އެއިޑްސް ޖައްސާ ވައިރަސް (ފޮޓޯ/ ގެޓީ އިމޭޖެސް)
ހަތަރުވަނަ މީހަކު އެއިޑްސް ބަލިން ރަނގަޅުވެއްޖެ
މީގެ 30 ހަކަށް އަހަރު ކުރިން އެއިޑްސް ބަލި ޖެހުނު މީހަކު އެ ބަލިން މިހާރު އެކީ ރަނގަޅުވެފައިވާ ކަމަށް އެމެރިކާގެ ޑޮކްޓަރުންތަކެއް ބުނެފި އެވެ. މިއީ ދުނިޔޭގައި އެއިޑްސް ބަލިން ރަނގަޅުވި ހަތަރުވަނަ މީހާ އެވެ.
މި މީހާ އެއިޑްސް ބަލިން ސަލާމަތް ކުރެވިފައި ވަނީ އޭނާއަށް ޖެހިފައި ހުރި ލޭގެ ކެންސަރު ރަނގަޅު ކުރުމަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުންނެވެ. އޭނާގެ ޑޯނަރަކީ ގުދުރަތީ ގޮތުން އެޗްއައިވީން ދިފާއުވެފައިވާ މީހެކެވެ.
އުމުރުން 66 އަހަރުގެ ބަލިމީހާ މިހާރު ވަނީ އެޗްއައިވީއަށް ބޭސް ބޭނުންކުރުން ވެސް ހުއްޓާލާފަ އެވެ.
ހިއުމަން އިމިއުނޯޑެފިޝިއެންސީ ވައިރަސް (އެޗްއައިވީ)ގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ހަލާކުކޮށްލަ އެވެ. އަދި މީގެ ސަބަބުން އެކުއަޔާޑް އިމިއުނޯޑެފިޝިއެންސީ ސިންޑްރޯމް (އެއިޑްސް) ހަށިގަނޑަށް ޖެހި އިންފެކްޝަންތަކުން ސަލާމަތްވުމަށް ހުރަސްއަޅަ އެވެ.
"އަހަންނަށް 1988 ވަނަ އަހަރު އެއިޑްސް ބަލި ޖެހުމުން، އެކަން ދިމާވާ އެހެން ގިނަ މީހުންނެކޭ އެއްގޮތަށް އަހަރެން ވެސް ހީކުރީ އެއީ މަރުގެ އަދަބެއް ކަމަށް. އަހަރެންގެ ގައިން އެއިޑްސް ނުހުންނާނެ ދުވަހެއް ދުވަހަކު ވެސް އަތުވެދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން،" އެއިޑްސް ބަލިން މިފަހަރު ރަނގަޅުވި މީހާ ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.
ނަމަވެސް އޭނާ އެއިޑްސް ބަލިން ރަނގަޅުވެފައި މިވަނީ އެ ބައްޔަށް ފަރުވާ ކުރުމުގެ ތެރޭގައެއް ނޫނެވެ.
އުމުރުން 63 އަހަރުގައި އޭނާއަށް ލޭގެ ކެންސަރު ޖެހުމުން ފަރުވާދިނުމަށް ކެލިފޯނިއާގެ ސިޓީ އޮފް ހޯޕް ހޮސްޕިޓަލުގެ ޑޮކްޓަރުން ހޯދި ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޑޯނަރު އިއްތިފާގުން ވީ އެޗްއައިވީ ވައިރަސް ނުޖެހުމުގެ ގާބިލްކަން ގުދުރަތީ ގޮތުން ލިބިފައިވާ މީހަކަށެވެ.
އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގައިވާ ވައިޓް ބްލަޑް ސެލްތަކުގައިވާ، ސީސީއާރް5ގެ ނަން ދީފައިވާ ޕްރޮޓީންއެއްގެ ތެރެއިން ވަންނަ ވައިރަސް އެކެވެ. ނަމަވެސް ބައެއް މީހުންގެ ލޭގައި ހުންނަ ވައިޓް ބްލަޑް ސެލްތަކުގެ ސީސީއާރް5 ޕްރޮޓީންތައް ހުންނަނީ އެޗްއައިވީއަށް ނުވަދެވޭ ގޮތަށް ބަދަލުތަކެއް އައިސްފަ އެވެ.
ޓްރާންސްޕްލާންޓަށް ފަހު ޑޮކްޓަރުން ވަނީ ބަލިމީހާގެ ހާލަތު ވަރަށް ގާތުން ބަލާފަ އެވެ. ވަކި ހިސާބަކުން އޭނާގެ ހަށިގަނޑުން އެޗްއައިވީގެ ހުރިހާ އަސަރެއް ފިލައި އެއިޑްސް ބަލި ނެތިދިޔަތާ މިހާރު 17 މަސް ދުވަސް ވަނީ ވެފަ އެވެ.
"އޭނާއަށް ޖެހިފައި ހުރި އެޗްއައިވީ ނެތެމުންދާ ކަމަށާއި 30 އަހަރު ވަންދެން އޭނާ ނަގަމުން ދިޔަ އެންޓިރެޓްރޮވައިރަލް ތެރަޕީތައް ދެން ނަގަން ނުޖެހޭނެ ކަމަށް ބުނަން އަހަރެމެން ވަރަށް އުފާވި،" ސިޓީ އޮފް ހޯޕް ހޮސްޕިޓަލުގެ، ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ ޑޮކްޓަރު ޖާނާ ޑިކްޓާ ވިދާޅުވި އެވެ.
ދުނިޔޭގައި އެޗްއައިވީ ބަލިން އެންމެ ފުރަތަމަ މީހަކު ރަނގަޅު ކޮށްފައި ވަނީ 2011 ވަނަ އަހަރެވެ. އަދި ފާއިތުވެދިޔަ ތިން އަހަރު ތެރޭ މި ގޮތަށް އިތުރު ތިން މީހަކު ވަނީ މި ބަލިން ފަސޭހަވެފަ އެވެ.