ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ (ފޮޓޯ/ ރޮއިޓާސް)

ޖަޕާން

ޝިންޒޯ އަބޭ އަވަހާރަކޮށްލުމާ ގުޅިގެން ޖަޕާނުގެ ފުލުހުންގެ ވެރިޔާ އިސްތިއުފާދެއްވައިފި

އަބޭއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންގެ ބޮޑެތި މައްސަލަތަކެއް ހުރިކަން ތަހްގީގަކުން ވަނީ ހާމަވެފައި

މިދިޔަ މަހުގެ 8 ވަނަ ދުވަހު ހަމަލާދީ އަވަހާރަކޮށްލި ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ މަރާ ގުޅިގެން އިސްތިއުފާ ދެއްވާނެ ކަމަށް ޖަޕާނުގެ ފުލުހުންގެ ވެރިޔާ ވިދާޅުވެެއްޖެ އެވެ.

ޖަޕާނުގެ ގައުމީ ފުލުހުންގެ އެޖެންސީގެ ވެރިޔާ އިޓާރޫ ނަކަމޫރާ ވިދާޅުވިގޮތުގައި އޭނާ އިސްތިއުފާ ދެއްވަނީ މި މައްސަލައިގެ ޒިންމާ ނަންގަވަން ބޭނުންވާތީ އެވެ.

އަބޭއަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ސީރިއަސް މައްސަލަތަކެއް ހުރިކަން ތަހުގީގަކުން ވަނީ އެނގިފަ އެވެ. އަބޭގެ ގަޔަށް ބަޑިޖަހާފައި ވަނީ ނާރާ ސިޓީގައި ހިނގަމުން ދިޔަ ސިޔާސީ ކެމްޕޭނެއްގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ. އުމުރުން 41 އަހަރުގެ ޓެޓްސުޔާ ޔަމަގާމީ އަބޭގެ ފުރަގަހަށް ގޮސް، އަމިއްލައަށް ހަދާފައިވާ ހަތިޔާރަކުން ހަމަލާދިނީ ފަސޭހަކަމާ އެކުގަ އެވެ.

އަބޭގެ ކަރަށް ދެ ވަޒަން އެރި އިރު، ހިތަށް ވެސް ގެއްލުންތަކެއް ލިބުނު ކަމަށް ޑޮކްޓަރުން ބުނެފައި ވެ އެވެ. 

އަބޭއަށް ދެމުން ގެންދިޔަ ސެކިއުރިޓީގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ސަރަހައްދީ ފުލުހުން ވަނީ އިއުތިރާފުވެފަ އެވެ.

"އަހަރެމެންގެ އާ ސެކިއުރިޓީ ޕްލޭން ރަނގަޅުތޯ ބަލަމުން ދިޔުމުގެ ތެރޭގައި، މިކަމަށް މުޅިން އާ ފެށުމެއް ބޭނުންވާކަން އަހަރެމެންނަށް ވަނީ ފާހަގަ ކުރެވިފައި،" އިސްތިއުފާ ދެއްވުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި ފުލުހުންގެ ގައުމީ މުއައްސަސާގެ ވެރިޔާ ނަކަމޫރާ ވިދާޅުވި އެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ހަމަލާދިން ވަގުތުކޮޅު ދައްކައިދޭ ވީޑިއޯއެއް (ވީޑިއޯ/ ގާޑިއަން ނިއުސް)

އަބޭ އަކީ ޖަޕާނުގައި އުފެދުނު އެންމެ ނުފޫޒުގަދަ އެއް ބޭފުޅާއެވެ. އަދި ޖަޕާނުގެ ބޮޑުވަޒީރުކަމުގެ މަގާމު ވެސް އެންމެ ގިނަ ދުވަހަށް ފުރުއްވި ލީޑަރެވެ.

އަބޭއަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖު ބެއްލެވި ސެކިއުރިޓީ މާހިރުން ވަނީ ބޮޑީގާޑުންނަށް އަބޭގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް ރޮއިޓާސް ނޫހަށް މައުލޫމާތު ދީފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާދިން ޔަމަގާމީ ފުރަތަމަ ފޮނުވާލި ވަޒަން އަބޭގެ ގަޔަށް އަރާފައެއް ނުވެ އެވެ. އޭނާގެ ގަޔަށް އެރީ އޭގެ 2.5 ސިކުންތު ފަހުން ޔަމަގާމީ ޖެހި ދެވަނަ ވަޒަނެވެ. މި ވަގުތުކޮޅު ތެރޭ ބޮޑީގާޑުންނަށް އަބޭ ވަށާލައި ހިމާޔަތް ދެވުނީސް ކަމަށް މި މާހިރުން ވަނީ ބުނެފަ އެވެ.

އަބޭއަށް ހަމަލާދިނުމާ އެކު ޓެޓްސުޔާ ޔަމަގާމީ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހަމަލާދިން ކަމަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. އޭނާ ބުނީ މިކަން ކުރީ ދީނީ ގްރޫޕަކާ އަބޭއާ އޮތް ގުޅުމެއްގެ ސަބަބުން ކަމަށާއި މި ގްރޫޕުގެ ސަބަބުން އޭނާގެ މަންމައަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް