ކިރްގިސްތާނުގައި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި ބަޔަކަށް އެހީގެ ސާމާނު ބަހަނީ (ފޮޓޯ/ ގެޓީ އިމޭޖެސް)

ކިރްގިސްތާނު-ތަޖިކިސްތާން ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު މަރުވެއްޖެ

މިދިޔަ އަހަރު ވެސް މި ދެ ގައުމުގެ ބޯޑަރުގައި ހިނގި ކުރިމަތިލުންތަކެއްގައި 50 އެއްހާ މީހުން ވަނީ މަރުވެފައި
20 ސެޕްޓެމްބަރު 2022

މެދު ތެރޭ އޭޝިއާއަށް ނިސްބަތްވާ ކިރްގިސްތާނާއި ތަޖިކިސްތާނުގެ ބޯޑަރުގައި ފާއިތުވެދިޔަ އެތައް އަހަރެއްގެ ތެރޭ ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުންތަކުގައި މަދުވެގެން 94 މީހަކު މަރުވެއްޖެ އެވެ.

މި ދެ ގައުމުގެ ބޯޑަރުގައި ހަމަލާތައް ބަދަލު ކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ހުކުރު ދުވަހު ދެ ގައުމުން ވެސް ވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފަ އެވެ. އަދި މި ހަފްތާގެ ހަމަނުޖެހުންތަކުގެ ޒިންމާ ދެ ގައުމުން ވެސް ގެންދަނީ އެއް ގައުމު އަނެއް ގައުމުގެ ބޮލުގައި އަޅުވަމުންނެވެ.

ކުރީގެ ރޫސީވިލާތަށް ނިސްބަތްވި މި ދެ ގައުމުގެ ބޯޑަރާ ބެހޭ މައްސަލަތައް އުފެދުނީ ރޫސީވިލާތް ރޫޅިގެން ދިޔުމާ އެކު އެވެ. ކިރްގިސްތާނާއި ތަޖިކިސްތާނާ ދެމެދު 1،000 ކިލޯމީޓަރުގެ ބޯޑަރެއް އޮންނައިރު، މައްސަލަ އުފެދައި ވަނީ މި ބޯޑަރުން 300 ކިލޯމީޓަރެއްހާ ސަރަހައްދަކާ ބެހޭގޮތުންނެވެ.

މި ދެ ގައުމުގެ މެދުގައި މިދިޔަ އަހަރު ހިނގި ބޯޑަރުގެ ހަމަނުޖެހުންތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފަ އެވެ.

މަރުވި މީހުންގެ އަދަދު 59 އަށް އަރާފައިވާ ކަމަށާއި 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ކިރްގިސްތާނުން ވަނީ އިއްޔެ ބުނެފަ އެވެ. އަދި ގާތްގަނޑަކަށް 137،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ކިރްގިސްތާނުގެ މީޑިއާއިން އިއްޔެ ރިޕޯޓުކޮށްފައިވެ އެވެ.

ތަޖިކިސްތާނުން މަރުވި މީހުންގެ އަދަދު ހުރީ 35ގައި ކަމަށާއި މަދުވެގެން 20 މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ގައުމުގެ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔަ ކަމެއް އަދި ރިޕޯޓުކޮށްފައެއް ނުވެ އެވެ.

ކިރްގިސްތާނާއި ތަޖިކިސްތާނުގެ ބޯޑަރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ (ވީޑީއޯ/ ޔޫރޯ ނިއުސް)

މި ހަފްތާގެ ހަމަނުޖެހުުންތައް ދެ ގައުމުން ވެސް ހުކުރު ދުވަހު ހުއްޓާލަން އެއްބަސްވީ ބައިނަލްއަގްވާމީ މުޖުތަމައުގެ ޕްރެޝަރުތަކާ ހެދި އެވެ. އެގޮތުން ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ދެ ގައުމުގެ ރައީސުންނަށް ގުޅުއްވައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެދިވަޑައިގެންފައިވާ ކަމަށް ކްރެމްލިން އިން ވަނީ ބުނެފަ އެވެ.

"ހަމައެކަނި ސުލްހަވެރިކަމާ އެކު ސިޔާސީ އަދި ރަސްމީ ގޮތްގޮތުން ވީހާ ވެސް އަވަހަކަށް" މައްސަލަ ހައްލުކުރުމަށް ޕޫޓިން ދެ ލީޑަރުންނަށް ބާރު އެޅުއްވި ކަމަށް ކްރެމްލިން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ހަފްތާގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ހަނދާނުގައި ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް ކިރްގިސްތާނުން އިއްޔެ ވަނީ ފާހަގަކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް