(ފޮޓޯ/ ގެޓީ އިމޭޖެސް)

ސިއްހަތު

މަންކީޕޮކްސް ބަލީގައި އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް ދެ މީހަކު މަރުވެއްޖެ

މި ބަލި ވަނީ މިހާރު 21،000 ވުރެ ގިނަ މީހުންނަށް ޖެހިފައި

މަންކީޕޮކްސް ބަލީގައި އެފްރިކާ ބައްރުން ބޭރުން ފުރަތަމަ ފަހަރަށް ބަޔަކު މަރުވެއްޖެ އެވެ. 

އެފްރިކާގައި ފިޔަވައި މި ބަލީގައި ފުރަތަމަ މަރުވީ ބްރެޒިލްގެ 41 އަހަރުގެ ފިރިހެނެކެވެ. އަދި އޭގެ މާ ގިނަ އިރުތަކެއް ނުވެ ސްޕެއިނުން ވެސް ވަނީ  މި ބަލީގައި މީހަކު މަރުވެފައިވާކަން ރިޕޯޓުކޮށްފަ އެވެ. 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މަންކީޕޮކްސް އަކީ ބައިނަލްއަގްވާމީ ސިއްހީ އިމަޖެންސީއެއް ކަމަށް މިދިޔަ ހަފްތާގައި ކަނޑައަޅާފަ އެވެ. 

ނަމަވެސް މަންކީޕޮކްސްގެ އަލާމާތްތައް މައިތިރިވެފައި، އާންމު ސިއްހަތަށް އޮތް ނުރައްކާ ވެސް ކުޑަ އެވެ.

ބްރެޒިލްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އެ ގައުމުން މަންކީޕޮކްސް ބަލީގައި މަރުވި ފިރިހެން މީހާއަށް ހުރީ ލިމްފޯމާ ކެންސަރު ވެސް ޖެހިފަ އެވެ. މަންކީޕޮކްސް ޖެހުމާ އެކު، އޭނާގެ ބަލިކަށިވެފައި ހުރި ދިފާއީ ނިޒާމަށް ނުތަކައިގެން އޭނާ މަރުވީ އެވެ.

ސްޕެއިނުން މަރުވި މީހާގެ ތަފްސީލެއް އެ ގައުމުން އަދި ހާމައެއް ނުކުރެ އެވެ.

ބްރެޒިލްއިން ވަނީ މިހާތަނަށް 1،066 މީހަކަށް މަންކީޕޮކްސް ޖެހިފައިވާކަން ރިޕޯޓުކޮށްފަ އެވެ. އަދި އެ ގައުމުގެ އިތުރު 513 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭއިރު، ބްރެޒިލްގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ބަލި ޖެހިފައިވާ މީހުންގެ %98 މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނެވެ.

ބްރެޒިލްއިން ރިޕޯޓުކުރި މަންކީޕޮކްސްގެ ފުރަތަމަ މަރުގެ ހަބަރަށް މާގިނަ އިރުތަކެއް ނުވަނީސް ސްޕެއިން އިން ރިޕޯޓުކޮށްފައި ވަނީ ޔޫރަޕުގެ ފުރަތަމަ މަންކީޕޮކްސް މަރެވެ. ސްޕެއިންގައި މި ބަލި ޖެހިފައިވާ 3،750 މީހުން ތިބިއިރު، މީގެ ތެރެއިން 120 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެނެވެ. 

އެމެރިކާގެ ސެންޓާސް ފޮ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔޭގައި މި ބަލި ޖެހިފައިވާ 21،148 މީހުން މިހާރު އެބަ ތިއްބެވެ.

މަންކީޕޮކްސް އަކީ ހިމަބިއްސާ އެއް އާއިލާއެއްގެ ބައްޔެކެވެ. ނަމަވެސް މި ބަލީގެ އަސަރުތައް ކުޑަވެފައި، ބަލި ޖެހުމުގެ ފުރުސަތު ވެސް ކުޑަކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އަދި މި ބަލި އާންމުކޮށް ފެންނަނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ރަށްފުށު ހިސާބުތަކުގައިވާ ޖަންގަލިތައް ހުންނަ ސަރަހައްދުތައް ކައިރިންނެވެ.

މި ބަލި ޖެހުން ގާތް މީހުންނަށާއި މި ބައްޔަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ސިއްހީ ފަރުވާދޭ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ސިއްހީ އޮފިޝަލުން ވަނީ ގޮވާލައްވާފަ އެވެ.

ސްޕެއިނުން މަންކީޕޮކްސް ބަލީގައި މީހަކު މަރުވުމާ ގުޅޭ (ވީޑިއޯ/ ޑަބްލިއުއެފްއޭއޭ)

މަންކީޕޮކްސް އަކީ ބައިނަލްއަގްވާމީ ސިއްހީ އިމަޖެންސީއެއް ކަމަށް ކަނޑައަޅުއްވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ޖިބްރެޔެސަސް މިދިޔަ ހަފްތާގައި ވިދާޅުވެފައިވާ ގޮތުގައި އެ ގޮތަށް އިއުލާންކުރުމުގެ ސަބަބުން، މި ބައްޔަށް ބޭނުންވާ ވެކްސިންތައް އުފެއްދުމުގެ މަސައްކަތާއި ބަލި ފެތުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ހަލުވިވެގެން ދާނެ އެވެ.

މަންކީޕޮކްސްގެ ބިރު މުޅި ދުނިޔެއަށް މެދު މިނެއްގައި އޮތް ނަމަވެސް، ޔޫރަޕުގައި ބޮޑު ކަމަށް ޑރ. ޖިބްރެޔެސަސް ވިދާޅުވި އެވެ. ނަަމަވެސް އޭނާ ވިދާޅުވީ "ރަނގަޅު ގްރޫޕުތަކެއްގައި ގާއިމު ކުރެވޭ ރަނގަޅު ސިޔާސަތުތަކާ އެކު މި ބަލި ހުއްޓުވިދާނެ" ކަމަށެވެ.

މި ބަލި ފެތުރުން ހުއްޓުވާ، ބަލި ޖެހުން އެންމެ ގާތް މީހުން ރައްކާތެރި ކުރުމަށް ޑަބްލިއުއެޗްއޯއިން އަންނަނީ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް