(ފޮޓޯ/ ރޮއިޓާސް)

މަސްކު ޓުވިޓާގެ މުވައްޒަފުންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވަނީ

ޓުވިޓާ ބައްލަވައިގަތުމަށް 44 ބިލިއަން ޑޮލަރު ހުށަހެޅުއްވި މަސްކާ ސުވާލުކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ދޭނެ

ސޯޝަލް މީޑިއާ ކުންފުނި ޓުވިޓާ ގަތުމަށް މިދިޔަ އޭޕްރީލް މަހު 44 ބިލިއަން ޑޮލަރު ހުށަހެޅުއްވި ބިލިއަނަރު އީލޯން މަސްކު ޓުވިޓާގެ މުވައްޒަފުންނާ ފުރަތަމަ ފަހަރަށް މާދަމާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ބައްދަލުވުމުގައި މަސްކާ ކުރަން ބޭނުންވާ ސުވާލުތައް ހުށަހެޅުމަށް އަންގަވައި ޓުވިޓާގެ ސީއީއޯ ޕަރަގް އަގްރަވާލް މިދިޔަ ހޯމަ ދުވަހު ވަނީ ހުރިހާ މުވައްޒަފުންނަށް އީމެއިލެއް ފޮނުއްވައިފަ އެވެ.

ޓުވިޓާގައި ހުރި ފޭކް އެކައުންޓުތަކުގެ ފުރިހަމަ މައުލޫމާތުތައް ފޯރުކޮށް ނުދޭ ނަމަ ޓުވިޓާ ގަތުމަށް ހުށަހެޅުއްވި ޑީލު ދޫކޮށްލައްވާނެ ކަމުގެ އިންޒާރު މަސްކު ވަނީ މި ފަހުން ދެއްވާފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ރެގިއުލޭޓަރުންނަށް މަސްކު ފޮނުއްވި ސިޓީއެއްގައި ވަނީ ކުންފުނި ބައްލަވައިގަތުމުގެ ކުރިން އަމިއްލައަށް ސްޕޭމް އެކައުންޓުތަކުގެ މިންވަރު ދެނެގަނެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މިއީ ޓުވިޓާ ގަތުމަށް ހުށަހެޅުއްވި އަގު ދަށްކުރެއްވުމަށް ނުވަތަ ޑީލު ދޫކޮށްލެއްވުމަށް މަސްކު ގެންގުޅުއްވާ އުކުޅެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މަސްކު ޓުވިޓާ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމާ ގުޅޭ. (ވީޑިއޯ/ ޔާހޫ ފައިނޭންސް)

ނިއު ޔޯކުގެ ހިއްސާގެ ބާޒާރުގައި ޓުވިޓާގެ ހިއްސާގެ އަގު މިދިޔަ ހޯމަ ދުވަހު ހުރީ 37.03 އެމެރިކާ ޑޮލަރުގަ އެވެ. މިއީ ޓުވިޓާ ގަތުމަށް މަސްކު ހުށަހަޅުއްވާފައިވާ ހިއްސާއަކަށް 54.20 ޑޮލަރަށް ވުރެ ވަރަށް ބޮޑުތަން ދަށް އަގެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް