ޓެސްލާގެ ވެރިޔާ އީލޯން މަސްކު. (ފޮޓޮ/ ރޮއިޓާސް)

ޓެސްލާގެ އާ ފެކްޓަރީތަކަށް ބިލިއަނުން ގެއްލުންވަމުންދޭ: މަސްކު

ޓެސްލާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް އަވަހަށް ހައްލުކުރެވޭނެ ކަމަށް މަސްކު ވަނީ ވިދާޅުވެފައި

ޖަރުމަނާއި އެމެރިކާގައި ހުޅުވާފައިވާ އާ ފެކްޓަރީތަކަށް ބެޓެރި އާއި އެހެނިހެން ސަޕްލައި ލިބުމުގެ ދަތިތަކާ ހެދި އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވަމުންދާ ކަމަށް ޓެސްލާގެ ވެރިޔާ އީލޯން މަސްކު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިން އާއި އެމެރިކާގެ ޓެކްސަސްގައި ހުންނަ ޓެސްލާގެ މި ދެ ފެކްޓަރީ މަސްކު ސިފަކުރައްވާފައި ވަނީ "ފައިސާ އަންދަމުންދާ ބޮޑު ދެ އަލިފާންގަނޑު"ގެ ގޮތުގަ އެވެ.

ކޮވިޑާ ގުޅިގެން ޗައިނާގެ ބައެއް ސަރަހައްދުތައް ލޮކްޑައުން ކުރުމާ ގުޅިގެން، ޝަންހާއީ ފަދަ ސިނާއީ ބޮޑެތި މަރުކަޒުތަކުގައި ގާއިމުކޮށްފައިވާ ގިނަ ފެކްޓަރީތަކަކަށް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. މީގެ ތެރޭގައި ޓެސްލާ އިން ޝަންހާއީގައި ހިންގާ ފެކްޓަރީ ވެސް ހިމެނެ އެވެ.

"ބާލިން އާއި އޮސްޓިންގައިވާ ދެ ފެކްޓަރީން މިވަގުތު ދަނީ ފައިސާ އަންދަމުން. ހަމައެކަނި އެ ތަނުން އިވެމުންދަނީ ފައިސާ އަނދަމުންދާ އަޑުފަށްގަނޑު. ބައިވަރު ހަރަދުތައް ހިނގަމުން ދަނީ. އެކަމަކު މި ދެ ފެކްޓަރީން އެއްޗެއް މިވަގުތު އުފައްދަމުންނެއް ނުދޭ،" މަސްކު ވިދާޅުވި އެވެ.

މި އަހަރުގެ ކުރީކޮޅު މި ދެ ފެކްޓަރީ ހުޅުވި ފަހުން މުދާ އުފެއްދޭ މިންވަރު އިތުރުކުރަން ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަން ވެސް މަސްކު ފާހަގަކުރެއްވި އެވެ. މީގެ ސަބަބެއް ކަމަށް މަސްކު ފާހަގަކުރައްވާފައި ވަނީ ސަޕްލައިތައް ލިބުމަށް ކުރިމަތިވެފައިވާ ހުރަސްތަކެވެ. އެގޮތުން، އޮސްޓިންގައި ހުންނަ ފެކްޓަރީން އުފައްދާ ކާރުގެ މިންވަރު އިންތިހާއަށް މަދުވެފައި ވަނީ ޗައިނާގެ ބަނދަރެއްގައި ތާށިވެފައި ހުރި ބެޓެރެރިތަކެއްގެ ސަބަބުން ކަމަށް މަސްކު ވިދާޅުވި އެވެ.

ނަމަވެސް ޓެސްލާއަށް ކުރިމަތިވެފައިވާ މި ގޮންޖެހުންތައް ވަރަށް އަވަހަށް ހައްލުކުރެވޭނެ ކަމަށާއި، އެ ކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަން ޖެހިވަޑައިންނަވާނެ ކަމަށް މަސްކު ވިދާޅުވި އެވެ.

ޓެސްލާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދުނިޔެއަށް ބޯމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ޓެސްލާގެ %3.5 މުވައްޒަފުން މަދުކުރުމަށް ރާވާފައިވާ ކަމަށް މަސްކު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފަ އެވެ. އަދި ސަޕްލައިތަކުގެ އަގުތައް ބޮޑުވުމުގެ ސަބަބުން އެމެރިކާގެ ބާޒާރުގައި ޓެސްލާ އިން ވިއްކާ ކާރުތަކެއްގެ އަގު މިދިޔަ ހަފްތާގައި އެ ކުންފުނިން ވަނީ %5 މައްޗަށް ޖައްސާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް