މި ސަރުކާރު 2018ގައި ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ ވެސް މިހާރުގެ ކޯލިޝަންގެ ތާއީދު ލިބޭނެ ކަމަށް ހިސާބު ޖައްސަވައިގެންނެވެ. ނަމަވެސް، މިވަގުތު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ ފިޔަވައި، އެހެން އެއްވެސް ޕާޓީއެއް ރައީސް ސޯލިހާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް އެއްބަހެއް ނުވި އެވެ. އޭގެ ތެރެއިން އެއް ޕާޓީ އަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެއްވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ.
އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބަށް 'ދައުރު'ން ފެށި 'ރިޔާސީ ވާހަކަ' ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެންނެވި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވަނީ، ސަރުކާރާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކާއި އެއްބަސްނުވެވުނު މައިގަނޑު ސަބަބުތަކާ ގުޅޭ ގޮތުން ޖަވާބުދެއްވާފަ އެވެ.