ރައީސްގެ 'ރިޔާސީ ވާހަކަ': އަސްލު މަންޒަރެއް ނޯޅޭ؛ ދެވަނަ ބުރެއް ނޯންނާނެ

ރައީސް ޖެއްސެވި ހިސާބަކީ 130،000އަށް ވުރެ ގިނަ ވޯޓް އެ މަނިކުފާނަށް ޔަގީން ކަމަށް
6 ސެޕްޓެމްބަރު 2023

ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ގެންދަވާ 'އުފާވެރި އަމާން ރާއްޖެ' ކެމްޕޭންގައި ވަރަށް އަވަދިނެތި އުޅުއްވަމުން ވަގުތު ހުސްކުރައްވައި ރައީސް މިއަދު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ މަނިކުފާނު ތަކުރާރުކޮށް ދެއްވި ޔަގީން ކަމަކީ، އެއް ބުރުން އެ މަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވާނޭ ކަމަށެވެ. 

ރައީސް އެ ޔަގީންކަން ދެއްވާ ސަބަބުތައް ފާހަގަކުރައްވަމުން ވިދާޅުވީ ކެމްޕޭންގައި ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކަށް ދަތުރު ކުރެވިއްޖެ ކަމަށެވެ. އެ ހުރިހާ ދަތުރުފުޅުތަކުން ވެސް އެނގިވަޑައިގެންނެވި ކަމަކީ، ބޮޑު ތަފާތަކުން އެމްޑީޕީ މޮޅުވާނޭކަން ކަމަށް ރައީސް ވިދާޅުވި އެވެ. ބޮޑު އާބާދީއެއް އޮތް މާލެ އާއި އައްޑޫން ވެސް ބޮޑު އަގުލަބިއްޔަތެއް ހޯއްދެވޭނެ ކަމަށް ރައީސް ހުންނެވީ ޔަގީން ކުރައްވައިގެންނެވެ.

"މާލެއިން އުތުރުގެ ހުރިހާ އަތޮޅަކަށް މާލެ އަތޮޅާ ހިސާބަށް. މާލެ އަތޮޅުގައި އެބަ އުޅޭ ދެތިން ހަތަރު ރަށެއް ނުދެވި. ދެކުނު ރަށްރަށަށް ދެވިއްޖެ، ބޮޑު ތިލަދުންމަތި، ނ.، ރ.، ބ.، ޅ.، މި ހުރިހާ ސަރަހައްދަކުން އަޅުގަނޑަށް ފެންނަނީ ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން އަޅުގަނޑުމެން މޮޅުވާ ތަން،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ވޯޓްލުމުގެ ހައްގު ލިބިގެންވާ %90 މީހުން ވޯޓްލީ ނަމަވެސް، އެ މަނިކުފާނަށް އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެއްވޭ ވަރަށް ވޯޓް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެގޮތުން، ރައީސް ޖެއްސެވި ހިސާބަކީ 130،000އަށް ވުރެ ގިނަ ވޯޓް އެމަނިކުފާނަށް ޔަގީން ކަމަށެވެ.

"އެއް ބުރުން ނެގޭނޭ އަދަދެއް އަޅުގަނޑު މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ރައީސްކަމުގައި ހުންނެވުމުން، އިހުތިރާމް ކުރުމުގެ ގޮތުން މަރުހަބާ ކިޔަން ދާ މީހުން ގިނަވާނެ ނޫންތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ، 130،000 ވޯޓްގެ ހިސާބު ޖައްސަވަނީ މަރުހަބާ ކިޔަން ނުކުންނަ މީހުންގެ އަދަދަށް ބަލައިގެން ނޫން ކަމަށެވެ. ރައީސްކަމުގައި ހުންނެވި ނަމަވެސް، ބޮޑު މަންޒަރު އޮޅިވަޑައިގެންފައި ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަށްރަށުގައި ތިއްބަވައި އިދިކޮޅު ޕާޓީތަކުގެ ކައުންސިލަރުންނާއި އޮފީސްތަކުގެ ވަޒީފާގައި ތިބޭ މީހުން އަދި އެހެން ރަށްރަށުން ވެސް މަރުހަބާ ކިޔަން ގޮސް ސަފުގައި ތިބޭ ކަމަށެވެ. ވޯޓް ލިބޭނެ ވަރުގެ ހިސާބު ހައްދަވަނީ އެ އަދަދުތައް އުނިކުރައްވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެތައް މިންގަނޑެއް ހުރޭ އަޅުގަނޑުމެން ބަލާ ސަޕޯޓް. އޭގައި ސީދާ އަޅުގަނޑުމެންނަށް ވޯޓް ލިބޭނެ ވަރު. އެންމެން ނުލާނޭކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑަށް ވެސް އެނގޭ އަޅުގަނޑާ ހިޔާލު ތަފާތު މީހުން ވެސް މަރުހަބާ ދަންނަވަން ނުކުމެ ތިބެދާނެކަން، ތިބޭ ތަން [ފެނޭ]. އެ ހުރިހާ ކަމެއް އެނގި ހުރެ އަޅުގަނޑު އަދަދު މި ބުނަނީ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުން. (ފޮޓޯ/ ރައީސް ސޯލިހުގެ ކެމްޕޭން ޓީމު)

މިއީ އެއް ބުރުން ނިމޭނެ ފަހަރު

ރައީސް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުން ގިނަ ނަމަވެސް، ވޯޓްތައް ބެހިގެން ދާނީ އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީއަށް ކަމަށެވެ. ދެން ތިއްބެވި ކެންޑިޑޭޓުންނަށް ލިބޭނީ ވަރަށް މަދު ވޯޓްކޮޅެއް ކަމަށާއި އެއީ ވެސް އާއިލީ ގޮތުންނާއި ގާތް ރަހުމްތަތެރިންގެ ވޯޓް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ދެވަނަ ބުރެއްގެ މަންޒަރު އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފުރަތަމަ ކޮޅުގައި ހީވި ވޯޓްތަކެއް ބެހިދާނޭ. އެކަމަކު ކެމްޕޭން ފެށުނީމާ މި އެނގެނީ ދެ ބަޔަކަށޭ މި ބެހެނީ. އެއީ މިތާ އޮތީ އެމްޑީޕީއަށް ތާއީދުކުރާ މީހުންނާއި ނުކުރާ މީހުން. އެ ފަޅި [އެމްޑީޕީއާ ދެކޮޅު ފަޅި] ބޮޑަށް ބެހޭ ތަން ފެންނަނީ. އެހެންވީމާ، އަޅުގަނޑަކަށް ނުފެނޭ ދެ ވަނަ ބުރެއްގެ ސިނާރިއޯއެއް، އެ މަންޒަރެއް،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، އިންތިހާބުގައި ދެ ވަނަ ބުރެއް ބާއްވަން ޖެހޭ ހާލަތެއްގައި ވެސް ދެން ތިއްބެވި ކެންޑިޑޭޓުންނާ އެކު ކޯލިޝަނެއް ހެދުމަށް މިހާރު ވެސް މަޝްވަރާ ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ކަމަށް ތައްޔާރަށް ބައެއް ކެންޑިޑޭޓުން ތިއްބެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ރިޔާސީ އިންތިހާބަށް ނުކުމެ އޮތީ ބައިބައިނުވެ، ރޫޅާނުލެވި، ބަދަހިކޮށް ކަމަށެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް އިންތިހާބު ކާމިޔާބު ވާނޭ ކަމަށް ވިދާޅުވި އެވެ. ބޮޑު ފަޅިއަކީ އެމްޑީޕީ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ވޯޓްދޭން ޖެހޭ އެންމެ ބޮޑު ސަބަބަކީ އަމާންކަން ގާއިމްކޮށްދެވިފައި ވުން ކަމަށެވެ. އަދި އެ އަމާންކަން ދަމަހައްޓަން ޖެހެނީ މިހާރު ފަށާފައިވާ މަސައްކަތްތައް ނިންމައި އޭގެ ފައިދާ ގައުމަށް ގެނައުމަށް ކަމަށް ވިދާޅުވި އެެވެ.

"ތިޔަ ބޭފުޅުންނަށް ފެންނާނެ 2018ގެ ފަހުން އައި ބަދަލު. އޭގެ ކުރިން ނޫސްވެރިންނަށް މިނިވަންކަމެއް ނެތެއް ނޫންތޯ. މީހަކަށް ހިޔާލެއް ފާޅެއް ނުކުރެވޭ ނޫންތޯ. ސިޔާސީ ކިތައް ބޭފުޅުންތޯ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ތިބީ. ވިޔަފާރިތަކަށް ކޮން ފަދަ ދަތިތަކެއްތޯ ކުރިމަތިވީ. އެހެންވީމާ، މިއަދު އަމާންކަން ދެމެހެއްޓިއްޖެ. އަދި އަނެއް ސަބަބަކީ އަޅުގަނޑުމެން ފަށާފައި ހުރި މަސައްކަތްތައް ނިންމަން އެބަ ޖެހޭ،" އެ މަނިކުފާނަށް ވޯޓް ދޭން ޖެހޭ ސަަބަބުތައް ކިޔައި ދެއްވަމުން ރައީސް ވިދާޅުވި އެވެ.

"އެކަން ނިންމަން ކޮންޓިނިއުޓީ އެބަ ބޭނުންވޭ. އެ ފުރުސަތު ލިބެން އެބަ ޖެހޭ. އެ ސަބަބުތަކަށްޓަކައި މިފަހަރު ހަމަ ގައިމު ވެސް އެންމެ ރަނގަޅު ވާނީ އަޅުގަނޑަށް ވޯޓް ދިނުން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް