އެލް ސަލްވަޑޯގެ ރައީސް ނާޔިބް ބުކެލޭގެ ފުރަތަމަ ދައުރު ނިމޭނީ 2024 ވަނަ އަހަރު. (ފޮޓޯ/ އޭޕީ ފޮޓޯ)

އެލް ސެލްވެޑޯ

ގާނޫނު ތަން ނުދިނަސް އެލް ސަލްވަޑޯގެ ރައީސް އިތުރު ދައުރަކަށް ކުރިމަތިލަނީ

އެލް ސަލްވަޑޯ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ދާން ތައްޔާރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ އިންޒާރު ދެމުން
17 ސެޕްޓެމްބަރު 2022

ރައީސަކު ޖެހިޖެހިގެން ދެވަނަ ދައުރަކަށް ކުރިމަތިލާން އެލް ސަލްވަޑޯގެ ގާނޫނުއަސާސީ ތަން ނުދިން ކަމުގައިވީ ނަމަވެސް، ދެން އޮންނަ އިންތިހާބަކަށް ކުރިމަތިލާން ވިސްނަވާ ކަމަށް އެ ގައުމުގެ ރައީސް ނާޔިބް ބުކެލޭ އިއްޔެ ވިދާޅުވެއްޖެ އެވެ.

"ރައީސްކަމުގެ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ވުުމަށް ނިންމާފައި ވާކަން އަހަރެން މި އިއުލާނު ކުރަނީ ސަލްވަޑޯގެ ރައްޔިތުންނަށް،" އެ ގައުމުގެ މިނިވަން ދުވަހާ ދިމާކޮށް ދެއްވި ތަގްރީރެއްގައި ބުކެލޭ ވިދާޅުވި އެވެ. 

ބުކެލޭ މިހާރު ފުރުއްވަމުން ގެންދަވާ ފުރަތަމަ ދައުރު ނިމޭނީ 2024 ވަނަ އަހަރެވެ.

"ތަރައްގީވެފައިވާ ގައުމުތަކުން އަލުން [ރައީސުން ދެވަނަ ފަހަރަށް] އިންތިހާބު ކުރޭ،" އޭނާ ވިދާޅުވި އެވެ. 

"އަދި އަހަރެމެންގެ ޑިމޮކްރެސީއާ ބެހޭ މުއައްސަސާތަކުގެ އާ ބަދަލުތަކާ އެކު، އެލް ސަލްވަޑޯގައި ވެސް މިހާރު ކުރެވޭނެ."

ބުކެލޭ މިގޮތަށް އިއުލާނު ކުރައްވާފައި މި ވަނީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ސުޕްރީމް ކޯޓަށް ހޮވި އާ ގާޒީންގެ ބެންޗުން، ރައީސަކަށް ޖެހިޖެހިގެން ދެވަނަ ދައުރަކަށް ކުރިމަތިލެވޭނެ ކަމަށް ކަނޑައެޅިތާ އަހަރެއް ފަހުންނެވެ.

ނަމަވެސް ރައީސަކު ދެވަނަ ދައުރަކަށް ވިދިވިދިގެން ކުރިމަތިލައްވާ ހޮވިވަޑައިގެންފި ނަމަ، ގާނޫނުއަސާސީގެ މަދުވެގެން ހަތަރު މާއްދާއަކާ ހިލާފުވާނެ ކަމަށް ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި އެލް ސަލްވަޑޯގެ ސުޕްރީމް ކޯޓުން މި ގާނޫނުތަކާ ހިލާފަށް މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު އިއްވި ހުކުމާ ގުޅިގެން އެ ގައުމު އަލުން ހުދުމުހުތާރު ވެރިކަމަކަށް ވެއްޓިދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން ޑިމޮކްރަސީއާ ފުށުއަރާ ކަމަށާއި، މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ އެލް ސަލްވަޑޯގައި ޑިމޮކްރަސީގެ ހާލަތު ދަށަށް ދާނަމަ، އެމެރިކާއާ އެކު އޮތް ގުޅުންތަކަށް ބުރޫއަރާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިދިއަ އަހަރު އިންޒާރު ވެސް ދީފަ އެވެ.

އެލް ސަލްވަޑޯގެ ރައީސް ބުކެލޭ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާއިރު، އަރިހުގައި އަނބިކަނބަލުން. (ފޮޓޯ/ ރޮއިޓާސް)

ރައީސްކަމާ 2019 ވަނަ އަހަރު ހަވާލުވެވަޑައިގެން ފަހުން ބުކެލޭއަށް އާންމުންގެ މެދުގައި އޮތް މަގުބޫލުކަން މިހާތަނަށް އައިރު ހުރީ ވަރަށް މަތީގަ އެވެ. މިދިޔަ މަހު ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، ބުކެލޭއާ މެދު ހިތްހަމަޖެހޭ މީހުންގެ ނިސްބަތް ހުރީ %85ގަ އެވެ. އަދި އޭނާގެ ސަރުކާރުން ސަލާމަތީ ކަންތައްތައް ބަލަމުން އަންނަ ގޮތާ މެދު ހިތްހަމަޖެހޭ މީހުންގެ އަދަދު ހުރީ %95ގަ އެވެ.

ނަމަވެސް، ބުކެލޭ ބާރުތައް މަސްހުނި ކުރައްވަމުން ގެންދިއުމާ ގުޅިގެން ބޭރުގެ ސަރުކާރުތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން އަންނަނީ ބުކެލޭއަށް ފާޑުކިޔަމުންނެވެ.

"ގާނޫނު މުގުރާލާނެކަން އަންދާޒާ ކުރެވިފައި އޮތީ،" އެމެރިކާ ބައްރުގެ ގައުމުތަކާ ބެހޭ އިންސާނީ ހައްގުތަކާ ބެހޭ ދިރާސާތައް ހިންގަވާ ހިއުމަން ރައިޓްސް ވޮޗުގެ ހުއާން ޕަޕިއާ ވިދާޅުވި އެވެ.

"ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް އެލް ސަލްވަޑޯ ދަތުރުކުރަމުން އަންނަތާ ޒަމާންތަކެއް ވެއްޖެ."

ހިއުމަން ރައިޓްސް ވޮޗުން މިދިޔަ ޖޫން މަހު ނެރެފައިވާ ރިޕޯޓެއްގައި، ބުކެލޭގެ ސަރުކާރުން އެލް ސަލްވަޑޯގެ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ބާރު ކަނޑުވާލައި މާ ބޮޑު ބެލެނިވެރިކަމެއް ނެތި ސަރުކާރު ހިންގަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް