން ބުނާނެ ހަމައެކަނި އެއްޗަކީ: ހެއިޓީގެ މިހާރުގެ ހާލަތަށް ބަލައިލާ. ހަތިޔާރު އެޅި ގޭންގުތަކުގެ ކުރިމަތީގައި އާންމުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް. އެމީހުން އަތުގައި ގައުމީ ފުލުހުންނަށް ވުރެ ގިނަ ހަތިޔާރު އެބަހުރި."

"ސްކޫލަށް ނުދެވޭ ހަތަރު މިލިއަން ކުދިން އެބަތިބި. ހޮސްޕިޓަލަށް ދާން ޖެހޭ އެކަމަކު ދެވޭނެ ގޮތެއް ނެތް ދުވަސްވީ މީހުން އެބަތިބި. ދެން މިހާރު މިދަނީ ކޮލެރާ ފެތުރެމުން. ރައްކާތެރި ފެން އުފައްދާ ކުންފުނިތަކަށް ފެން އުފެއްދޭނެ ގޮތެއް ނެތް، މައި ތެޔޮ ޓާމިނަލް ބަންދުކޮށްފައި ހުރުމުން. މިހުރީ ހަމަ ހުރިހާ ކަމަކަށް ނިމުން އަންނަން ބޭނުންވާ ހުރިހާ ކަމެއް ހަމަވެފައި. މި މަންޒަރު ބަލާފައި އަމިއްލައަށް ގޮތެއް ނިންމާ. ހެއިޓީގެ ރައްޔިތުންނަށް ތިމީހުންގެ ރައްޔިތުން އުޅޭ ފަދަ ދިރިއުޅުމެއް ހައްގު ނޫންތޯ ސުވާލުކޮށްލާ،" ސަފީރު އިތުރަށް ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް