
ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ގެންދަވާ 'އުފާވެރި އަމާން ރާއްޖެ' ކެމްޕޭންގައި ވަރަށް އަވަދިނެތި އުޅުއްވަމުން ވަގުތު ހުސްކުރައްވައި ރައީސް މިއަދު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ މަނިކުފާނު ތަކުރާރުކޮށް ދެއްވި ޔަގީން ކަމަކީ، އެއް ބުރުން އެ މަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވާނޭ ކަމަށެވެ. ރައީސް އެ ޔަގީންކަން ދެއްވާ ސަބަބުތައް ފާހަގަކުރައްވަމުން ވިދާޅުވީ ކެމްޕޭންގައި ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކަށް ދަތުރު ކުރެއްވިއްޖެ ކަމަށެވެ. އެ ހުރިހާ ދަތުރުފުޅުތަކުން ވެސް އެ މަނިކުފާނަށް އެނގިވަޑައިގެންނެވި ކަމަކީ، ބޮޑު ތަފާތަކުން އެމްޑީޕީ މޮޅުވާނޭކަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޮޑު އާބާދީއެއް އޮތް މާލެ އާއި އައްޑޫއިން ވެސް ބޮޑު އަގުލަބިއްޔަތެއް ހޯއްދެވޭނޭ ކަމަށް ރައީސް ހުންނެވީ ޔަގީން ކުރައްވައިގެންނެވެ.
"މާލެއިން އުތުރުގެ ހުރިހާ އަތޮޅަކަށް މާލެ އަތޮޅާ ހިސާބަށް. މާލެ އަތޮޅުގައި އެބަ އުޅޭ ދެތިން ހަތަރު ރަށެއް ނުދެވި. ދެކުނު ރަށްރަށަށް ދެވިއްޖެ، ބޮޑުތިލަދުންމަތި، ނ.، ރ.، ބ.، ޅ.، މި ހުރިހާ ސަރަހައްދަކުން އަޅުގަނޑަށް ފެންނަނީ ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން އަޅުގަނޑުމެން މޮޅުވާ ތަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވޯޓްލުމުގެ ހައްގު ލިބިގެންވާ %90 މީހުން ވޯޓްލީ ނަމަވެސް، އެ މަނިކުފާނަށް އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް ވޯޓް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެގޮތުން، ރައީސް ޖެއްސެވި ހިސާބަކީ 130،000އަށް ވުރެ ގިނަ ވޯޓް އެ މަނިކުފާނަށް ޔަގީން ކަމަށެވެ.
"އެއް ބުރުން ނެގޭނޭ އަދަދެއް އަޅުގަނޑު މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - ރައީސްގެ 'ރިޔާސީ ވާހަކަ': އަސްލު މަންޒަރެއް ނޯޅޭ؛ ދެވަނަ ބުރެއް ނޯންނާނެ
ކޮމެންޓް