މުޒާހަރާތަކާ ގޭންގު ހަމަނުޖެހުންތަކާ އެކު ހެއިޓީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި (ފޮޓޯ/ އީޕީއޭ)

ހެއިޓީ

ހެއިޓީން ގޭންގުތައް ހުއްޓުވަން ދުނިޔޭގެ އަސްކަރީ އެހީއަށް އެދިއްޖެ

ގޭންގުތަކާ ހެދި ހެއިޓީގެ އަސާސީ ހިދުމަތްތަކަށް ވަނީ ހުރަސްއެޅިފައި

ގައުމުގެ ހުރިހާ ކަމެއް ހުއްޓުމަކަށް ގެނެސްފައިވާ ގޭންގު ހަރަކާތްތައް ހުއްޓުވުމަށް ހެއިޓީން ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދިއްޖެ އެވެ.

ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދުމަށް ހެއިޓީގެ ބޮޑުވަޒީރަށް ސަރުކާރުން ހުއްދަ ދީފައި ވަނީ "ބޮޑު އިންސާނީ ކާރިސާއެއްގެ ބިރު" އެ ގައުމަށް ކުރިމަތިވެފައި ވުމުންނެވެ.

މިދިއަ މަހުން ފެށިގެން ބާރުގަދަ ގޭންގުތަކުން އަންނަނީ ހެއިޓީގެ މައި ތެޔޮ ޓާމިނަލް ބަންދުކޮށް، ފެނާއި ކާބޯތަކެތި ފަދަ އެންމެ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް ހުރަސްތައް ކުރިމަތި ކުރުވަމުންނެވެ. އެގޮތުން، ހޮސްޕިޓަލުތައް ބަންދުކުރަން މަޖުބޫރުވެފައި ވާއިރު، ބައެއް ވިޔަފާރިތަކާއި ދަތުރުފަތުރުގެ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ހެއިޓީގެ ހަމަނުޖެހުންތައް ފެށިފައި ވަނީ މިދިއަ މަހުގެ 11 ވަނަ ދުވަހު ސަރުކާރުން ތެލަށް ދެމުން އައި ސަބްސިޑީތައް ހުއްޓާލުމާ އެކު އެވެ. އެ ފިޔަވަޅާ އެކު ޕެޓްރޯލާއި ޑީސަލްގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް، މުޒާހަރާތަކާ ލޫޓުވުންތައް ފެށިގެން ދިޔަ އެވެ. އަދި އެހީގެ ގޮތުގައި ރައްކާކޮށްފައި ހުރި 5 މިލިއަން ޑޮލަރުގެ ކާބޯތަކެތި ވެސް ލޫޓުވާލާފައިވާ ކަމަށް ހެއިޓީގައި ހުންނަ އދ.ގެ މަންދޫބު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް، ގޭންގުތަކުން ކޮންޓްރޯލު ނަގާފައިވާ ފެން ފޯރުކޮށްދޭ ވަސީލަތްތަކާ ގުޅިގެން އެ ގައުމުގައި ކޮލެރާ ފެތުރުމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ. މި ބަލީގައި މިދިއަ އާދިއްތަ ދުވަހު އަށް މީހަކު މަރުވެފައިވާ ކަމަށް ހެއިޓީގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ހެއިޓީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅޭ (ވީޑިއޯ/ ފްރާންސް24)

ގޭންގުތައް ހުއްޓުވަން އެހީތެރިވުމަށް ހެއިޓީގެ ސަރުކާރުން ރަސްމީކޮށް އަދި އަންގާފައި ނުވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.
"ނަމަވެސް، ހެއިޓީގެ ސަލާމަތީ ހާލަތާ މެދު އަހަރެމެން މި ތިބީ ވަރަށް ކަންބޮޑުވެފައި. ހެއިޓީގެ ރައްޔިތުންނަށް ކުރާ އަސަރާއި އަހަރުމެންގެ މަސައްކަތްތައް ކުރުމަށް އެޅިފައިވާ ހުރަސްތައް، ވަކިން ހާއްސަކޮށް އިންސާނީ އެހީތެރިކަމާ ގުޅޭ،" އދ.ގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވި އެވެ.

ހެއިޓީއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އިންސާނީ އެހީތެރިކަމުގެ އިންތިޒާމެއް ހުޅުވާލުމަށް ލިބިފައިވާ ހުށައެޅުމަކާ މެދު ވިސްނަމުން އަންނަ ކަމަށް އެމެރިކާގެ ސްޓޭޓު ޑިޕާޓްމަންޓުގެ ތަރުޖަމާނު ވެންޑަންޓް ޕަޓޭލް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މިކަން ކުރުމަށް ބޭނުންވާނެ ސިފައިން އަންނާނީ ކޮންދިމާލަކުން ކަމެއް ޕަޓޭލް ވިދާޅުވެފައެއް ނުވެ އެވެ.

އެމެރިކާގެ ދެކުނުން އޮންނަ ހެއިޓީގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ނުކުތުމަށް ވެސް އެމެރިކާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ދުނިޔޭގައި އޮތް އެންމެ ފަގީރު ގައުމުތަކުގެ ތެރޭ ހިމެނޭ ހެއިޓީއަށް މިފަހުން ވަނީ ގިނަ ކާރިސާތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން، މިދިއަ އަހަރުގެ ޖުލައި މަހު އެ ގައުމުގެ ރައީސް ޖޮވެނެލް މޮއީސޭ އަވަހާރަކޮށްލާފައި ވާއިރު، އޭގެ މަހެއް ފަހުން ބިން ހެލުމެއް ކުރިމަތިވެ މަދުވެގެން 2،200 މީހުން މަރުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް