މިފަދަ ސްޕޮންޖުތައް ދިރިއުޅެނީ ކަނޑުއަޑީގައިވާ އަލިފާން ފަރުބަދަތަކުގެ މަތީގައި.

ސައިންސް

އާކްޓިކްގައި ބޮޑެތި ސްޕޮންޖުތައް ދިރި ތިބެނީ މަރުވެފައިވާ އެއްޗެހި ކައިގެން

ފިނި، އަނދިރި އަދި ކާއެއްޗެއް ނެތް ހިސާބެއްގައި މިފަދަ ދިރުންތައް ބަދަހިވެ އާލާވެފައިވާތީ ސައިންސްވެރިން ފުރަތަމަ ހައިރާންވި
10 ފެބްރުއަރީ 2022

އާކްޓިކްގެ ފިނި ކަނޑުތަކުގެ އެންމެ އަޑީގައި ދިރިއުޅޭ ބޮޑެތި ސްޕޮންޖުތަކުގެ އާބާދީ ދިރި ތިބޭ ގޮތް ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ކަނޑުގައި އުޅޭ މިފަދަ ސްޕޮންޖުތައް ދިރި ތިބެނީ މީގެ އެތައް ހާސް އަހަރެއް ކުރިން މަރުވެފައިވާ ފަންޏާއި ނެތިފަނާވެ ގޮސްފައިވާ ދިރުންތަކުގެ ހަށިތަކުގެ ބާކީ ބައިތައް ކައިގެން ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެންމެ ފުން ކަނޑުތަކާއި ތިލަ ކަނޑުތަކުން ވެސް ފެންނަ ސްޕޮންޖަކީ ވަރަށް ޒަމާންވީ އާދައިގެ ދިރުންތަކެކެވެ. އަދި އާކްޓިކް ކަނޑުގެ އެންމެ ފުނުގައި މިފަދަ ސްޕޮންޖުތައް ބޮޑެތި އަދަދުތަކުން އަދި ބޮޑެތި ސައިޒުތަކުން އުޅޭކަން ވަނީ ޔަގީން ކުރެވިފަ އެވެ.

މިފަދަ ބޮޑެތި "ސްޕޮންޖު ބަގީޗާ" ތަކަކީ ނޯތު ޕޯލުގެ ގަނޑުފެންގަނޑުތަކުގެ އަޑީގައި ބަދަހިކަމާ އެކު ދިރިއުޅެމުން އަންނަ އާދަޔާ ހިލާފު ގިނަ ދިރުންތަކުގެ ބައެއް ކަމަށް ޖަރުމަނުގެ ބްރެމެންގައި ހުންނަ މެކްސް ޕްލަންކް އިންސްޓިޓިއުޓް ފޮ މެރިން ބައޮލޮޖީގެ ޑރ. ތެރެސާ މޯގަންޓީ ވިދާޅުވި އެވެ.

"އަހަރުމެންނަށް ވަނީ ވަރަށް ބޮޑެތި ސްޕޮންޖުތައް ފެނިފައި. އެ އެއްޗެހީގެ ބޮޑު މިނުގައި ހުރަހަށް އެއް މީޓަރު ހުރޭ. މިއީ ކުރީ ޒަމާންތަކުގައި ނެތިފަނާވެފައިވާ ދިރުންތަކުގެ ބާކީ ބައިތައް ސްޕޮންޖުތަކުން ކަމުންދާ ކަމުގެ ހެކި ހޯދުނު ފުރަތަމަ ފަހަރު،" މޯގަންޓީ ވިދާޅުވި އެވެ.

އާކްޓިކަކީ މޫސުމީ ބަދަލުތަކާ ގުޅިގެން އެންމެ ބޮޑަށް ދުނިޔޭގައި އަސަރުކުރާ އެއް ސަރަހައްދު.

ގަނޑުފެންތަކުގެ އަޑިއަށް ކެމެރާއެއް ތިރިކޮށްގެން، ކަނޑުގެ އެންމެ ފުނުގައި ބޮޑު ބަގީޗާއެއް ގޮތަށް ފެތުރިފައިވާ ސްޕޮންޖުތަކުގެ ފޮޓޯ ސައިންސްވެރިން ވަނީ ނަގާފަ އެވެ. މި ފޮޓޯތަކާ އެކު މިފަދަ އާދައިގެ ދިރުންތަކެއް ކާއެއްޗެއް ނެތް މިހާ ފިނި، އަނދިރި ތަނެއްގައި ދިރި ތިބޭ ގޮތާ މެދު ސައިންސްވެރިންނަށް ބޮޑެތި ސުވާލުތަކެއް އުފެދުނެވެ.

މި ފަހުން އާކްޓިކް ސަރަހައްދުން ނެގި ސާމްޕަލްތަކުން މިފަދަ ސްޕޮންޖުތަކުގެ އެވެރެޖް އުމުރު ހުރީ 300 އަހަރުގައި ކަމަށް ވަނީ ހޯދިފަ އެވެ. މި ސްޕޮންޖުތައް ދިރި ތިބެނީ މީގެ އެތައް ހާސް އަހަރެއް ކުރިން ނެތިގޮސްފައިވާ ދިރުންތަކުގެ ބާކީ ހުރި އެއްޗެހި ބެކްޓީރިއާގެ އެހީގައި ކައިގެންކަން ވަނީ ހޯދިފަ އެވެ.

"ސްޕޮންޖުތައް ދިރި ތިބެން ބޭނުންވާ ތަނުގައި މަރުވެފައިވާ ދިރުންތަކުގެ ފަށަލައެއް އެބައޮތް،" އާކްޓިކްގައި ހިންގި ސައިންސް އެކްޕެޑިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޕްރޮފެސާ އަންތުޖެ ބޮއެޓިއަސް ވިދާޅުވި އެވެ.

"ދެން އެންމެ ފަހުން އަހަރުމެންނަށް މި އެނގުނީ މިހާ ގިނަ އަދަދަކަށް ސްޕޮންޖު މިތާ މި ހުރީ ކީއްވެގެންކަން. އެއީ ސިމްބައޮންޓްސް (ބެކްޓީރިއާ) އެހީގައި މިތާ ހުރި ކުރީގެ ދިރުންތަކުގެ ބާކީ ބޭނުން ކުރާތީކަން."

މި ސްޕޮންޖުތައް މަސައްކަތް ކުރަނީ މި ވެށީގެ އިންޖިނިއަރުން ފަދައިން މާހައުލުގެ ސިއްހަތު ބަލަހައްޓަމުން.

މި ހުރިހާ ކަމަކުން ހާމަވެގެން މި ދިޔައީ މި ދުނިޔެއާ ބެހޭ ގޮތުން ދަސްކުރަން ހުރި ކަންކަން އަދިވެސް ގިނަކަން ކަމަށާއި ގަނޑުފެންތަކުގެ އަޑިން އަދިވެސް ތަފާތު ވައްތަރުގެ ދިރުންތައް ފެނުން އެކަށީގެންވާ ކަމަށް ޕްރޮފެސާ ބޮއެޓިއަސް ވަނީ ވިދާޅުވެފަ އެވެ.

"ބައިވަރު އޭލިއަން ވައްތަރުގެ ދިރުންތައް އެބައުޅޭ، ވަކިން ހާއްސަކޮށް އަހަރުމެންނަށް ބެލޭނެ ޓެކްނޮލޮޖީއެއް ނެތް، ބަލާލެވޭނެ ގޮތެއް ނެތް، ޗާޓެއް ނެތް ގަނޑުވެފައިވާ ކަނޑުތަކުގައި،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ދުނިޔެ ހޫނުވަމުން ދިއުމާ ގުޅިގެން ވިރެމުންދާ ގަނޑުފެންތަކުގެ ސަބަބުން މިފަދަ ދިރުންތަކަށް ވެސް އަސަރު ކުރަމުންދާ ކަމުގެ އިންޒާރު ދިރާސާކުރާ ފަރާތްތަކުން ވަނީ ދީފަ އެވެ.

ފާއިތުވެދިޔަ 30 އަހަރުގެ ހޫނު މޫސުމުގައި އާކްޓިކްގެ ގަނޑުފެންތަކުގެ ސައިންޓިފިކް މިނުންތަކުން ގަނޑުފެންގަނޑުގެ ބޯމިނާއި ގަނޑުފެންގަނޑުގެ އަދަދު މަދުވަމުން ދާކަން ވަނީ ފާހަގަކުރެވިފަ އެވެ.

"ހަލުވިކަމާ އެކު ނެތެމުންދާ ގަނޑުފެންތަކާއި ބަދަލުވަމުންދާ ކަނޑުއަޑީގެ މާހައުލާ ގުޅިގެން އާކްޓިކްގެ ކަނޑުތަކުގައި ދިރިއުޅެމުންދާ އާދަޔާ ހިލާފު ދިރުންތައް ހިމާޔަތް ކުރުމަށް މި ދިރުންތަކާ ބެހޭ މައުލޫމާތު ހޯދުން ކޮންމެހެން މުހިންމު،" ޕްރޮފެސާ ބޮއެޓިއަސް ވިދާޅުވި އެވެ.

ސައިންސްވެރިންގެ މި ދިރާސާ ވަނީ ނޭޗާ ކޮމިއުނިކޭޝަންސް މަޖައްލާގައި ޝާއިއުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް