ލަންކާގެ ކުރީގެ ރައީސް ގޯތާބާޔަ މިއަދު އެނބުރި ލަންކާއަށް ވަޑައިގަތުމުން ފުރިހަމަ ސެކިއުރިޓީއާ އެކު މޮޓޯކޭޑުގައި ވަޑައިގަންނަވަނީ. (ފޮޓޯ/އޭއެފްޕީ)

ސްރީ ލަންކާ

ގޯތާބާޔަ ފުރިހަމަ އިއްޒަތާއި ސެކިއުރިޓީއާ އެކު އެނބުރި ލަންކާއަށް

ގޯތާބާޔައަށް ވެރިރަށް ކޮލަމްބޯގެ މެދުތެރޭގައި ހުރި ގެއެއް ސަރުކާރުން ވަނީ ހަމަޖައްސާފައި
3 ސެޕްޓެމްބަރު 2022

ސްރީ ލަންކާގެ ކުރީގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ މިއަދު އެނބުރި ލަންކާއަށް ވަޑައިގެންފި އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި، ގޯތާބާޔަ ތައިލެންޑުން އެނބުރި ލަންކާއަށް ވަޑައިގަތީ މިއަދު ފަތިހު ލަންކާއަށް ޖެއްސި ސިންގަޕޯ އެއާލައިންސްގެ ފްލައިޓަކުންނެވެ.

ގޯތާބާޔަގެ އިސްތިގުބާލުގައި ލަންކާގެ މިހާރުގެ ސަރުކާރުގެ ބައެއް މިނިސްޓަރުން އެއާޕޯޓުގައި ތިއްބެވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި އެއާޕޯޓުގެ ވީވީއައިޕީ ގޭޓުން ނުކުމެވަޑައިގަތުމަށް ފަހު އޭނާ ވަޑައިގަތީ 25 އުޅަނދު ހިމެނޭ، ސަލާމަތީ ގޮތުން ވަރުގަދަ މޮޓޯކޭޑެއްގައި ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ގޯތާބާޔައަށް ވެރިރަށް ކޮލަމްބޯގެ މެދުތެރޭގައި ހުރި ގެއެއް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް އޭނާ އެއާޕޯޓުން ސީދާ އެ ތަނަށް ވަޑައިގަންނެވި ކަމެއް ނުވަތަ އެންމެ ފުރަތަމަ ވަޑައިގެންނެވީ ރައްކާތެރި އަސްކަރީ މަރުކަޒަކަށް ކަމެއް އަދި ސާފު ނުވާ ކަމަށް އެ ރިޕޯޓުތައް ބުނެ އެވެ.

ލަންކާގެ ގާނޫނުއަސާސީ ބުނާ ގޮތުން، ކުރީގެ ރައީސުންނަށް ބޮޑީގާޑުންނާއި ވެހިކަލަކާއި ބޯހިޔާވަހިކަން ކަށަވަރުކޮށްދެ އެވެ.

ދިފާއީ ވުޒާރާގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވީ ރާޖަޕަކްސައަށް "ކުރީގެ ރައީސެއްގެ ހައިސިއްޔަތުން [ގޯތާބާޔައަށް ދޭން ޖެހޭ] ސެކިއުރިޓީ ދޭނެ" ކަމަށެވެ.

ލަންކާގެ ކުރީގެ ރައީސް ގޯތާބާޔަ މިއަދު އެނބުރި ލަންކާއަށް ވަޑައިގަތުމުން ފުރިހަމަ ސެކިއުރިޓީއާ އެކު މޮޓޯކޭޑުގައި ވަޑައިގަންނަވަނީ. (ފޮޓޯ/އޭއެފްޕީ)

ގޯތާބާޔަ ތައިލެންޑުގައި ހުންނެވުމަށް 90 ދުވަހުގެ ވިސާއެއް އޮތް ނަމަވެސް، އެނބުރި ގައުމަށް ވަޑައިގަތުމަށް އިހްތިޔާރު ކުރެއްވީ އަނބިކަނބަލުންނާއި ބޮޑީގާޑަކާއި އިތުރު އެހީތެރިޔަކާ އެކު ކަމަށް ލަންކާގެ ދިފާއީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ ނޫސް އެޖެންސީން އިއްޔެ ރިޕޯޓުކޮށްފައިވެ އެވެ.

ގޯތާބާޔަގެ އެންމެ ހަގު ކޮއްކޮ އަދި ކުރީގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސަ ވަނީ މިދިޔަ މަހު ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައި، މަގާމުން ދުރުކޮށްފައިވާ ލީޑަރު އެނބުރި ވަޑައިގަތުމުގެ ހުއްދައަށް އަދި ހިމާޔަތަށް އެދިވަޑައިގެންފަ އެވެ.

"ކުރީގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންނެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުން ބާސިލް ރާޖަޕަކްސަ އެދިވަޑައިގެންނެވި،" އެ ދެ ބޭފުޅުންގެ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީން ނެރުނު ބަޔާނެއްގައި ކުރިން ބުނެފައިވެ އެވެ.

ދައުރުގެ މެދު ތެރެއިން އިސްތިއުފާ ދެއްވި ލަންކާގެ ފުރަތަމަ ރައީސް ގޯތާބާޔަ އެންމެ ފަހުން ހުންނެވީ ތައިލެންޑުގަ އެވެ. އޭނާ މިދިޔަ މަހުގެ މެދު ތެރޭގައި ސިންގަޕޫރުން ތައިލެންޑަށް ވަޑައިގަތީ، މިދިޔަ ޖުލައި މަހުގެ މެދު ތެރޭގައި އަސްކަރީ މަތިންދާބޯޓެއްގައި ލަންކާ އިން ފިއްލަވައިގެން ރާއްޖެ ވަޑައިގެން، ރާއްޖޭން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު އެ ގައުމުގައި ހަފްތާތަކެއް ހޭދަކުރެއްވުމަށް ފަހު އެވެ.

ލަންކާގެ ކުރީގެ ރައީސް ގޯތާބާޔަ މިދިޔަ މަހު ސިންގަޕޫރުން ތައިލެންޑަށް ވަޑައިގެން، ބެންކޮކުގެ އެއާޕޯޓުން ނުކުމެވަޑައިގަންނަވަނީ. (ފޮޓޯ/ރޮއިޓާސް)

އިނގިރޭސިންގެ އަތް ދަށުން 1948 ވަނަ އަހަރު ލަންކާއަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ ކާރިސާއާ ގުޅިގެން އެ ގައުމުގެ 22 މިލިއަން މީހުންގެ އާބާދީ ހާލުގައި ޖެހިފައި ވާއިރު، ގޯތާބާޔަ ފިއްލަވަން ޖެހިވަޑައިގަތީ ސަރުކާރުން އަމަލުކުރަމުން ދިޔަ ގޮތާ މެދު އާންމުންގެ ރުޅިވެރިކަން އިންތިހާއަށް ދިއުމުންނެވެ. ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ލަންކާ އިން ވަޑައިގެންނެވި ފަހުން ގޯތާބާޔަ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ގޯތާބާޔައަށް ފަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ރަނިލް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، ގޯތާބާޔަ އަވަސް މުސްތަގުބަލެއްގައި ލަންކާއަށް އެނބުރި ވަޑައިގެންނެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ބައިނަލްއަގުވާމީ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވެފަ އެވެ. އެ ލޯނު ދޭނީ 48 މަސްދުވަސް ނުވަތަ ހަތަރު އަހަރަށް ބަހާލައިގެން ކަމަށް އައިއެމްއެފުން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް