(ފޮޓޯ/އެމްއެސްއެންބީސީ)

ރާނީ އެލިޒަބަތަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށް ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

ރާނީގެ އެލިޒަބަތުގެ ޖަނާޒާގައި 2،000 އެއްހާ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި
20 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބަތު ދެވަނައަށް އެންމެ ފަހުގެ އަލްވަދާއު އަދާކޮށް، ރަސްމީ އެންމެ މަތީ އިއްޒަތުގައި ފަސްދާނުލައިފި އެވެ.

ލަންޑަންގެ ވެސްމިންސްޓާ އެބީގައި ބޭއްވި ޖަނާޒާގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި ޝާހީ އާއިލާއާ އެކު  ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި ޝާހީ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރާނީގެ ސަންދޯއް ވިންޒާއަށް ގެންދިޔަ އިރު އެތައް ލައްކަ ބަޔަކު ވަނީ މަގުތައް މައްޗަށް އެއްވެފަ އެވެ.

ޖަނާޒާގައި ވެސްޓްމިންސްޓާގެ ޑީން ޑޭވިޑް ހޯއިލް ވަނީ ރާނީގެ "އުމުރު ދުވަހުގެ ހިދުމަތް" ފާހަގަކުރައްވާފަ އެވެ. އަދި "ރަނިކަމާއި ކޮމަންވެލްތުގެ ވެރިޔާކަން އެތައް އަހަރެއް ވަންދެން އެއްވެސް ވަރުބަލިކަމެއް ނެތި އަދާކުރައްވާފައިވާކަން" ހޯއިލް ފާހަގަ ކުރެއްވި އެވެ.

ރަސްމީ ޖަނާޒާގެ ހަރަކާތްތައް އިއްޔެ ފެށީ ރާނީގެ ސަންދޯއް ވެސްޓްމިންސްޓާ ހޯލްގައި ބާއްވާފައިވާ ތަން ބަލާލަން ކިއު ހަދާފައި ތިބި އާންމުން ރާނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމާ އެކު އެވެ.

ދެން ރާނީގެ ސަންދޯއް ސްޓޭޓް ގަން ގާޑިޔަލުގައި ވެސްމިންސްޓާ އެބީއަށް ގެންދިޔައީ 142 ސެއިލަރުންގެ ލަޝްކަރަކާ އެކު އެވެ. މި ހިނގާލުމުގައި ރާނީގެ ދޮށީ ދަރިކަލުން ރަސްގެފާނު ޗާލްސް އާއި އަނެއް ތިން ބޭފުޅުން ކަމުގައިވާ ޕްރިންސަސް އޭން، ޕްރިންސް އެންޑްރޫ އަދި އެޑްވަޑް ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުން ރަސްގެފާނު ޗާލްސްގެ ދެ ދަރިކަލުން ޕްރިންސް އޮފް ވޭލްސް ވިލިއަމް އާއި ޑިއުކް އޮފް ސަސެކްސް ހެރީ ވެސް ވަނީ ބައްޕާފުޅު ފަހަތުން ހިނގާލުމުގައި ބައިވެރިވެވަޑައިގެންފަ އެވެ. 

ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާއާ ގުޅޭ (ވީޑިއޯ/ ނިއުސްނޭޝަން)

ރާނީގެ ސަންދޯއް އެބީއަށް ގެންދިޔުމުން، އެއްވެފައި ތިއްބެވި އެކި ގައުމުތަކުގެ ލީޑަރުންނާއި، ސިޔާސީ ވެރިންނާއި، ޝާހީ ބޭފުޅުން ވަނީ ތެދުވެވަޑައިގެންފަ އެވެ. މި ހޯލަށް އެއްވެ ތިބި ފަރާތްތަކުގެ ތެރޭގައި ރާނީއަށް މުނިމާމަ ވިދާޅުވާ 9 އަހަރުގެ ޕްރިންސް ޖޯޖް އާއި 7 އަހަރުގެ ޕްރިންސަސް ޝާލޮޓް، ބައްޕާފުޅު ޕްރިންސް ވިލިއަމް އާއި މަންމާފުޅު ޕްރިންސަސް އޮފް ވޭލްސް ކޭޓްއާ އެކު ތިއްބެވި އެވެ.

މި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި 2،000 އެއްހާ ބޭފުޅުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް އާއި އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭބޭފުޅުންނާއި، ކެބިނެޓު ވަޒީރުންނާއި، އެކި ގައުމުތަކުގެ 100 އެއްހާ ލީޑަރުން ހިމެނިވަޑައިގެންނެވި އެވެ. 

މީގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އަނބިކަނބަލުން ޖިލް ބައިޑަން، ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެކޯން، ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔިއޯލް އަދި ޗައިނާގެ ނާއިބު ރައީސް ވަންގް ގިޝާން ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ޔޫރަޕުގެ އެކި ގައުމުތަކުގެ ޝާހީ އާއިލާތަކުގެ ގިނަ ބޭފުޅުންތަކެއް ވެސް މި ޖަނާޒާގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މީގެ ތެރޭގައި ޑެންމާކް، ސްޕެއިން، ސްވީޑެން، ނޯވޭ، ބެލްޖިއަމް އަދި ދަ ނެދެލެންޑްސްގެ ރަސްކަލުންނާއި ރާނީން ހިމެނެ އެވެ. އަދި ޔޫރަޕުން ބޭރުން ޖަޕާނު، މެލޭޝިއާ އަދި އުރުދުންގެ ރަސްކަލުން ވެސް ވަނީ މި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރާނީގެ ސަންދޯއް ވިންޒާއަށް ގެންދިޔައިރު ގިނަ ބަޔަކު ވަނީ މާ އުކާފައި (ފޮޓޯ/ ރޮއިޓާސް)
ރާނީގެ ސަންދޯއް ގެންދާ މަންޒަރު ބަލަން އެތައް ލައްކަ ބަޔަކު ވަނީ އެއްވެފައި (ފޮޓޯ/ ރޮއިޓާސް)
ޕްރިންސް ވިލިއަމް އާއި ކޮއްކޯފުޅު ހެރީ ބައްޕާފުޅު ރަސްގެފާނު ޗާލްސް ފަހަތްޕުޅުން ހިންގަވާފައި ވަޑައިގަންނަވަނީ (ފޮޓޯ/ގެޓީ އިމޭޖެސް)

ވެސްޓްމިންސްޓާ އެބީ އަކީ 1947 ވަނަ އަހަރު ރާނީ ކައިވެނި ބައްލަވައިގަތް ތަނެވެ. އަދި އެކަމަނާ އިނގިރޭސިވިލާތުގެ ރާނީކަމާ ހަވާލުވެވަޑައިގަތީ ވެސް މިތަނުގައި ބޭއްވި ހަފްލާއެއްގަ އެވެ.

ރާނީގެ ޖަނާޒާ ކުރިއަށް ދިޔަ ގޮތް އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ވަނީ ބަލާފަ އެވެ. އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި މި ހަފްލާ ބެލުމަށް ބޮޑު ސްކްރީނުތައް ބަހައްޓާ، ސިނަމާތަކާއި މީހުން އެއްވެ އުޅޭ އެހެނިހެން ތަންތަނުގައި މި ހަފްލާ ބެލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.

ރަސްގެފާނު ޗާލްސް ކިޔަވާވިދާޅުވި ސްކޫލެއްގެ ދަރިވަރުންތަކެއް ޖަނާޒާގެ ރަސްމިއްޔާތު ބަލަނީ (ފޮޓޯ/ ޕީއޭ މީޑިއާ)
ދުނިޔޭ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ރާނީ އެލިޒަބަތުގެ ޖަނާޒާ ވަނީ ބަލާފައި (ފޮޓޯ/ އީޕީއޭ)

ރާނީއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވި ވިންސްޓަން ޗާޗިލްގެ 1965 ވަނަ އަހަރުގެ ޖަނާޒާއަށް ފަހު އިނގިރޭސިވިލާތުގައި ރަސްމީ އިއްޒަތުގައި ވަޅުލި ފުރަތަމަ ބޭފުޅާ އެވެ. އަދި މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސިވިލާތުގައި ބޭއްވި އެންމެ ބޮޑު ރަސްމިއްޔާތެވެ.

ރާނީ ފަސްދާނުލީ އެކަމަނާގެ ފިރިކަލުން ޑިއުކް އޮފް އެޑިންބަރާ ޕްރިންސް ފިލިޕް އާއި ދައްތާފުޅު ޕްރިންސަސް މާގްރެޓް އާއި މަންމާފުޅާއި ބައްޕާފުޅު ވެސް ފަސްދާނުލާފައިވާ ތަނުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް