ޓިކްޓޮކް.

އެޕްލިކޭޝަން މަނާކުރާ ގާނޫނާ ދެކޮޅަށް ޓިކްޓޮކް އިން ދައުވާކޮށްފި

މީގެ ކުރިން ޓިކްޓޮކް އިން ކޯޓަށް ވެއްދި ބައެއް މައްސަލަތައް އެ ކުންފުންޏާ އެއް ކޮޅަށް ވެސް ނިމިފައި އެބަހުރި

އެމެރިކާގައި ހިންގާ ވިޔަފާރި ވިއްކާ ނުލައިފި ނަމަ އެމެރިކާގައި ޓިކްޓޮކް އެޕްލިކޭޝަން މަނާކުރުމަށް ތަސްދީގު ކުރި ގާނޫނާ ދެކޮޅަށް ޓިކްޓޮކް އިން ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

ރައީސް ބައިޑަން މިދިޔަ މަހު ތަސްދީގު ކުރެއްވި ގާނޫނަކީ ޓިކްޓޮކް ކުންފުންޏަށާއި 170 މިލިއަން އެމެރިކާ ރައްޔިތުންގެ "ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އެޅި އާދަޔާ ހިލާފު ހުރަހެއް" ކަމަށް ކޯޓަށް ހުށައަޅާފައިވާ ލިޔުންތަކުގައި ޓިކްޓޮކް އިން ބުނެފައިވެ އެވެ.

އަދި ވޮޝިންޓަނުން މި ފިޔަވަޅު އަޅާފައި ވަނީ "ހިނގައިފާނެ ކަންބޮޑުވުންތަކުގެ" މައްޗަށް ބިނާކޮށް ކަމަށާއި މި ގާނޫނު ހުއްޓުވައި ދިނުމަށް ޓިކްޓޮކް އިން ކޯޓުގައި އެދިފައިވެ އެވެ.

ގައުމީ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ޓިކްޓޮކް މަނާކުރާ ބިލް މިދިޔަ މަހު ފާސްކޮށްފައި ވަނީ އެކަމާ މެދު ވޮޝިންޓަންގައި މަޝްވަރާ ކުރަމުން އަންނަތާ އަހަރުތަކެއް ވެފައި ވަނިކޮށެވެ. އެމެރިކާގެ އެތައް މިލިއަން ރައްޔިތުންނެއްގެ މައުލޫމާތުތައް ޗައިނާ ސަރުކާރަށް ލިބި އެފަދަ މައުލޫމާތުތައް ބޭނުންކޮށް ޕްރޮޕެގަންޑާ ހިންގައިފާނެ ކަމާ މެދު ވޮޝިންޓަނުން ކަންބޮޑުވެ އެވެ.

ޗައިނާ ސަރުކާރުން ވަނީ ވޮޝިންޓަންގެ މި ފިޔަވަޅުތަކަކީ 'ބުލީ' ކުރުން ކަމަށް ސިފަކޮށް ޓިކްޓޮކްގެ އެމެރިކާ ވިޔަފާރި ނުވިއްކާނެ ކަމަށް އިޝާރާތް ކޮށްފަ އެވެ.

ޓިކްޓޮކް އިން ވެސް ވަނީ ވިޔަފާރި ވިއްކުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެ އެ ކުންފުނި ހިންގަމުން އަންނަނީ ޗައިނާ ސަރުކާރާ މުޅިން މިނިވަންކޮށް ކަމަށް ބުނެފަ އެވެ.

މިދިޔަ މަހު އެމެރިކާގައި ތަސްދީގު ކުރި ގާނޫނާ އެކު އަންނަ އަހަރުގެ ޖަނަވަރީ މަހާ ހަމަައަށް ޓިކްޓޮކްގެ އެމެރިކާ ވިޔަފާރި ވިއްކާ ނުލައިފި ނަމަ އެމެރިކާގެ އެޕް ސްޓޯރުތަކުގައި ޓިކްޓޮކް ލިބެން ހުރުން މަނާވެގެން ދާނެ އެވެ. އަދި ވިޔަފާރި ވިއްކާލުމަށް ޓިކްޓޮކް އިން ކުރިއެރުންތަކެއް ހޯދާފައިވާ ނަމަ އެ މުއްދަތު ތިން މަސް ދުވަހަށް އިތުރު ކުރުމުގެ އިހްތިޔާރު ރައީސް ޖޯ ބައިޑަން އަށް ލިބިވަޑައިގެންފައިވެ އެވެ.

އެޕްލިކޭޝަން މަނާކުރާ ގާނޫނާ ދެކޮޅަށް ޓިކްޓޮކް އިން ދައުވާ އުފުލުމާ ގުޅޭ (ވީޑިއޯ/އެންބީސީ ނިއުސް)

ވޮޝިންޓަންގެ ކޯޓަށް ޓިކްޓޮކް އިން އިއްޔެ ވެއްދި މައްސަލާގައި 270 ދުވަސް ތެރޭ އެމެރިކާގެ ވިޔަފާރި ވިއްކާލުމަކީ ވިޔަފާރީގެ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުންނާއި އަދި ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އަދި މީގެ ކުރިން ވޮޝިންޓަނުން ޓިކްޓޮކް އަށް އެޅި ހުރަސްތަކާ ދެކޮޅަށް ހުރަސްތައް އެމެރިކާގެ ކޯޓުތަކުން ނިންމާފައިވާ ކަމަށް ވެސް އިއްޔެ ހުށައެޅި މައްސަލައިގައި އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި ވެސް ޓިކްޓޮކް އަށް ހުރަސްތަކެއް އަޅަން މަސައްކަތް ކޮށްފައިވެ އެވެ.

މީގެ އިތުރުން ވެސް ވޮޝިންޓަންގެ ކަންބޮޑުވުންތަކާ ގުޅިގެން އެމެރިކާ ރައްޔިތުންނާ ބެހޭ މައުލޫމާތުތައް ރައްކާތެރި ކުރުމަށް 2 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ޓިކްޓޮކް އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް