ކުރު ވީޑިއޯތައް ޝެއާކުރުމަށް ޒުވާން އަފްގާން ފިރިހެނުންގެ މެދުގައި ޓިކްޓޮކް މަގުބޫލު. (ފޮޓޯ/ ގެޓީ އިމޭޖެސް)

ޓިކްޓޮކް އާއި ޕަބްޖީން ޒުވާނުން 'މަގުފުރައްދާތީ' އަފްގާނިސްތާނުގައި މަނާކުރަނީ

މިއީ ތާލިބާނުން މިދިޔަ އަހަރު އަފްގާނިސްތާނަށް ވެރިވެގަތް ފަހުން މަނާކުރާ ފުރަތަމަ މޮބައިލް އެޕް

ޒުވާނުން މަގުފުރައްދާ ކަމަށް ބުނެ، މަގްބޫލު ވީޑިއޯ ޝެއާ ކުރެވޭ އެޕްލިކޭޝަން ޓިކްޓޮކް އާއި އޮންލައިންކޮށް ގިނަ ބަޔަކަށް ކުޅެވޭ ގޭމު ޕަބްޖީ އަފްގާނިސްތާނުގައި މަނާކުރުމަށް ތާލިބާނުން ނިންމައިފި އެވެ.

މީގެ އިތުރުން "ނާތަހުޒީބު" ކޮންޓެންޓުތައް ދައްކާ ޓީވީ ޗެނަލްތައް ވެސް ބަންދު ކުރާނެ ކަމަށް ތާލިބާނުން ވަނީ ބުނެފަ އެވެ.

ތާލިބާނުން މި ގޮތަށް ނިންމާފައި މިވަނީ، މިއުޒިކާއި ފިލްމާ އަދި ޓީވީ ސީރީސްތައް ވެސް މި ފަހުން މަނާކޮށްފައި ވަނިކޮށެވެ.

މިދިޔަ އަހަރު ތާލިބާނު ހަނގުރާމަވެރިން އަފްގާނިސްތާނަށް ވެރިވެގަތުމަށް ފަހު ވެރިކަން ކުރުމުގައި ހަރުކަށި ގޮތްތައް ނުގެންގުޅެން ވައުދުވި ނަމަވެސް، މިހާތަނަށް އެފަދަ މައިތިރިކަމެއް ދައްކާފައެއް ނުވެ އެވެ. ވަކިން ހާއްސަކޮށް ތާލިބާނުން ދަނީ އަންހެނުންގެ ގިނަ ހައްގުތަކަކަށް އަރައިގަންނަމުންނެވެ.

ތާލިބާނުން 1996 އިން 2001އަށް އަފްގާނިސްތާނުގައި ވެރިކަން ކުރި ދުވަސްވަރު ވެސް ގެންގުޅެފައި ވަނީ ވަރަށް ހަރުކަށި އުސޫލުތަކެކެވެ.

އަފްގާނިސްތާނުގައި ހިތްހަމަޖައްސާލުމަށް ގިނަ ޒުވާނުންނަށް ގޭމުކުޅުން ނޫން ގޮތެއް ނެތް ކަމަށް މި ޒުވާނާ ބުނޭ. (ފޮޓޯ/ ނިއު ޔޯކު ޓައިމްސް)

ތާލިބާނުންގެ ތަރުޖަމާނު އިނާމުއްލާ ސަމަންގާނީ ވިދާޅުވި ގޮތުގައި، މި އުސޫލު ތަންފީޒު ކުރުން މަޖުބޫރުވީ "ޒުވާން ޖީލު މަގުފުރެދިގެން ދިއުން" ހުއްޓުވުމަށެވެ.

ނަމަވެސް، މި އުސޫލު ތަންފީޒު ކުރަން ފަށާނެ ތާރީހަކާއި މުއްދަތެއް ތާލިބާނުން އަދި ހާމަކޮށްފައެއް ނުވެ އެވެ. މިއީ މިދިޔަ އޮގަސްޓު މަހު އަފްގާނިސްތާނުގެ ކޮންޓްރޯލު ނެގި ފަހުން ތާލިބާނުން މަނާކުރާ ފުރަތަ މޯބައިލު އެޕްލިކޭޝަންތަކެވެ.

އަފްގާނިސްތާނުގެ 39 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ތިން ބައިކުޅަ ދެބަޔަކީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންނެވެ. ފާއިތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި އަފްގާނިސްތާނުގައި އިންޓަނެޓު ބޭނުންކުރާ މީހުންގެ އަދަދު ވަނީ ނުވަ މިލިއަނަށް އަރާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް